ހަގީގީ ހާދިސާ

އެކުވެރިޔާ ނިޔާވީ އޭނަގެ ބައްޕަ ނިޔާވިތާ އެންމެ ތިން ދުވަސް ފަހުން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެއީ މަޑުމައިތިރި ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ. މައިންބަފައިން ފަޚުރުވެރިވާ ފަދަ މޮޅު ދަރިއެކެވެ. އަދި ދީނީ ކަންކަމަށް ލޯބި ކުރާ އަދި އެހެންމީހުން ދީނީ ކަންކަމަށް އަހުލުވެރި ކުރުމަށް ގަދައަޅައި މަސައްކަތް ކުރި ހީވާގި ޒުވާނެކެވެ. އެހެން ޒުވާނުންނަށް އަގުހުރި ނަމޫނާ ދައްކަމުން އަންނަ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ.

Ads by STELCO

މިއަދު އެ އެކުވެރިޔާ އަހަރެންގެ ގާތުގައި ނެތަސް، އެ އެކުވެރިޔާގެ އަސަރުގަދަ ވަކިވެދިއުމަކީ މާތްﷲ ގެ ކުޅަދުންވަންތަކަން އޭގެން ހާމަވެގެން ދިޔަ ހެއްކެކެވެ. އެފަކީރު މި ދުނިޔެ ދޫކުރީ އެފަކީރު ބައްޕަ ނިޔާވިތާ އެންމެ ތިން ދުވަސް ވީ ފަހުންނެވެ. ބައްޕަގެ ޖަނާޒާގެ ހުރިހާ ކަމެއްގައި ވެސް އޭނާ އުޅުނީ ގަދަފަދަ ހާލުގައެވެ. އެހެން ނަމަވެސް ކޮންމެ ސިކުންތަކު ވެސް ދިރިއުޅުން ބަދަލުވެދާނެ ކަމީ އޭގައި ޝައްކެއް އޮތް ކަމެއް ނޫނެވެ.

ބައްޕަގެ ނިމުމާއެކު އެ ގޭގައި ހުރި ހަމައެކަނި ފިރިހެނަކީ ވެސް އެއީ އެވެ. ބައްޕަ ނިޔާވި ދުވަހު އެފަކީރު ވަރަށް ހިތްވަރު ކުރިއެވެ. އާއިލާ އެއްވެސް މީހެއްގެ ކުރިމަތީގައި އޭނާގެ ލޮލުން ކަރުނަތިއްކެއް ވެސް ނުބާލައެވެ. އެއަށް ވުރެ ހިތްވަރު ކުރިއެވެ. އެހެން ނަމަވެސް އަހަރެންނާއެކު އޭނާ އެ ރުއި ރުއިމާއި ވޭނީ ގިސްލުމުގެ އަޑު އަހަރެންގެ ކަންފަތުން ދުވަހަކު ވެސް ފިލައިގެންނެއް ނުދާނެއެވެ. އެވަގުތުކޮޅަކީ އެ ފަކީރު އެހީތެރިކަމަށް އެދި އަހަރެންގެ ކޮނޑުމަތީގައި ބޯއަޅައިގެން އެތައް އިރެއް ވަންދެން ރޯން އޮތް ވަގުތު ކޮޅެވެ. އެ އަޑަކީ ވޭނުން ފުރިފައިވާ މޮޅިވެރި އަޑެކެވެ.

ބައްޕަ ނިޔާވިތާ ތިންވަނަ ދުވަހު އަހަރެން އޭނާގެ ހަބަރެއް ނުވުމުން އެގެއަށް ދިޔައީމެވެ. އަދި އޭނާ މަންމަ ކުރެން އަހަރެން ސުވާލު ކުރީމެވެ. އަހަރެންގެ އެކުވެރިޔާ ކޮބައިހޭ ކުރި ސުވާލަށް މަންމަ ބުނީ އޭނާ އޮތީ ނިދާފައި ކަމަށެވެ. އެވަގުތު އަހަރެން ހައިރާންވިއެވެ. ސަބަބަކީ އޭނާއަކީ ދުވަހަކު ވެސް މެންދުރު ނަމާދު ވަގުތު ފަހަނައަޅައި ދާންދެން ނިދަން އޮންނަ މީހަކަށް ނިވާތީއެވެ. އަދި އޭރު ގަޑިން އެއްގަޑި ބައިވެ ބޮޑުވަނީއެވެ.

