ޚަބަރު

ނާއިލާއަކީ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި ލާމަސީލު ނަމޫނާއެއް: ރައީސް ޞާލިޙް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހެންވޭރު ނީލްވިލާ ނާއިލާ އިބްރާހީމް ކަލޭފާނު

އަލްމަރްޙޫމް ނާއިލާ އިބްރާޙިމް ކަލޭފާނަކީ ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި ލާމަސީލު ނަމޫނާއެއް ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވި ހ. ނީލްވިލާ، ނާއިލާ އަކީ އަމިނިއްޔާ ސްކޫލްގައި ވަރަށް ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވި މުދައްރިސެކެވެ. އެކަމަނާ މިއަދު އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ.

ނާއިލާ ނިޔާވުމާއ ގުޅިގެން އެ އާއިލާއަށް މިއަދު ރައީސް ޞާލިޙް ވަނީ ތަޢުޒިޔާގެ މެސެޖެއް ފޮނުވައިފައެވެ. އެ މެސެޖުގައި ރައީސް ވިދާޅުވީ މި ޚަބަރު އެއްސެވީ، ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި، މި ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ތަފާތު މަގާމުތަކުގައި، އެ ސްކޫލަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އަދި އަމީނިއްޔާ ސްކޫލްގެ ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. އަދި އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނަކީ، އަމީނިއްޔާ ސްކޫލްގެ ދަރިވަރުން ތަރުބިއްޔަތު ކޮށްދެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު، ސަރުކާރުގެ ޚިދުމަތް ފެއްޓެވީ،28 ޑިސެންބަރު 1971 ގައި އަމީނިއްޔާ ސްކޫލްގެ ޓީޗަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން، އެ ސްކޫލްގެ ހިސްޓްރީ ޓީޗަރު ކަމާއި، ސޯޝަލް ސްޓަޑީޒް ޓީޗަރު ކަމާއި، ހެޑްޓީޗަރު ކަމާއި، ސެކަންޑަރީ ސުޕަވައިޒަރ ކަމާއި، ސުޕަވައިޒަރ ކަމުގެ މަގާމު ފުރުއްވިއެވެ. އެ ކަމަނާ އަމީނިއްޔާ ސްކޫލަށް 26 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވެއެވެ. ނާއިލާ އިބްރާހީމް ކަލޭފާނު ވަނީ ޣިޔާޘުއްދީން ސްކޫލްގެ ސުޕަވައިޒަރު ކަމާއި، ޤައުމީ ކުތުބުޚާނާގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!