ޚަބަރު

ތިނަދޫ ކައުންސިލުން 1.9 މިލިއަން ރުފިޔާ ނުދެއްކުމުން އެ އިދާރާއިން ކަރަންޓު ކަނޑައިލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގދ. ތިނަދޫ ކައުންސިލް އިދާރާއިން 1.9 މިލިއަން ރުފިޔާގެ ކަރަންޓް ބިލް ނުދައްކައި އޮތުމުން އެ އިދާރާއިން ކަރަންޓު ކަނޑައިލައިފިއެވެ.

Ads by MWSC

2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ނުދައްކާ ހުރި ބިލްތަކެއް ހުރުމާ ގުޅިގެން މިއަދު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާފައިވާ ކަމަށް އެ އިދާރާގެ ޑިރެކްޓަރު އަޙްމަދު ނާޝިދު ވަނީ “އޭ.އޯ ނިއުސް” އަށް ކަށަވަރު ކޮށްދީފައެވެ.

ނާޝިދު އިތުރަށް ވާހަކަދައްކަވަމުން ވިދާޅުވީ، ގދ. ތިނަދޫގައި ހުންނަ މިސްކިތްތަކުގެ ބިލްތަކާއި މަގު ބައްތިތަކުގެ ބިލްތައް ވެސް ހިމެނޭގޮތަށް ތިނަދޫ ކައުންސިލް އިދާރާއިން ދައްކަން ޖެހޭ ޖުމްލަ 1.9 މިލިއަން ރުފިޔާ ދެއްކުމަށް އައިސްފައިވާ ސްޓޭޓްމެންޓެއް މިހާރު ވެސް އޮތް ކަމަށެވެ.

ކައުންސިލަށް ކަނޑައެޅިފައިވާ ބަޖެޓަށް ލިބެމުންދާ މިންވަރަކުން ބިލްތައް ދައްކަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ކޮންމެ ކުއާޓަރއަކަށް ކައުންސިލަށް ލިބެމުން އަންނަ އަށް ލައްކަ ރުފިޔާއިން ރަށުގެ ތަރައްގީއަށް ހިންގާ ޕްރޮޖެކްޓްތަކާއި މަރާމާތުތަކުގެ ޚަރަދުގެ އިތުރުން އިދާރާގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ފަހު ފައިސާ ދެއްކުމުގައި ދަތިތަކެއް ހުންނަ ކަމަށް ވެސް ނާޝިދު ފާހަގަ ކުރިއެވެ.

މިމަހުން ފެށިގެން ކަރަންޓު ބިލްތަކަށް ފައިސާ ދެއްކުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއަދު އެއް ލައްކަ ރުފިޔާގެ ބިލް ދައްކާނެކަމަށް ފެނަކަ ކޯޕަރޭޝަނަށް އަންގައިފައި ވާނެ ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ. ހަމައެއާއެކު އޭގެ ފަހުން އެއް ލައްކައިގެ ބަދަލުގައި ފަސް ލައްކަ ރުފިޔާ ދެއްކުމަށް ނިންމައި އެމަސައްކަތް ކުރިއަށް ގެންދަނިކޮށް ކަރަންޓު ކެނޑުމާއި ގުޅިގެން އެމަސައްކަތް ހުއްޓިފައިވާ ކަމަށް ވެސް ނާޝިދު ފާހަގަ ކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!