ވާހަކަ

ކުރު ވާހަކަ: ދީވާނާ ހިތްވަނީ

ދެން އެމްވީ ، ދެން އޮންލައިން

ބޮކި ޖަހައިފައި އުނދުން މަތީގައި ހުރެ ކެކެމުންދިޔަ ބަތް ތެއްޔަށް ވުރެ ޝާއިރާގެ ހިތުގައި ވިންދު ޖަހަމުންދާލެއް ހަލުވިއެވެ. ކުދި މުތްތަކެއްހެން ނިތްކުރިމަތީގައި ވިދަމުންދިޔަ ދައު ތިކިތައް ޝާއިރާގެ ހިތުތެރޭގައި ހަޅަޖަހަމުން ދިޔަ ތޫފާނުގެ ގަދަފަދަކަމަށް ހެކިވަމުން ދިޔައެވެ. ހުރަހެއް ނެތި ލޮލުން ފޫދެމުން ދިޔަ ކަރުނަ ތިކިތައް ޝާއިރާގެ ކުލައަލި އޮމާން ކޯތާފަތުގައި ބޮސްދެމުން ބުނަމުން ދިޔަ ކަހަލައެވެ. " ޝާއިރާގެ ތިޔަ ހިތާމަތައް އަޑުއަހާނެ ދެވަނަ މީހެއް ނެތެވެ. ޝާއިރާގެ ހިތް ފިޔަވައެވެ. ވީއިރު ތިޔަ ހިތާމަތަކާއެކު ޝާއިރާގެ ހިތުން އަހަރުމެން ނެރެ ތިޔަ ބޭރު ކޮށްލަނީ ކީއްވެ ހެއްޔެވެ؟" ޝާއިރާގެ ހިތުގެ ޝަކުވާއަކީ ވެސް އެއީއެވެ. އެހިތުގެ އާދޭސް އަޑުއަހާނެ މިތުރެއް ނެތުމެވެ. ހިތުގައި ލެވިފައިވާ ފާރުތަކުގައި އޯގާތެރިކަމުގެ ފިރުމުމަކުން ފިރުމައިދޭނެ އަތެއް ނެތުމެވެ. މިފަދަ ޚިޔާލުތަކުން ޝާއިރާ ނެރެލީ އުނދުނުގެ ގިނި ގަދަވެ އުދާފައިހުރި ބަތްތެލީގައި ހުރި ފެން ބޮކިޖަހާފައި އުނދުނަށް ފައިބަން ފެށި އަޑަށެވެ.

Ads by STELCO

އޮހޮރެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށް ފަހު ، ބަދިގޭގެ އެއް ކަނަކަށް ވާހެން އުޑުފައިން އިށީނދެލައިގެން އިން ޝާއިރާ ތެދުވެގެން ގޮސް ، ގަދައަށް އަނދަމުން ދިޔަ އުނދުނުން ދަރުބުރިއެއް ބޭރަށް ލައި އުނދުނުގެ ހުޅު މަޑުކޮށްލިއެވެ. އޭނާގެ ޙަރަކާތްތައް ހުރީ ތަނަކަށް ދިޔުމަށް ލަސްވެގެން އުޅޭ މީހެއް ފަދައިންނެވެ. އެހެން ނަމަވެސް ދިރިއުޅުމުގެ ހުރިހައި އުފަލަކާއި އުންމީދުތަކެއް އޭނާ ދިރިއުޅެމުންދާ ގޭގެ ހަތަރު ފާރުން އެތެރޭގައި ކަފުން ކުރެވި ވަޅުލެވިފައިވާ ، ޝާއިރާ ފަދަ އެކަނިވެރިއަކު ދިއުމަށް އޮންނާނީ ވެސް ވަކި ކޮންތަނެއް ހެއްޔެވެ؟

