ވާހަކަ

ކުރު ވާހަކަ: ވަގުތު ފާއިތު ނުވަނީސް

ދެން އެމްވީ ، ދެން އޮންލައިން

އާދުވަހަކަށް އިރު އަރައި ދުނިޔެ އަލިވެއްޖެއެވެ. މީހުންތައް އެކި ކޮޅުކޮޅު މައްޗަށް ދުވަން ފަށައި ރަށުތެރެ ހަލަބޮލި ކޮށްފިއެވެ. ރިންގު ވަމުން ދިޔަ އެލާމް ނިއްވައިލުމަށް ފަހު އޭނާ އަނެއްފަރާތަށް އެނބުރިލިއެވެ. މޫނު މަތީގައި ބާލީސް އަޅައި އެނދަށް ހަމަޖެހިލިއެވެ. އެއީ ފަސް މިނެޓުން ފަސް މިނެޓުން އޭނާ ހަމަޖެއްސި އެލާމް ތަކުގެ ތެރެއިން ތިންވަނަ އެލާމެވެ. ހެނދުނުގެ އެ އަރާމު ނިދިކޮޅު ގެއްލުވާލަން ބޭނުން ނުވާތީ ކޮންމެ ފަހަރަކު ވެސް އެލާމް ކަނޑައިލުމަށް ފަހު އޮވެވެނީއެވެ. މަޑު ނިންޖަކުން ލޯމެރިފައި އޮއްވައި ސިއްސައިގެން ގޮސް ތެދުވެވުނީ ކަމެއް ހަނދާން ވެގެންނެވެ. ސިހިފައި ފޯނުން ގަޑި ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ގަޑިޖެހެން ތިރީސް މިނެޓަށް ވެއްޖެއެވެ. އިންޓަރވިއުއަށް ގަޑި ޖެހޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އެ އިންޓަރވިއުއަކީ އެތައް ދުވަހެއްގެ އިންތިޒާރަށް ފަހު ލިބުނު ފުރުޞަތަކަށް ވާތީ އެ ފުރުޞަތު ނަގައިލުމަކީ އެއްވެސް ޙާލެއްގައި އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އެހެންކަމުން ގައިމަތީ އޮތް ރަޖާގަނޑު އެއްލައިލުމަށް ފަހު އޭނާ ފާޚާނާއަށް ވަނުމަށް އަވަސްވެގަތެވެ.

Ads by Sosun Fihaara

ފެންވަރައި ތައްޔާރުވެގެން ސިޓިންރޫމަށް ނުކުމެވުނުއިރު މަންމައާއި ދޮންބެ ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ކާމޭޒުދޮށުގައި ތިއްބެވެ. ނާސްތާކުރަން މަޑުކޮށްފިނަމަ ލަސްވާނެކަން އެނގޭތީ އޭނާ މިސްރާބުޖެހީ ގެއިން ނުކުންނާށެވެ. ބާރު ހިނގުމެއްގައި އޭނާ ނުކުތީ ބޭކާރު ވާހަކައެއް އެގަޑީގައި މަންމަމެން މީހަކު ފަށާފާނެތީ އެއިން ރެކެން ވެގެންނެވެ. ނާސްތާއަށް އެމީހުންނާ ބައިވެރިވާން މަންމަ ދިން ދަޢުވަތު އަޑު އިވުނު ކަމުގައިވިޔަސް އެ ވަޤުތު އޭނާ ޤަޞްދުކުރީ އެ އަޑަށް ބީރު ކަންފަތެއް ދޭށެވެ. އިންޓަރވިއު އިން އެނބުރި އައިސް މަންމައާ އެކު ވަގުތު ހޭދަ ކޮށްލުމުގެ ނިޔަތުގައެވެ. ގެއިން ނުކުމެ ސައިކަލަށް އަރަން އުޅެނިކޮށް ކޮނޑުގައި މީހަކު އަތް ޖަހައިލުމުން ބަލައިލިއިރު އެއީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިންގެ ތެރެއިން އެކެކެވެ. ބައްދަލު ނުވާތާ ދުވަސްތަކެއް ވެފައިވުމާއެކު އެ ރަޙްމަތްތެރިޔާ އޭނާއަށް ކޮފީއަކަށް ދަޢުވަތު ދިނެވެ. އެހެން ނަމަވެސް ވަޤުތުގެ ނާޒުކު ކަމާއެކު ފަހުން ދިމާ ކުރާނީ ކަމަށް ބުނެ އޭނާ އަވަސްވެގަތީ އިންޓަރވިއު އޮތް އޮފީހަށް ދިއުމަށެވެ. ހުޅުމާލެ ތެރޭގައި ދުއްވި ނަމަވެސް އާއްމުކޮށް އޭނާ އަޅާ ހެލްމެޓު ނުގެނެވޭކަން އެނގުނީ ސައިކަލު ސްޓާރޓް ކޮށްލި ފަހުންނެވެ. އަވަސް ކުރަން އުޅެންޏާ ހައްތާހާ ވާނީ ލަހޭ އޭނާގެ ހިތަށް އެރިއެވެ. އެންމެ ފަހަރަކު ހެލްމެޓް ނާޅައި ދިޔަޔަސް ރަނގަޅުވާނެ ކަމަށް ނިންމައި ސައިކަލުގައި އޭނާ ނައްޓައިލިއެވެ. ހުޅުމާލޭގެ ބޮޑުމަގުން ދުއްވައިފައި ދިޔައިރު މެންދުރު ނަމާދަށް ބަންގި ގޮވާ އަޑު އިވެއެވެ. ބޮޑު މިސްކިތް ކުރިމަތިން ސައިކަލުގައި ހުރަސްކުރީ އިންޓަރވިއު ނިންމައިލުމަށް ފަހު މިސްކިތަށް އަރަން ހިތުލައިގެންނެވެ.

