"އާލާސްކަންފުޅާ އުޅުއްވާތީ ރައީސް މައުމޫން ގެއަށް ބަދަލު ކޮށްދެއްވަން އެދެމުންދިޔަ ހަނދާން އާވޭ"
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާފުށީ ޖަލުން، ވަގުތީ ގޮތުން މިރޭ ގެއަށް ބަދަލު ކުރެއްވުމުން ހަނދާން އާވެގެން ދަނީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ބަންދުގައި ހުންނެވިއިރު، އާލާސްކަންފުޅާ އުޅުއްވާތީ ގެއަށް ބަދަލު ކޮށްދެއްވަން އެދެމުން ދިޔަ ދިޔުން ކަމުގައި އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިރޭ ވިދާޅުވެފައި ޔުވަނީ، ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ފައްސިވަމުންދާތީ އެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރެވިފައި ކަމަށެވެ.
ކަރެކްޝަންސްގެ އެ މެސެޖު ޓްވީޓު ކުރައްވަމުން ހެރިޓޭޖު މިނިސްޓަރ ޔުމްނާ ވިދާޅުވީ ރޯދަމަހެއްގެ ތެރޭގައި ރައީސް މައުމޫން ޖަލުބަންދުގައި ހުންނަވަނިކޮށް އާލާސްކަންފުޅާ އުޅުއްވާތީވެ ގެއަށް ބަދަލުކޮށްދޭން ޢާއިލާގެ ފަރާތުން، އެތައް ފަހަރެއްގެ މަތީން އެދެމުން ދިޔަ ހަނދާންތައް އާވެގެންދާ ކަމަަށެވެ.
ރައީސް މައުމޫން ހައްޔަރު ކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވުމަށްފަހުގައެވެ.
ރައީސް މައުމޫން ބަންދު ކުރެއްވުމުން ސިއްޙީ ގޮތުން އެމަނިކުފާނުގެ ހާލު ދެރަވެ، ގޭ ބަންދަށް ބަދަލު ކޮށްދެއްވުމަށް އާއިލާގެ ފަރާތުންނާއި، އެމަނިކުފާނުގެ ވަކީލުންނާއި ޑޮކްޓަރުން ވެސް އޭރުގެ ސަރުކާރުގައި އެދިލައްވާފައިވެއެވެ. ނަމަވެސް ކަފާލާތުގެ ދަށުން އެމަނިކުފާނު ފުރަތަމަ މިނިވަން ކުރެއްވީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އޭރު މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އިންތިހާބީ ރައީސް ކަމަށް ހޮވިވަޑައިގެންފައެވެ.