ދީން

ﷲ ތަޢާލާއާ މެދު ހެޔޮކޮށް ހީކުރުން

އައްޝައިޚް މުޙައްމަދު މަޢޫން ޝަރީފް ، ދެން އޮންލައިން

ﷲ ތަޢާލާއާ މެދު ހެޔޮކޮށް ހިތުމާ މެދު ޤުރުއާނާއި ސުންނަތުގައި ގިނަގުނަ ދަލީލް އައިސްފައިވެއެވެ. ﷲ ތަޢާލާއާ މެދު ހެޔޮކޮށް ހީކުރުމަކީ ހިތުގެ ޢަމަލުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ފާގަތިކަމާއި ތަދުމަޑުކަމުގައި ﷲ ތަޢާލާއާ މެދު ހެޔޮކޮށް ހީކުރާ މީހަކީ ބާއްޖަވެރިއެކެވެ.

Ads by Sosun Fihaara

އިބުނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ. "އަޅަކަށް ދެއްވެވޭނެ އެންމެ ބޮޑު ނިޢުމަތަކީ ﷲ ތަޢާލާއާ މެދު ހެޔޮކޮށް ހީކުރުމަށް ތައުފީޤު ލިބިގެން ވުމެވެ. ﷲ ތަޢާލާއާ މެދު ހެޔޮކޮށް ވިސްނާ މީހާގެ ހެޔޮ ވިސްނުމާ އެއްގޮތަށް ކަންކަން ﷲ ތަޢާލާ ފަހިކޮށްދެއްވަވާނެއެވެ."

ﷲ ތަޢާލާއާ މެދު ހެޔޮކޮށް ހީކުރުމަކީ އީމާންކަމުގެ ޢަލާމާތެކެވެ. އީމާންކަމުގެ މަތީފަނުގައި ހިއްޕަވައިގެން ތިއްބެވި ބޭކަލުންގެ ޙާލަތު ސިފަކޮށްދެއްވަމުން ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ (173) فَانْقَلَبُوا بِنِعْمَةٍ مِنَ اللَّهِ وَفَضْلٍ لَمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِضْوَانَ اللَّهِ وَاللَّهُ ذُو فَضْلٍ عَظِيمٍ} [آل عمران: 173-174].

އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (لشكر) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ! ފަހެ، އެ ބަސް އެއުރެންނަށް إيمان ކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، اللَّه ފުދެއެވެ. އަދި، وكيل ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ! (173)
ފަހެ، اللَّه ގެ حضرة ން ދެއްވި نعمة އާއި، فضل ވަންތަވެރިކަމާއިގެން ގެއްލުމެއް ނުލިބި، އެއުރެން އެނބުރި އައޫއެވެ. އަދި، އެއުރެން اللَّه ގެ ރުއްސެވުންހުރި މަގަށް تبع ވޫއެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ. (174)

ކަންކަމާމެދު ރަނގަޅަށް ވިސްނުމަކީ ﷲ އާމެދު ހެޔޮކޮށް ހީކުރުމެވެ. ނަބިއްޔާ ﷺ އެކަމަށް ލޯބިކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.

وَيُعْجِبُنِي الفَأْلُ» قَالُوا: وَمَا الفَأْلُ؟ قَالَ: «كَلِمَةٌ طَيِّبَةٌ» [متفق عليه]
މާނައީ: “އަދި ތިމަންކަލޭގެފާނަށް ހެޔޮ ފާލަ ނުހަނު ކަމުދެއެވެ. (ހެޔޮފާލައަކީ ﷲ ތަޢާލާގެ ޙަޟްރަތުން ހެވާއި ރަޙްމަތަށް އުންމީދުކޮށް ބުނާ ބަސްބަހެވެ.) (ޞަޙާބީ ބޭކަލުން) ދެންނެވިއެވެ. ހެޔޮ ފާލައަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ ހެޔޮވެގެންވާ ރިވެތި ކަލިމައެވެ.”

ކޮންމެ ޙާލަތެއްގައިވެސް ﷲ އާ މެދު ހެޔޮކޮށް ހީކުރުމަށް މުސްލިމުންނަށް އަމުރުވެވިގެންވެއެވެ.

