32 އަހަރުވަންދެން އެކަނި ރަށެއްގައި އުޅުނު މީހެއް ފުރައިގެން ދާން އަންގައިފި
އިޓަލީގެ ރަށެއްގައި 32 އަހަރު ވާންދެން އެކަނި އުޅުނު މީހަކު ފުރައިގެން ދާން އެ ރަށުގެ ވެރިޔާ އަންގައިފިއެވެ.
މައުރޯ މޮރަންދީ ނަމަކަށް ކިޔާ އެމީހާއަކީ އުމުރުން 81 އަހަރުގެ މީހެކެވެ. އޭނާ ބުދެއްލީ ނަމަކަށް ކިޔާ އެ ރަށަށް ދިރިއުޅުން ބަދަލުކޮށްފައި ވަނީ 1989 ގައެވެ. އޭނާ ބުނީ މިދިޔަ އަހަރުގެތެރޭގައި އެ ރަށުގެ ވެރިޔާ މައުރޯ އެ ރަށުން ފޭބުމަށް އަންގައިފައި ވާކަމަށެވެ.
“އަހަރެން މި ރަށް 32 އަހަރު ވަންދެން ރައްކާތެރިކަމާއެކު ބެލެހެއްޓި ގޮތަށް ކުރިޔަށް އޮތްތާ ވެސް މި ރަށް މިގޮތުގައި އޮންނާނެ ކަމުގެ އުންމީދުގައި ފައިބާނީ” މައުރޯ ބުންޏެވެ.
ބޭރުގެ ނޫހަކަށް މައުރޯ ކިޔައިދިންގޮތުގައި އެ ރަށަށް އޭނާ ބަދަލުވީ މުޖްތަމަޢުގައި ހިނގާ ބައިވަރު ކަންތައްތަކާ ހެދިއެވެ. އެގޮތުން އިޓަލީގައި ސިޔާސީ ހަމަނުޖެހުންތަކާއި ނުރަނގަޅު އެކި ކަހަލަ ކަންތައްތައް ހިނގަމުން ދާކަމަށެވެ. މިކަހަލަ ކަންތައްތަކާ ހުރެ އޭނާ އެ ރަށަށް ބަދަލުވާން ނިންމީއެވެ.
މައުރޯ ބުނީ އެ ރަށުގައި ދިރިއުޅުނުއިރު ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ވަރަަށް ގިނަ ބަޔަކު އެ ރަށުގައި އޭނާ އުޅޭތީ ހިތްހަމަ ނުޖެހި އަޑު އުފުލާފައިވާ ކަމަށާއި އަދި ހަމަ އެގޮތަށް އެ ރަށުން ފައިބަން ނިންމުމުން އޭނާ ހުއްޓުވުމަށް ވެސް މީހުން އުޅޭ ކަމަށެވެ.
މައުރޯ ބުނީ ފުރައިގެން ދާން އުނދަގޫ ވި ނަމަވެސް އެގޮތަށް އެކަން ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކައިރި ރަށަކުން ފްލެޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.