ހއ. ތުރާކުނު ހިތަށްފިނިވާގެ ، އާދެ ޝާއިރާ ދިރިއުޅެމުންދާ ގޭގެ ދޮރާށިން ވަދެގެން މައިގެއަށް ދެވެންއޮތް ތަނަވަސް ގޯތިތެރެއިން ހިނގައިފައި ދިޔަ ނަސީރަށް ގޯތީގެ ދެފަރާތުން ތަސްވީރުވަމުން ދިޔައީ މީގެ އަހަރުތަކެއް ކުރީގެ އުފާވެރިކަމާއި މަޖަލާއި ސަކަރާތްތަކެވެ. ކުޑަ ދުވަސްކޮޅަކަށް އެ ގޯތިތެރެއަށް ފޮޅުނު އުފާވެރި ޢަބީރުގެ ވަސް އަދިވެސް ނަސީރުއަށް ދުވާ ކަހަލައެވެ. ޝާއިރާއަކީ އެ މުޅި ރަށުގައި ވެސް ރީތިކަމުގައި އަޅައި ކިޔޭނެ ދެވަނައެއް ނެތް ރީތި ޒުވާނެއް ކަމާ މެދު ދެބަސްވާނެ މީހަކު އެރަށުގައި ނޫޅޭނެއެވެ.

ގޭތެރެއަށް ވަންނަންހުރި ދޮރާ އަރައި ހަމަވެފައި ނަސީރު ސަލާމް ގޮވާލިއެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު ބަދިގޭގައި ހުރި ޝާއިރާގެ މޫނުމަތީގެ ކުލަވަރަށް އައި ބަދަލާއެކު، ލަގޮނޑިވަޅުގައި ޖަހައިލި ވިންދު ފެނުނު މީހަކަށް އެއްވެސް އުނދަގުލަކައި ނުލައި އޭނާގެ ހިތުގައި އަޅައިލި ދިލަ އިޙްސާސް ކުރެވުނީހެވެ. އެހެނެއްކަމަކު ކުރިއެކޭ ވެސް އެއްގޮތަކަށް އެދިލަ އިޙްސާސުކުރީ ޝާއިރާގެ އެންމެ ގާތުގައި ވަށައިލެވިފައިވާ އެކަނިވެރި ކަމާއި ހަމަހިމޭންކަމެވެ. އެ އަޑަކީ ޝާއިރާއާއި ރައްޓެހި ، އެހެނެއްކަމަކު އެއަޑެއް އެހުމަށް ހިތް ދެކޮޅުހަދާ އަޑެއްކަން ތަކުރާރުކޮށް އޭނާގެ ޟަމީރު ވިސްނައިދެމުން ދިޔައެވެ. ސަލާމުގެ ޖަވާބު ނުދީ މަޑުކޮށްލެވުނީ އެ ސަބަބަށް ޓަކައެވެ. ޝާއިރާގެ ޖަވާބެއް ނުލިބުމުން ސަލާމް ގޮވި ފަރާތުގެ ޢަޒުމަށް ބަދަލެއް ނައިކަން ހާމަކުރީ ދެވަނަ ފަހަރަށް ތަކުރާރުކުރި ސަލާމުގެ އަޑެވެ. މިފަހަރު ޝާއިރާއަށް އޭނާގެ ހިތާ ދެކޮޅަށް ސަލާމަށް ޖަވާބު ދެވުނެވެ. ޝާއިރާގެ އަޑުމަޑެވެ. ކުރީގައި އެ އަޑުގައި ހުރީ ދިހުން މިހާރަކު ނެތެވެ. އެހެނަސް އެއަޑު އަހައިފައި އަދިވެސް އެއީ އެ މަޑުމައިތިރި ޝާއިރާއޭ ނަސީރުގެ ހިތް އެ ވަގުތު ބުންޏެވެ.

