ޖަލު އޮފިސަރުންތަކެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދޭން ގޮވައިލައިފި
މާފުށި ޖަލުގައި މަސައްކަތް ކުރާ ބައެއް އޮފިސަރުން ކޮވިޑް-19 އަށް ފައްސި ވެފައިވާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސިއްހީ ހާލަތަށް ނުރައްކާ އެބަ އޮތް ކަމަށް ބުނެ ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދި އިދިކޮޅުން ގޮވައިލައިފިއެވެ.
އިދިކޮޅު ކޯލިޝަން ކަމުގައިވާ ޕީޕިއެމް/ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާފުށި ޖަލުގައި މަސައްކަތް ކުރާ އޮފިސަރުން ތަކެއް ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފައިވާ ކަމަށާއި، އެކަމާ އެ ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ.
މާފުށި ޖަލުން ފައްސި ވެފައިވާ އޮފިސަރުންގެ ތެރޭގައި ރައީސް ޔާމީންގެ ކަންކަން ބަލަހައްޓާ އޮފިސަރެއް ވެސް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމުގެ އަޑުތަކެއް ފެތުރޭ ކަމަށް ފާހަގަކޮށް އެ ކޯލިޝަނުން ބުނީ އެކަމާމެދު ވެސް އިންތިހާއަށް އެކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ.
އެ ގޮތުން މާފުށީ ޖަލުން ކޮވިޑް 19 ފެނުމާއެކު، ރައީސް ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ގަބޫލު ކުރާ ކަމަށާއި މިއީ، ސިޔާސީ ނުފޫޒުން ކުރެވިފައިވާ ނުހައްގު ހުކުމެއްގައި އެމަނިކުފާނު ޖަލުގައި ހޭދަކުރައްވާ ދެވަނަ ރޯދަ މަސް ކަމަށް އިދިކޮޅުގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
"ރައީސް ޔާމީނަށް ޞިއްހީ ގޮތުން ލިބިދާނެ ނުރައްކަލަކުން ސަލަމާތްކުރުމަށް ނަމަވެސް އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސް ދެއްވުމަށް ގޮވާލަން"
ރައީސް ޔާމީންގެ ޑޮކްޓަރުން ވެެސް ލަފާ ދެއްވައިފައި ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރަން ޖެހޭ ކަމަށް ކަމަށާއި އެކަމަށް ރިޢާޔަތް ކޮށް އެގޮތުގެ މަތިން ޢަމަލު ކުރުމަށް ވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ވަނީ ގޮވައިލައިފައެވެ.
ރައީސް ޔާމީންގެ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ގެއަށް ބަދަލު ކުރެއްވުމަށް އިދިކޮޅު ކޯލިޝަނުންނާއި އެމަނިކުފާނުގެ އާއިލާއިން މީގެ ކުރިން ވެސް އެތައް ފަހަރަކު އެދިފައިވާއިރު، ރައީސް ޔާމީނަށް ދެރަ ގޮތެއް ނުވާނެ ކަމަށާއި އެމަނިކުފާނު ގެއަށް ބަދަލުކުރަން ނުވަތަ ލުއި ގޮތެއް ހޯދައިދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ރޯދަ މަސް ފެށުމުގެ އެއް ދުވަސް ކުރިން ވިދާޅުވެފައެވެ.