ފައިސާ ޗާޕު ކުރުމުގެ މުއްދަތު އިތުރު ކުރަން ފާސްކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައިވާ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް (ފައިސާ އިތުރަށް ޗާޕްކުރުމަށް) ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ފައިސާ ޗާޕް ކުރުމުގެ ހުއްދަ ދިނުމާ މެދު ވޯޓަށް އެހުމަށް މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވީ 53 މެމްބަރުންނެވެ. އޭގެ ތެރެއިން ފައިސާ ޗާޕް ކުރުމުގެ ހުއްދަ ދިނުމަށް ވޯޓް ދެއްވީ 47 މެންބަރުންނެވެ. އަދި އެ ހުއްދަ ދޭން ނުފެންނަ ކަމަށް ވޯޓް ދެއްވީ ހަތަރު މެންބަރުންނެވެ.
ހައްދެއް ނެތި ދަރަނި ނެގުމާއި ހައްދެއް ނެތި އެމްއެމްއޭއިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮތީ ދައުލަތުގެ ޚަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ސަސްޕެންޑް ކުރަން ސަރުކާރުން މިދިޔަ އަހަރު ފުރަތަމަ ހުށަހެޅީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުންނެވެ. މިއަދު މަޖިލީހުން ފާސްކުރި ހުށަހެޅުމާއެކު އަނެއްކާވެސް އެއް އަހަރަށް މި މާއްދާތައް ސަސްޕެންޑް ވާނެއެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ކުރިން ހުއްދަ ދިން މުއްދަތަށް ފަހުގައި ވެސް ރާއްޖޭގެ އިގްތިޞާދު ރަނގަޅު ނުވާ ކަމަށް ވިދާޅުވެ، މީގެ އަހަރު ދުވަސް ކުރިން މަޖިލީހުން ދީފައިވާ މުއްދަތު ހަމަވުމަށް ފަހު އިތުރު އަހަރު ދުވަހުގެ މުއްދަތަކަށް އެ ހުއްދަ ދަންމާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
އެގޮތުން މަޖިލީހަށް މިނިސްޓަރު އަމީރު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ، ދައުލަތުގެ ޚަރަދަށް ޒިންމާ ވުމުގެ ގާނޫނުގެ އެ މާއްދާތަކަށް އަމަލު ނުކުރުމުގެ ހުއްދަ އަހަރު ދުވަހަށް ދިނުމުން މިދިޔަ އަހަރު ދައުލަތުގެ ހިންގުމަށް ބުރޫ ނާރުވައި ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި ބަލިމަޑުކަމުގައި ކުރަން ޖެހުނު ސިއްހީ އިތުރު ޚަރަދުތައް ކުރެވި، ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވި ގެއްލުންތަކަށް އެހީ ވެވުނީ ވެސް އެހެންވެގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.