މިހާރު ވަރަށް އަގުހެޔޮކޮށް ހަނދަށް ވެސް ފޮޓޯ ފޮނުވޭނެ
މީގެ ކުރިން އަބަދުވެސް އަޑު އިވެނީ ގާތް ރަހުމަތްތެރިއަކަށް، ނުވަތަ ގާތްތިމާގެ މީހަކަށް ފޮޓޯ ފޮނުވާ ވާހަކައެވެ. ނުވަތަ ކޮންމެވެސް ކަހަލަ ޚާއްސަ މުނާސަބަތެއްގައި ފޮޓޯ ބޭނުން ކުރާ ވާހަކައެވެ. އަދި ގިނަ ފަހަރަށް އަހަރެމެން މިހާރު ފޮޓޯ ބޭނުންކޮށް ހަދަނީ އިންސްޓަގްރާމް ނުވަތަ ފޭސްބުކްގައި އަޕްލޯޑް ކުރުމަށެވެ.
މިފަހަރު މި އޮތީ ތަފާތު ވާހަކައެކެވެ. ތަފާތު ފުރުސަތެކެވެ. ތިބާގެ ފޮޓޯއެއް ހެޔޮ އަގުގައި ހަނދަށް ފޮނުވުމުގެ ފުރުސަތު މިއޮތީއެވެ. ދުވަހަކު ވެސް މިފަދަ ފުރުސަތެއް ލިބޭނެ ކަމަށް އުއްމީދު ކުރިން ހެއްޔެވެ.
މިސްޓަރ ބީސްޓްގެ ނަމުގައި ޔޫޓިއުބްގައި މަޝްހޫރު ޖިމީ ޑޮނާޑްސަން މިވަނީ ނާސާގެ ފަރާތުން ހަނދަށް ހާޑް ޑްރައިވެއް ފޮނުވުމަށް ހެޔޮ އަގެއް ހޯދާފައެވެ. އެ ހާޑު ޑްރައިވްގައި ފޮނުވުމަށް އާންމުންގެ ފޮޓޯ ފޮނުވުމަށް އޭނާ ވަނީ ފުރުސަތު ހުޅުވައިލައިފައެވެ.
މިސްޓަރ ބީސްޓް ވަނީ މިކަމާ ގުޅިގެން ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓްގައި އޭނާ ބުނެފައި ވަނީ ހަނދަށް ފޮޓޯ ފޮނުވަން ބޭނުންވާ ފަރާތްތަކުން އޭނާއަށް ފޮޓޯ ހުށަހެޅުމަށެވެ. އަދި އެކަމަށް ޚާއްސަ ލިންކެއް ވެސް އޭނާ ވަނީ އެ ޓްވީޓުގައި ހިމަނާފައެވެ.