ގެޔާ ވަކިން ގޭގެއަނެއް ފަރާތުގައި ހަދައިފައި ހުރި ބަދިގެއިން ނިކުމެގެން މަޑުމަޑުން އެ އަންނަ ޝާއިރާ ފެނިފައި ނަސީރުގެ ހިތް ޚުދު އޭނައަށް ވެސް ނޭނގި އިސްޖަހައިލިއެވެ. ޝާއިރާއަށް އަންނަން ފަށައިފައިވާ ބަދަލުތައް ދުށުމަށް އެ ހިތަށް ކުޅަދާނަ ނޫނީއެވެ. ހަންގަނޑުގެ އޮމާންކަމާއި އަލިކަމަށް ބަދަލެއް ނައެއް ކަމަކު ހިތާމަކުރުމުގެ ސަބަބުން ދެ ލޯކައިރި ވަނީ ވަޅުވާން ފަށައިފައެވެ. ރީތި މަޑުފިޔާތޮށި ކުލައިގެ އެ ތުންފަތް ވަނީ ތަންތަން ކޮޅުން ފަޅައިގެން ގޮސް ހަންފޮޅިފައެވެ. ޝާއިރާގެ ދިގު، ފަން އިސްތަށިގަނޑު ވަނީ ކޮނޑާއި ހަމައަށް ކޮށައިލެވިފައެވެ. ކުރިން ގަޔަށް ހެޔޮވަރުކޮށް ހުރި ހެދުންތައް ގަޔަށް ދޫވެފައިހުރުން ހެކި ކޮށްދިނީ އޭނާގެ ހަށިގަނޑު އަނަރޫފަ ވެފައިވާ މިންވަރެވެ. އެމަންޒަރު ފެނިފައި ނަސީރުގެ އަތުގައި އޮތް ސިޓީއުރަ ގައިގެ ފުރަގަހަށް ވާގޮތަށް ލައި ފޮރުވައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެސިޓީއުރައިގެ ވާހަކަ އަދި އިހަށް ފަސްކޮށްލުމުގެ ގޮތުންނެވެ. މަޑުމަޑުން އައިސް ދޮރުކަނީގައި ލެގިލި ޝާއިރާއަށް އެކަން ނޭނގުނީ އޭނާ އިސްޖަހައިގެން ހުރުމުންނެވެ.

އެ ދެމެދަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. އިސްވެ ވާހަކަދެއްކުމުގެ ހިތްވަރު އެކެއްގެ ވެސް ނެތީއެވެ. ކަންތައް ވެދިޔަ ގޮތުން ނަސީރުއަށް ވެސް ފަސް ޖެހެވެނީއެވެ. ވެދިޔަ ހުރިހާކަމެއްގެ ޒިންމާ ނަގަންޖެހޭނީ ނަސީރުކަމުގައި އަމިއްލައަށް ޤަބޫލުކުރާތީއެވެ.  "ޝާއިރާ ކިހިނެތް؟"

ނަސީރު އިސްވެ ވާހަކަދެއްކުމުގެ ގޮތުން ޝާއިރާ ގާތުގައި އެހިއެވެ.

"މަރުވެފައިވާ މައްޔިތަކަށް ޒިޔާރަތްކޮށްފައި ނަސީރު ކުރާނީ ހަމަ ތިޔަ ސުވާލުތަ؟ އަހަރެންގެ ޙާލަތު އެނގިހުރެ ވެސް ނަސީރު ބޭނުމަކީ އިތުރަށް އަހަރެން ބަލިކަށި ކުރުވުންތަ؟ އެހެންކަމަށް ވާނަމަ ނަސީރު އަހަރެންނަށް ހެޔޮ އެދިގެން ތިޔަ އުޅެނީ ކޮންބޭނުމެއްގައި؟" ޝާއިރާ ވާހަކަދެއްކީ އަނެއްފަރާތަށް އެނބުރިގެން ހުރެއެވެ. ޝާއިރާ ބަލިކަށިވެފައިވާ ވަރު އެއްވެސް މީހަކަށް ހާމަކުރާކަށް ބޭނުން ނުވާތީއެވެ.

އެހާ ވަރަށް ބުނެވުނީ ވެސް ޝާއިރާގެ އެތަކެއް ހާސް ހިތްވަރަކާއި މިންނަތަކުންނެވެ.

"ޝާއިރާއަށް ތިޔަ ވިސްނެނީ މުޅިއަކުން ރަނގަޅަކަށް ނޫން، އެއް ފަހަރު އެހެން ކަންތައްވުމުގެ މާނައަކީ އަބަދުވެސް އެ ގޮތުގައި އެކަން ތަކުރާރުވެގެން ދާނެއެކޭ ނޫން، އަހަރެން ޝާއިރާއަށް އެހީވުމުގެ ފަހަތުގައި އެއްވެސް އަމިއްލަ އެދުމެއް ނޯންނާނެ، އަހަރެން ދެކެނީ ހުރިހައި ކަމެއް ވެސް ވީ ..."

