ބުދަ ދުވަހުގެ ރޭ އިދިކޮޅުން ބޮޑު އިހުތިޖާޖެއް ކުރަނީ

މި ހަފްތާގެ ބުދަ ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަން ޕީޕީއެމް،ޕީއެންސީ އިން ބޮޑު އިހުތިޖާޖަކަށް ނިކުންނާނެ ކަމަށް އެ ކޯލިޝަނުން އިއުލާނު ކޮށްފިއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، މި އިހުތިޖާޖަކީ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކޮށްދިނުމަށް އެދި ޤާނޫނާ ޚިލާފު ނުވާނެހެން ކުރާ އިހުތިޖާޖެއް ކަމަށެވެ.
މި އިހުތިޖާޖު ފެށުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެ ރޭގަނޑު 9:45 ގައި ޕީޕިއެމް އޮފީސް ކުރިމަތިންނެވެ.
އޭނާ ވިދާޅުވީ، ޑިމޮކްރަސީގެ ރިވެތި އުސޫލުން ރައީސް ޔާމީނަށް ލުޔެއް ދެވޭތޯ އެތައް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި، އެގޮތުން މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަރިހަށް ޕީޕީއެމްގެ ލީޑަރޝިޕުން ވަޑައިގެން އެ މަނިކުފާނުގެ އަރިހުން ރައީސް ޔާމީނަށް ލުޔެއް ލިބޭތޯ މަސައްކަތް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ސަރުކާރަށް އެ އާދޭހުގެ އަޑު ނީވޭ ކަމަށާއި، އިންސާފަށް ޓަކައި އަނެއްކާ ވެސް މަގުމައްޗަށް ނިކުންނަން ތައްޔާރަށް ތިބި ކަމުގައި ވެސް މުޙައްމަދު ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ރޯދައިގެ ކުރީން ވަނީ ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. ކޮންމެ ހުކުރު ދުވަހަކު ބާއްވަމުން ދިޔަ އެ މުޒާހަރާތައް މެދުކަނޑާލީ ރޯދައަށް ކަމަށް އިދިކޮޅުން ބުނެއެވެ.