ހުރިހާ ފްލޫ ކްލިނިކް ތަކަކުން ވެސް ހިލޭ ޕީސީއާރު ޓެސްޓު ހެދޭނެ
ރަށްރަށަށް ދާން ބޭނުންވާ ފަރާތްތަކަށް ހުރރިހާ ފްލޫ ކްލިނިކަކުން ވެސް ހިލޭ ޕީސީއާރު ޓެސްޓު ހެދޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޓިން ސެންޓާރ (އެޗްއީއޯސީ) އިން ބުނެފިއެވެ.
ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ދެ ހަފްތާ ވުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ ގޮތް މިހާރު ވަނީ ހަމަޖެހިފައެވެ. އެހެން ނަމަވެސް ދެ ޑޯޒް ފުރިހަމަ ކުރި ކަމުގައި ވި ނަމަވެސް އެއްވެސް ރަށަކަށް ދެވޭނީ ނައްސި ޕީސީއާރްއަކާ އެކު ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ގެޒެޓުކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ލުއިތަކެއް ދޭން ނިންމައިފައި ކަމަށެވެ. އެ ލުއި ތަކަކީ:
1 .އާބާދީގެ %60 (ފަސްދޮޅަސް އިންސައްތަ) މީހުންނަށް ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރުމަށް ހުޅުވައިލުން.
2 .އާބާދީގެ %60(ފަސްދޮޅަސް އިންސައްތަ) މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ 2(ދޭއް) ޑޯޒް ފުރިހަމަކޮށް، 2(ދޭއް) ހަފުތާ ވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރު ކުރުމަށް ހުޅުވައިލުން. މިފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި ޢަމަލު ކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
1.2 ރަށެއްގައި ބަލި އުޅޭ ނިސްބަތް (ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް) %5(ފަހެއް އިންސައްތަ) އަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން.
2.2 ވެކްސިން ޖެހުމަށް ޝަރުޠު ހަމަނުވާ ކުދީން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން.
3. ފަތުރުވެރީން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ 2(ދޭއް) ޑޯޒް ފުރިހަމަކޮށް ، 2(ދޭއް) ހަފުތާ ވެފައިވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީ.ސީ.އާރު ޓެސްޓް އޮންނަން ނުޖެހުމާއި، ކަރަންޓީނު ވާން ނުޖެހުން. ނަމަވެސް ތިރީގައި އިސްތިސްނާ ވާ ފަރާތްތައް ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަންވާނެއެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީ.ސީ.އާރު ޓެސްޓް ހަދަންވާނެއެވެ. އިސްތިސްނާވާ ފަރާތްތަކަކީ:
1 .ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
2 .ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
3 .ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
4 .ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި މި އިއުލާނުގައި އިތުރަށް ބުނެފައި ވަނީ މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި އާންމުން އަންގަވާ ކަމަށެވެ.