ނަސީރުގެ ވާހަކަ މެދުކަނޑައިލީ ޝާއިރާގެ އެންމެ ޖުމުލައަކުންނެވެ.
"އެއިން ކޮންމެ ނިންމުމެއް އަހަރެން ނިންމީ އަމިއްލައަށް، އޭގެ ޒިންމާ ނަސީރު ވެސް އަދި އެހެން މީހަކު ވެސް ނަގާކަށް ނުޖެހޭނެ"

މިފަހަރު ޝާއިރާގެ އަޑުގައި ހުރި ތުރުތުރުން ރަނގަޅަށް ވެސް އޭނަ ދިޔައީ ރޮމުންކަން އެނގެއެވެ. އަދިވެސް ޝާއިރާ ހުރީ ނަސީރުއަށް ފުރަގަސްދީގެންނެވެ.

ޝާއިރާ އޭނަގެ ވިސްނުން ބަދަލު ނުކުރާނެކަން ނަސީރަށް ރަނގަޅަށް އެނގެއެވެ. ކުރާނެ ނަމަ މި ފާއިތުވި 3 އަހަރު ތެރޭގައި ޝާއިރާ އެ ވިސްނުން ދޫކޮށްލީސްކަން ޔަޤީނެވެ. އެހެން ކަމުން ނަސީރު އިތުރަކަށް ވާހަކަ ދައްކާކަށް ގަސްތެއް ނުކުރިއެވެ. އަތުގައި އޮތް ސިޓީ ދިއްކޮށްލައިފައި އެއީ ޝާއިރާއަށް އޮތް ސިޓީއެއް ކަމުގައި ބުންޏެވެ. ޝާއިރާ ނަސީރުއާ ދިމާލަށް އެނބުރި ސިޓީއަށް ނަޒަރު ހިންގައިލީ އެހައި ހިސާބުންނެވެ.

"މިއިން ސިޓީއަކުން އަހަރެންގެ މާޒީގެ މޫނުމަތީގައި އެޅިފައިވާ ކަޅު ފަރުދާ ކަހައިލެވިދާނެތަ؟"

ސިޓީގައި ހިފަމުން ޝާއިރާ މަޑުން ބުނެލިއެވެ.

ސިޓީ ހަވާލުކޮށްފައި ވަކި ހިސާބަކަށް ނަސީރު ދަންދެން ޝާއިރާ ބަލަހައްޓައިގެން ހުއްޓެވެ. ނަސީރު ދިޔުމުން އޭނާ ގޮސް ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީނދެލިއެވެ. އޭރު ހަމަ ރަނގަޅަށް ވެސް އޭނައަށް ރޮވެއެވެ. ޝާއިރާގެ ހިތް އެ ހިނދު ބުނި ކަހަލައެވެ.

"ޝާއިރާއެވެ! ކަލޭއަކީ ކިހައި ބޮޑު މޮޔައަކީމު ހެއްޔެވެ؟ ތިޔަ ސިޓީއަކީ ކެހިވެރި ކަމުގެ މަޅިއެއް ކަމުގައި ނޫނީ ނުވާނެއެވެ. ކުރިން ވެސް ޝާއިރާ ތިޔަ ފަދަ މަޅިއަކު ޖެހިއްޖެއެވެ. ދެން ވެސް ތިޔަ ޖެހެނީ ހެއްޔެވެ. މި ފަހަރު އަހަރެން ތިޔަ މަޅީގައި ޖައްސަން ނުވިސްނާށެވެ."

