ދީން

ތިޔަ ވަނީ ދަތިކަމާއި އުނދަގޫ ޙާލަތުގައި ހެއްޔެވެ؟ އެހެންވީއިރު އުފާވެރިކަމުގެ މި ޚަބަރު ލިބިގަންނާށެވެ.

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ތިޔަ ވަނީ ދަތިކަމާއި އުނދަގޫ ޙާލަތުގައި ހެއްޔެވެ؟ އެހެންވީއިރު އުފާވެރިކަމުގެ މި ޚަބަރު ލިބިގަންނާށެވެ.

ހިތް އެދޭ އެތައް ކަމަކާއި ހިތް ނޭދޭ އެތައް ކަމަކުން ފުރައިލެވިފައިވި މި ދުނިޔޭގައި އެކި މީހުން ތަހައްމަލު ކުރަމުން ދަނީ އެކި ކަންކަމެކެވެ. އެކި އިހްސާސްތަކެވެ. ބައެއް މީހުންނަށް ވަނީ ދުނިޔަވީ ހުރިހައި އުފަލެއް ލިބިފައެވެ. އެވެރީން ވިސްނައި ފިކުރު ކުރަން ޖެހޭ ކަމެއް ނެތެވެ. ބޭނުން އެއްޗެއް ބޭނުން ވަގުތަކު ހޯދަން ވީއެވެ. ބޭނުން ގައުމަކަށް ބޭނުން ދުވަހަކު ދާންވީއެވެ.

Ads by Sosun Fihaara

މިއާ ޚިލާފަށް ބައެއް މީހުންގެ ދިރިއުޅުމަކީ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. އެމީހުންނަށް ވަނީ އެކި މުހުތާދުތަކަށް ބޭނުން ވެގެންނެވެ. ބޮޑެތި ބަލިތަކުގައި ދުވަސްތައް ގުނައި ، އެކަމުން އަލިވިލޭނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދަނީއެވެ. އަނެއް ބަޔަކު ހަމައެކަނި ބަނޑުފުރާނަ މުއްތި ކުރުމަށް ބުރަ މަސައްކަތްތައް ކުރަނީއެވެ.

ފާހަގަ ކޮށްލަން ބޭނުންވާ ނުކުތާއަކީ މިއެވެ. ވިސްނުން ފައްސިކޮށްލުމެވެ. ނޫންނަމަ ޤަޟާ ޤަދަރަށް އީމާން ވުމެވެ. ހިތާމައާއި ހިތްދަތިކަމުގައި ތިބާ ވީ ނަމަވެސް އުފާވެރި ކަމުގެ މި ޚަބަރު ލިބިގަންނާށެވެ.

މި ދުނިޔެމަތީގައި ފައިންޕުޅު ބީއްސެވި އެންމެ މާތް އިންސާނުން ކަމުގައިވި ރަސޫލުންނާއި ނަބީންނަކީ އެންމެ ބޮޑު އިމްތިހާންތަކާ ކުރިމަތިލެއްވި ބޭކަލުންނެވެ. ބަލިމަޑުކަމާއި އެހެނިހެން މުޞީބާތްތަކުގައި ﷲ ތަޢާލާ ، އެ ބޭކަލުން އިމްތިހާން ކުރެއްވިއެވެ.

އިބްރާހީމް ޢަލައިހި ސަލާމް އަލިފާނުން އިމްތިހާނު ކުރެއްވިގެން ދިޔައެވެ. ޔަޢުޤޫބް ޢަލައިހި ސަލާމް ، އެކަލޭގެފާނުގެ ލޯބިވާ ދަރިކަލުން ޔޫސުފް ޢަލައިހި ސަލާމްއާ ވަކި ކުރެވިގެން އިމްތިހާން ކުރެއްވިގެން ދިޔައެވެ. ސުލައިމާންގެފާނަށް އޮޔާވަޔަށް ވެސް ބާރު ފޯރުވޭ ބާރުގަދަ ރަސްކަމަކުން އިމްތިހާން ކުރެއްވިގެން ދިޔައެވެ. އައްޔޫބު ޢަލައިހި ސަލާމް ބަލިމަޑުކަމެއްގެ ތެރެއިން އިމްތިހާން ކުރެއްވިގެން ދިޔައެވެ. ޔޫސުފް އަލައިހި ސަލާމަށް ދެއްވި ފުރިހަމަ ސޫރައިން އިމްތިހާން ކުރެއްވިގެން ދިޔައެވެ. ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވި ޚާތަމިލްއަންބިޔާއި ވަލްމުރުސަލީން ، ލޮބުވެތި ރަސޫލާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ގުނާ އަދަދު ނުކުރެވޭހައި އިމްތިހާންތަކާ ކުރިމަތި ލައްވަން ޖެހިލެއްވިއެވެ.

ﷲ ތަޢާލާ އަޅެއް ދެކެ ލޯބިވެވޮޑިގެންވާ ނަމަ އެ އަޅަކަށް އެކި ގޮތް ގޮތުން އިމްތިހާންތަކާ ކުރިމަތިވެއެވެ. ރަސޫލުންނާއި ނަބިއްޔުން ވީ އެންމެ ބޮޑަށް އިމްތިހާންތަކާ ކުރިމަތިލެއްވި ބޭކަލުންގެ ގޮތުގައެވެ.

އެހެންކަމުން ތިބާ ތިޔަ ވީ ދަތި އުނދަގޫ ކަމުގައި ނަމަ އުފާކުރާށެވެ. ކެތްތެރިވާށެވެ. އެ އިލާހުގެ މަގުގައި ސާބިތުވާށެވެ. ﷲއަށް ތަޤުވާވެރިވެ ކެތްތެރިވެއްޖެ މީހަކަށް ދަތިކަމާއި އުނދަގޫކަމުން އަރައިގަނެވޭނެ ގޮތްތައް އަހަރެމެން ހީވެސް ނުކުރާ ފަދައަކުން މިންވަރު ކޮށްދެއްވާނެ ކަމީ ﷲތަޢާލާގެ ވަޢުދު ބަސްފުޅެވެ. ހަމަކަށަވަރުން އެ ބަސްފުޅުގައި ދޮގެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!