ކޮޓަރިއަށް ވަނުމަށް މިސްރާބު ޖެހީމެވެ. ދޮރު ހުޅުވާލުމާއެކު އަހަރެންގެ ކަންފަތުގައި ޖެހުނީ އެންމެ ފުރަތަމަ ވެސް އެކުވެރިޔާގެ ފޯނުން ޖަހައިފައިވާ ޔާސީން ސޫރަތުގެ އަޑެވެ. އެ އަޑު އިވުމުން ހިތަށް ލިބިގެން ދަނީ ބުނެދޭން ނޭނގޭ ކަހަލަ ތަސައްލީއެކެވެ. ދެން އަހަރެން އެކުވެރިޔާ ގާތަށް ގޮސް އެނދުގައި އިށީނުމަށް ފަހު ގޮވަން ފެށީމެވެ.

ތިން ފަހަރު ނަމުން ގޮވާލުމަށް ފަހު ކޮނޑުގައި ކޮށްޓާލަމުން އަހަރެން އޭނާއަށް ގޮވާލީމެވެ. ޚަބަރެއް ނުވިއެވެ. އަހަރެން ހާސްވާން ފަށައިފިއެވެ. ދައްތައާ އެންމެންނަށް ގޮވައިފީމެވެ. އެކުވެރިޔާގެ ވިންދުގެ އަޑެއް އަހަރެންނަކަށް ނީވެއެވެ. ނޭވާލާހެން ހީއެއް ނުވެއެވެ. ވީ އެންމެ އަވަހަކަށް ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސްފީމެވެ. އަދި ޑޮކްޓަރު ކުރެން އޭނާ އެއޮތީ ކިހިނެއް ވެފައިތޯ ބެލުމަށް އެދުނީމެވެ.

ޑޮކްޓަރުގެ ދެލޯ ބޮޑުވެ، ހާސްވެއްޖެއެވެ. ޑޮކްޓަރު އަހަރެންނަށް ދިން ޚަބަރުން ގޮތް ހުސްވެއްޖެއެވެ. އެކަނިވެރިކަން އައިސް މުޅި މާހައުލަށް ވެރިވެގަންނާން ފެށިހެން އަހަރެންނަށް އިހުސާސް ކުރެވުނެވެ. އަހަރެންގެ އެކުވެރިޔާ މިދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

އަހަރެން މިއަދު ރޯނީ ވެސް ފަހެ ކާކުގެ ކޮނޑެއްގައި ބޯ އަޅައިގެން ހެއްޔެވެ؟ އަހަރެން މިއަދު ވާހަކަތައް ހިއްސާ ކުރާނީ ކާކާ ހެއްޔެވެ؟ އެކުވެރިޔާއެއް މިއަދަކު ނެތެވެ. އެހެން ނަމަވެސް އަހަރެމެން ދެމީހުން ޖެހިހާ ސަކަރާތާއި ދެކެވުނުހާ ސިއްރުތަކާއި ވާހަކަތައް ތާއަބަދުމެ މި ހިތުގައި ބިންވަޅުނެގިފައި ވާނެއެވެ.

އެކުވެރިޔާ ދުނިޔެ ދޫކޮށް އެ ދިޔައީ އެ އެކުވެރިޔާގެ ބައްޕަ ނިޔާވިތާ އެންމެ ތިން ދުވަސް ފަހުންނެވެ. އާއިލާއަށް އެ ލިބިގެން ދިޔައީ ހާދަހާ ބޮޑު ހިތާމައެކެވެ. ގެއްލިގެން އެދިޔައީ ހިތްވަރުގަދަ ޒުވާނެކެވެ. އެތައް ބަޔަކު ރޮއްވާލުމަށް ފަހު އެކުވެރިޔާ ތި ދިޔައީ ހެއްޔެވެ؟ އެކުވެރިޔާއަށް ޓަކައި އަހަރެމެން އެންމެންގެ ހިތް ހެވެއެވެ. އެކުވެރިޔާ ނެތް ދުނިޔޭގައި ތިޔަ އެކުވެރިޔާގެ އާއިލާގެ ޙާލު އެންމެ ގާތުން އަހަރެން ބަލާނަމެވެ. އަމިއްލަ އާއިލާ ފަދައިންނެވެ. އެދެނީ އެކުވެރިޔާއާ ޖަންނަތުން ބައްދަލު ވުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!