ދެލޯމަރައިގެން އިން ޝާއިރާ މަޑުމަޑުން ދެލޯ ހުޅުވައިލިއެވެ. އަދި އަތުގައި އޮތް ސިޓީއުރަޔަށް ބަލައިލިއެވެ. އޭގައި ނޫކުލައިގެ ދެއްޔަކުން ލިޔެފައި ވަނީ "ޝާއިރާއަށް ..." މިހެންނެވެ. އެ ސިޓީ ލިޔެފައިވާ މީހަކާއި ސިޓީގައި ލިޔެފައިވާ ވާހަކަތައް މާކުރިން ވެސް ޝާއިރާއަށް އެނގޭ ކަހަލައެވެ.

ޝާއިރާ އެ ސިޓީ އެނދުމަތީގައި އޮތް ބޯއަޅާ ބާލީސް ނަގައި އޭގެ ދަށުގައި ބޭއްވިއެވެ. އޭރު ވެސް ބާލީސްދަށުގައި އެފަދަ ދެތިން ސިޓީއެއް އޮތެވެ. ކޮންމެ ސިޓީއެއްގައި ވެސް "ޝާއިރާއަށް ..." ލިޔެފައިވެއެވެ. ސިޓީ ބާލީސް ދަށަށް ލުމަށްފަހު ބަތް އެތި ދުންގަންނަ ވަހަށް ބަދިގެއަށް ދިޔުމަށް ހިނގައިގަތެވެ.

އެރޭ ނިދަން ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީނދެލިތަނާހެން މިއަދު ނަސީރު ގެނެސްދިން ސިޓީގެ މަތިން ހަނދާންވިއެވެ. އެތައް ދުވަހަކަށް ފަހު އަނެއްކާ ވެސް އެފަދަ ސިޓީއެއް ލިބުން ވެގެން ދިޔައީ ޝާއިރާއަށް އޭނަގެ މާޒީއާ މެދުގައި ދުވަސްތަކަކަށް ފަހު ތަކުރާރުކޮށް ވިސްނަން މަޖުބޫރުކުރުވި ކަމަކަށެވެ. އެއީ ޝާއިރާގެ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ. ބަގީޗާއެއްގެ އެންމެ ވަސްމީރު މަލުގެ ގޮތުގައި އެ ބަގީޗާގައި ޝާއިރާ އައީ ރަނިކަން ކުރަމުންނެވެ. ބަގީޗާއަށް ޖެހެމުން އައި އުލްފަތުގެ ކޮންމެ ފިނި ރޯޅިއަކަށް ވިހުރިލަ ވިހުރިލައެވެ. އެ ހަނދާންތަކުގެ ތެރެއަށް ފީނައިގަންނަމުން ބާލީސްމަތީގައި ޝާއިރާ ބޯއަޅައިލިއެވެ.

"ޝާއިރާ ނިކަން ބަލައިލަބަލަ! މިރޭގެ ބުރުހަމަ ހަނދަށް ބަލައިލީމާ ސިފަވަނީ ހަމަ ޝާއިރާގެ ތިޔަ ރީތި މޫނު ،"

14 ވިލޭރޭގެ ފުރިހަމަ ހަނދަށް އިޝާރާތްކުރަމުން ޝާއިރާގެ އުނގުމަތީގައި ބޯއަޅައިގެން އޮތް ހުޒާމު ޝާއިރާއާ ވާހަކަދެއްކިއެވެ.

"މާދަމާއަށް ފަހު ހުޒާމުގެ ހަޔާތުގެ ރޭގަނޑަކަށް ތިޔަ ހަނދެއް ނާރާނެ ކަންނޭނގެ،"

ޝާއިރާގެ ނަޒަރު ހުއްޓިފައި ވަނީ މޫދަށް އެޅިފައި ހުރި ހަނދުވަރުގެ ދަޅަތަކާ ދިމާއަށެވެ.

" ތިކަހަލަ ވާހަކަ ނުދައްކާ ޝާއިރާ ، އަހަރެންގެ ފުރައިގެން ދިޔަސް އަހަރެންގެ ހަޔާތަށް އަލިކުރާކަށް ތިޔަނޫން ހަނދެއް ބޭނުމެއް ނުވޭ، އެފަދަ ހަނދުވަރަކަށް އަހަރެންގެ ޖިސްމު ހާޟިރެއް ވެސް ނުވާނެ، އަހަރެންގެ ހަނދު ބަލައި އަހަރެން ވަރަށް އަވަހަށް އަންނާނަން "

ހުޒާމު ޝާއިރާދެކެވާ ލޯބި ތަކުރާރުކޮށް ސާބިތުކޮށްދެއްމުން ދިޔައެވެ.

