ޚަބަރު

ވިޔަފާރިއާއި ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ލޯޖެހި އަޙުމަދު މަނިކު އަވަހާރަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ލޯޖެހި އަޙުމަދު މަނިކު/ ފޮޓޯ: އަވަސް

ވިޔަފާރިއާއި ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ލޯޖެހި އަޙުމަދު މަނިކު އަވަހާރަވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އަހްމަދު މަނިކު އަވަހާރަވީ މިއަދު އިރާކޮޅުގެ ވަގުތެއްގައެވެ. އެމަނިކުފާނު އަވަހާރަވީ ސިއްހީ ބޮޑު ބައްޔަކަށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްވަމުން ގެންދަވަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި މަހުގެ އަށްވަނަ ދުވަހު އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން، އަހުމަދު މަނިކަށް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ވެސް ފަރުވާ ދެއްވައިފައެވެ.

ލޯޖެހި އަހުމަދު މަނިކުގެ 14 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވެ.

އެ އާއިލާއިން ބޭފުޅަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަހްމަދު މަނިކުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ވަކި ވަގުތެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

ލޯޖެހި އަހުމަދު މަނިކަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ އެއް ބޭފުޅެކެވެ. އޭނާގެ ޚިދުމަތް މި ދާއިރާއިން ފެށިފައި ވަނީ މީގެ 51 އަހަރު ރައީސް އިބްރާހީމް ނާސިރު "ބީޗްވިލާ“ ހިންގަވަން ފެށްޓެވި ދުވަސްވަރު 1961 ވަނަ އަހަރުއެވެ. އޭރު ޑޮންޑޮން ފުޅީގައި ބަންދު ކޮށްގެން ނެރުނު މަޝްހޫރު ބުއިންތައް ފުޅިފުޅިއަށް އަޅުއްވާ ބަންދުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ ވެސް އެމަނިކުފާނެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!