ކަންކަމާމެދު ސުންޕާކޮށް ދުށުމަކީ ﷲ އާމެދު ނުބައިކޮށް ހީކުރުމެވެ. އަޅާގެ އީމާންކަން އިތުރުވުމުން އޭނާގެ ވެރިރައްބާ މެދު ހެޔޮކޮށް ހީކުރެއެވެ. އަދި އޭނާގެ އީމާންކަން ބަލިކަށިވުމުން އޭނާ ހެއްދެވި ފަރާތާމެދު ނުބައި ހީކުރުންތައް ހީކުރެއެވެ.

ފަހެ ﷲ ތަޢާލާ އެއިލާހު އެއްކައުވަންތަކުރާ މުއުމިނު އަޅުންނަށް ނަޞްރު ނުދެއްވާނޭކަމަށް ހީކުރާމީހާއާއި ނުވަތަ ﷲ ތަޢާލާގެ ޙަޟްރަތުގައިވާ ކަންކަން، އެއިލާހަށް ކުއްތަންވެ ކިޔަމަންގަތުމުން ލިބޭ ފަދައިން އެއިލާހަށް އުރެދޭ ޙާލުވެސް ލިބޭނެކަމަށް ހީކުރާމީހާ ނުވަތަ ﷲ އަށްޓަކައި ކަމެއް ދޫކޮށްލުމުން އެއިލާހު އެއަށްވުރެ ހެޔޮކަމެއް ނުދެއްވާނެކަމަށް ހީކުރާމީހާ ނުވަތަ ﷲ އަށްޓަކައި ކަމެއްކުރުމުން އެއަށްވުރެ މޮޅު އެއްޗެއް އެއިލާހު ނުދެއްވާނެކަމަށް ހީކުރާމީހާ ނުވަތަ ބިރުވެތިކަމާއި އުންމީދުގައި ތެދުވެރިކަމާއެކު އެއިލާހު ޙަޟްރަތުގައި އެދި ދަންނަވައި ވާތްގަށް އެދި ވަކީލުކުރުމުން ވެސް އެއިލާހު އޭނާ ގެއްލެނި ކުރައްވައި އޭނާ އެއެދުނު ކަމެއް ނުދެއްވާނެކަމަށް ހީކުރާމީހާ ނުވަތަ ދީލަތިކަމަކީ ފަޤީރުކަމަށް އޮތް މަގެއްކަމުގައި ހީކުރާމީހާ ނުވަތަ ޞަދަޤާތްކުރާ މީހަކު ޞަދަޤާތްކުރުމުން އޭނާގެ މުދާ އުނިވާކަމަށް ހީކުރާމީހާ ނުވަތަ މިދީނުގައި ހިފަހައްޓާމީހާއަށް ﷲ ތަޢާލާ މަތިވެރިކަން ނުދެއްވާނެކަމަށް ހީކުރާމީހާ ދަންނައެވެ. ފަހެ އެފަދަ ހީކުރުމެއް ހީކޮށްފިމީހަކީ ﷲ އާ މެދު ނުބައި ހީކުރުންތައް ހީކުރާ މީހެކެވެ. އަދި އެފަދަ މީހަކު އެވަނީ ﷲ ތަޢާލާ ނަހީކުރައްވާފައިވާ ކަމަކަށް އަރައިގަނެފައެވެ.

ﷲ ތަޢާލާއާ މެދު ނުބައި ވިސްނުންތައް ވިސްނުމުގެ އެންމެ ބޮޑު ސަބަބަކީ ޝައިޠާނީ ވަސްވާސްތަކެވެ. އަންނަނިވި ވަޙީ ބަސްފުޅުން މިކަން އެނގެއެވެ.

إِنَّمَا ذَٰلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ ‎﴿١٧٥﴾‏
ހަމަކަށަވަރުން، އެއީ، ހަމަ شيطان އާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިން ދެކެ (ތިޔަބައިމީހުން) ބިރު ގަންނަވަނީއެވެ. ފަހެ، ތިޔަބައިމީހުން އެއުރެން ދެކެ ބިރުނުގަންނާށެވެ! އަދި، ތިޔަބައިމީހުން، مؤمن ން ކަމުގައިވާނަމަ، ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ! (175)

މުނާފިޤުންނަކީ ތާއަބަދު ﷲ ތަޢާލާއާ މެދު ނުބައި ހީކުރުންތައް ހީކުރާ ބައެކެވެ. މިކަން ބަޔާން ކުރައްވާ މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.

الظَّانِّينَ بِاللَّهِ ظَنَّ السَّوْءِ عَلَيْهِمْ دَائِرَةُ السَّوْءِ [الفتح:6]

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!