"އެކަމަކު ހުޒާމުގެ މައިންބަފައިން އަހަރެންނާ ގުޅެން ބޭނުން ނުވެއްޖިޔާ؟ ކޮންމެ ގޮތަކަށް ވިޔަސް އަހަރެންނަކީ.." ހުޒާމުގެ އަތް ޝާއިރާގެ އަނގަމަތީގައި އަޅައި ޝާއިރާގެ ވާހަކަ މެދު ކަނޑުވައިލިއެވެ.

"އަހަރެން ޝާއިރާދެކެ ލޯބިވި އިރަކު ތިޔައީ މުއްސަންޖެއްތޯ ނޫނީ މުދާވެރިއެއްތޯއެއް ނުބަލަން،  އަހަރެން ލޯބިވީ ޝާއިރާދެކެ، ޝާއިރާގެ ހިތްހެޔޮކަމާއި މަޑުމައިތިރިކަން ދެކެ، ތެދުވެރިކަމާއި ހީވާގިކަން ދެކެ، އަހަރެން ޝާއިރާދެކެ ލޯބިވާކަށް ހަސަބާއި ނަސަބާއި އިއްޒަތާއި ޤަދަރާއި މުދަލާއި ފައިސާއެއް ބޭނުމެއް ނުވޭ، ޝާއިރާގެ އެކަނިވެރިކަމާއި ހިތްދަތިކަމުގައި ޝާއިރާއާ އެންމެ ގާތުގައި ވުމަށް އަހަރެން މި ހުރީ،"

ހުޒާމުގެ ދުލުން ބޭރުވަމުން ދިޔަ ކޮންމެ ލަފުޒެއްގައި ޖަހަމުން ދިޔައީ ސާބިތުކަމުގެ ވިންދެވެ. އެއަޒުމުން އިވެމުންދިޔައީ ޝާއިރާއަށް ޓަކައި އެ ހިތުގައި އޮތް ލޯބި ދުވަހަކު ވެސް ބަދަލު ނުވާނެކަމެވެ.

"އޭ ދެން ހުއްޓާލާ، އަހަރެން ޝާއިރާ ދެކެ ވާ ލޯތްބަށް ދުވަހަަކު ވެސް ބަދަލުނުވާނެ ކަމަށް އަހަރެން މިހުރީ ، ދޫކޮށްނުލާނަން އަހަރެންނަށް އިތުބާރު ނުކުރަންތަ؟"

ހުޒާމު ތެދުވެ އިސްޖަހައިލައިގެން ރޯން އިން ޝާއިރާގެ ދަތްދޮޅީގައި ހިފާލައިފައި އިސް އުފުލުވައި ލިއެވެ.

"މިހާރު ދެން ތިއުޅެނީ އަހަރެން ދާތީ މާބޮޑަށް ދެރަވެގެން، ހާސްނުވެބަލަ އަހަރެންގެ މައިންބަފައިން ޝާއިރާގެ އެކަނިވެރިކަމާއެކު ވެސް ޝާއިރާ ބަލައިގަންނާނޭ، އަހަރެންގެ ނިންމުމަކަށް އެމީހުން ދެކޮޅެއް ނުހަދާނެ!"

ހުޒާމު ޝާއިރާ ހިތްހަމަޖެއްސޭތޯ ބަލަމުން ގެންދިޔައެވެ. އަދި ޝާއިރާ ކައިރިއަށް ގެނެސް ގައިގައި ލައްކޮށްލިއެވެ.

