ޚަބަރު

ރައީސް ޔާމީން ޖެއްސެވީ ފައިޒާ ވެކްސިން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައީސް ޔާމީން ވިޝަން އޮޕްޓިކަލްސްް ކައިރީގައި- ފޮޓޯ: ދިޔަރެސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ، ފައިޒާ ވެކްސިން ޖައްސަވައިފިއެވެ.

Ads by MWSC

ރައީސް ޔާމީން ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައި ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައެވެ. އެމަނިކުފާނު އެ ވެކްސިންގެ ދެވަނަ ޑޯޒް ދެން ޖައްސަވާނީ މީގެ ހަތަރު ހަފްތާ ފަހުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރިން ވިދާޅުވި ގޮތުގައި، ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖައްސަވަން މި މަހުގެ 14 ވަނަ ދުވަހު ވެސް ރައީސް ޔާމީން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިއެވެ. ނަމަވެސް ވެކްސިން ޖަހަން އެރޭ ރައީސް ޔާމީން ދެކޮޅު ހެއްދެވި ކަމަށާއި އެހެންކަމުން ވެކްސިން ނުޖަހާ އެރޭ އެމަނިކުފާނު އަނބުރާ ޖަލަށް ގެންދެވީ ކަމަށް ވެސް ކަރެކްޝަންސްއިން ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ކަރެކްޝަންސްގެ އެ ވާހަކަތައް ދޮގު ކޮށްފައެވެ.

ރައީސް ޔާމީން މިރޭ ވެކްސިން ޖެއްސެވުމާއެކު، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިވަގުތު ތިބި ރާއްޖޭގެ ކުރީގެ ހުރިހާ ރައީސުން ވެސް މިވަނީ ވެކްސިން ޖައްސަވައިފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!