"އެނގޭތަ! އަހަރެން ހިތަށް އަރައި އަހަރެންގެ ރައްޓެއްސަކަށް ނަސީރު ވީކަން އެއީ ހަމަ ނަސީބެކޭ ،އޭނައާއެކު އޭނަގެ ރަށަށް އާދެވުން މިވީ އަހަރެންގެ އަހަރެންގެ މުޅި ޙަޔާތް ބަދަލުކޮށްލި ދަތުރަކަށް، ނަސީރު ހާދަ މަސައްކަތެއް ކޮށްދީގެންނޭ ޝާއިރާ ކާމިޔާބުވީ މި ، އަހަރެން ދިޔަސް ޝާއިރާ ވާނެ ކަމަކަށް ދަތިވެއްޖެ ނަމަ ނަސީރު ކައިރީގައި ބުނަން، އޭރުން އޭނަ އެކަން ކޮށްދޭނެ،"

"އަހަރެން ރައްޓެހިވެގެން މިއުޅެނީ ނަސީރުއާތަ؟"

ފުރަތަމަ ފަހަރަށް ހީލުމަށް ފަހު ޝާއިރާ ހުޒާމުއާ ވާހަކަދެއްކިއެވެ.

"ޝާއިރާ، ޝާއިރާ، ޝާއިރާ"

ހުޒާމު ގޮވާއަޑެއް ޝާއިރާއަށް ނީވޭ ކަހަލައެވެ. ހުޒާމު މި ފަހަރު ޝާއިރާގެ ކޮނޑުގައި އަތްޖައްސައިލައިފައި ގޮވައިލިއެވެ.

ޝާއިރާއަށް ހޭލެވުނީ ސިހިފައެވެ. ލޯ ކުރިމަތިން ފެންނަމުން ދަނީ ހުވަފެނެއްކަމުގައި ސިފަކުރެވެން ފެށީ އެ މަންޒަރެއް އަލުން ފެންނާނެކަމުގެ އެއްވެސް އުންމީދެއް ކުރެވިފަ އިނުވާ ޝާއިރާގެ އުންމީދުތަކުގެ ހަޤީޤީ ދިރުން، އާދެ ޝާއިރާގެ އެންމެ ފުރަތަމަ ލޯބިވެރިޔާ ހުޒާމުއެވެ. ފެންނަމުން ދިޔަ މަންޒަރު ގަބޫލުނުކުރެވޭ ޙާލު ޝާއިރާއަށް ވާންވީ އުފާކަމެއް ނުވަތަ އަންނަންވީ ރުޅިކަމެއް ނޭނގުނެވެ.

"ކަމަކުތަ ތި އައީ؟"

ހުޒާމުއާ ދުރަށް މޫނު އަނބުރައިލަމުން ޝާއިރާ ބުނެލިއެވެ.

"އަހަރެން މިއައީ އަހަރެންވީ ވަޢުދު ފުއްދަން، ޝާއިރާ ބަލައި"

ހުޒާމު ވާހަކަދެއްކީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.

"ހާދަ އަވަހަށް އަހަރެން ބަލައި ތިޔަ އައީ؟ ހުޒާމު އަޅެ ވިސްނައިލައިބަލަ، ހުޒާމުގެ ކެހިވެރިކަމުގެ ދަލުގައި ޖެހި ތިން އަހަރު އަހަރެންނަށް ހޭދަކުރެވިއްޖެ! ތިން އަހަރު ތެރޭގައި އަހަރެން ބަލައި ނައިސް މިއަދު ތިޔަ އައީ ކީއްކުރަން؟"

ޝާއިރާއަށް ހަމަރަނގަޅަށް ވެސް ރޮވިއްޖެއެވެ.

"ޝާއިރާއަށް އަހަރެން ފޮނުވި އެއްވެސް ސިޓީއެއް ނުކިޔަން ދޯ؟"

ހުޒާމު ފޮނުވި އެއްވެސް ސިޓީއެއް ޝާއިރާ ކިޔައިފައި ނުވާކަން ޝާއިރާގެ ވާހަކަދެއްކުން ހުރިގޮތުން ވަރަށް ރަނގަޅަށް ޔަޤީންވެ ސާފުވެއްޖެއެވެ. އަދި އެކަމާ އިންތިހާއަށް ހައިރާން ވެސް ވިއެވެ. އެ ސިޓީތައް ޝާއިރާ ނުކީ ސަބަބަކާ މެދުގައި ވިސްނައިފައެވެ.

"ކީއްކުރާ ސިޓީތަކެއް؟ އަހަރެން ލޯބިވީ ސިޓީތައް ދެކެއެއް ނޫން، ހުޒާމު ދެކެ "

ގިސްލެވޭވަރުން ޝާއިރާއަށް ވާހަކަ ވެސް ދެއްކެނީ ކިރިޔާއެވެ.

"ޝާއިރާ! އަހަރެން ރަށަށް ދިޔަގޮތަށް އަހަރެންނާ ޝާއިރާގެ ގުޅުމުގެ ވާހަކަ މަންމަމެންނަށް ބުނެދިނިން ، މަންމަމެން އެންމެން ވެސް ވަރަށް ޤަބޫލު މިކަމާ، އެކަމަކު ގޭގެ ފުރާޅުގެ މަރާމާތެއް ކުރި ދުވަހަކު ފުރާޅުމަތިން އަހަރެން ވެއްޓި ބޮލުގެ ނާށިގަނޑަށް ލިބުނު ގެއްލުމަކަށް ފަރުވާހޯދަން ކައިރީ ރަށަކަށް ދާން ޖެހުނީ، އެވާހަކަ ބުނެ އަހަރެން ފުރަތަމަ ސިޓީ ފޮނުވިން، ދެން ޝާއިރާގެ ޖަވާބެއް ނުލިބިގެން އަހަރެންގެ މަންމަމެން ޝާއިރާ ބަލައި އަންނަން ބޭނުންވާ ވާހަކަ ލިޔެފައި ދެވަނަ ސިޓީއެއް ވެސް ފޮނުވިން، އެފަހަރު ވެސް ޝާއިރާގެ އެއްވެސް ޚަބަރެއް ނުވި، ދެން ފޮނުވި ސިޓީގައި ޝާއިރާގެ ޚަ ބަރެއްނުވާތީ އެކަމާ ދެރަވާ ވާހަކައާއި ޝާއިރާގެ މަތިން ހަނދާންވާ ވާހަކަވެސް ލިޔުނިން، އެ ބުރު ވެސް ދިޔައީ ޖަވާބެއް ނުލިބި، އެންމެ ފަހުން އިއްޔެ ފޮނުވި ސިޓީގައި އަހަރެން ރަނގަޅުވެފައި ވާތީ ޝާއިރާ ބަލައިދާ ވާހަކަ ލިޔުނިން"

އެ ވާހަކަތައް އަޑު އަހަމުން ދިޔަ ޝާއިރާ ހުރީ މުޅިން ގަބުވެފައެވެ.

"އަހަރެން މިއަދު ވަރަށް ދެރަވެއްޖެ، އަހަރެންގެ އެއްވެސް ސިޓީއެއް ޝާއިރާ ނުކިޔުމަކީ ޝާއިރާ އަހަރެން ދެކެ ލޯބިނުވާކަމުގެ ހެއްކެއްކަމަށް އަހަރެންގެ ހިތް ބުނަން ފަށައިފި"

އެހައި ހިސާބަށް ހުޒާމުއަށް ބުނެވުނު ތަނާހެން ޝާއިރާ އައިސް ހުޒާމުގެ ގައިގައި ބައްދައިލިއެވެ.

"އަހަރެން ހުޒާމުދެކެ އަދިވެސް ވަރަށް ލޯބިވޭ، މިހާރު އަދި ކުރިއަށްވުރެ ބޮޑަށް ލޯބިވޭ، މިހެން މިވީ އަހަރެންގެ އިންތިޒާރު ދިގުލާން ފެށީމަ، އަހަރެންގެ ހިތް ހުޒާމުގެ ލޯބީގައި ދީވާނާ ވެއްޖެ!"

ދުވަހަކުވެސް ވަކިވާން ނޭދޭކަން ހާމަކުރަމުން ހުޒާމު ވެސް ޝާއިރާ ގަޔާލައި އިތުރަށް ބާރުކޮށްލިއެވެ.

- ނިމުނީ -

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައިވަނީ ހަސަން ޔޫޝަޢުއެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!