ދުއްވުނު އެންމެ ބާރަށް ދުއްވައިފައި ގޮސް އިންޓަރވިއު އޮތް އޮފީހަށް އޭނާއަށް ވަދެވުނުއިރު ގަޑިޖެހެން އަދި ފަސް މިނެޓު އޮތެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް އޭނާ ލީ ބޭނުންވި ގޮތަށް ގަޑިނުޖެހި އިންޓަރވިއުއަށް އާދެވުނީތީއެވެ. އެހެނީ އެވަޒީފާއަކީ އޭނާ ނުހަނު ބޭނުންވާ ވަޒީފާއެކެވެ. އެއީ ސްކޫލު ނިމުނީއްސުރެ ހިތުލައިގެން އުޅުނު އޭނާގެ "ޑްރީމް ޖޮބް" އެވެ. އެ ދިގު އިންތިޒާރުގެ ނިމުން މިއަދު މިއޮތީ އައިސްފައެވެ. ލޮބީގައި ހުރި ސޯފާގައި އިށީނދެލައިގެން އޭނާގެ ނަން ގޮވާނެ ވަގުތެއްގެ އިންތިޒާރުގައި އިންއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އޭގެ ކުރީރޭ އެ އިންޓަރވިއުއަށް ޓަކައި ކުރި ތައްޔާރީތަކުގެ އުސްއަލިތަކެވެ. ހިތުތެރޭގައި ސިފަވަމުން ދިޔައީ އެ ވަޒީފާ ލިބިއްޖެނަމަ އޭނާގެ ދިރިއުޅުން ހުންނާނެ ގޮތެވެ. ސައިލެންޓަށް ލާން ހަނދާން ނެތިފައި އޮތް ފޯނު ރިންގު ވާން ފެށީ އެވަގުތުއެވެ. އަވަސް އަވަހަށް ފޯނު ކަނޑައިލީ ގުޅަނީ ރައްޓެހިވެގެން އުޅޭ ލޯބިވެރިޔާ ކަމަށް ވިޔަސް އެވަޤުތަކީ ފޯނަށް ޖަވާބު ދޭން އެންމެ އެކަށޭނަ ވަޤުތަކަށް ނުވާތީއެވެ. އެކޮޅުން ތަކުރާރުކޮށް ގުޅާނެކަން އެނގޭތީ އޭނާ ފޯނު ނިއްވައިލީ ދެވަނަ ވިސްނުމަކާ ނުލައެވެ. މާ ގިނައިރުތަކެއް ނުވެ އޭނާގެ ނަން ގޮވައިފިއެވެ. މަޑު ހިނގުމެއްގައި އިންޓަރވިއު ކޮޓަރިއަށް އޭނާ ވަނީ ހެޔޮ ގޮތެއް މިންވަރު ކުރެއްވުން އެދި ހިތާހިތުން ދުޢާ ކުރަމުންނެވެ.

އޭގެ ވިއްސަކަށް މިނެޓު ފަހުން އެކޮޓަރިން އޭނާ ނުކުތީ ހިނިތުންވުމަކާއި އެކީގައެވެ. ހީކުރިވަރަށް ވުރެ އިންޓަރވިއު ދިޔައީ މާ ރަނގަޅަށެވެ. އޭނާގެ ޤާބިލިއްޔަތުކަން އޮފީހުގެ އިސްވެރިންނަށް ސާބިތު ކޮށްދެވުމާއެކު ވަގުތުން އެ ވަޒީފާ އޭނާއަށް ހުށައެޅީ އެއަށްވުރެ ރަނގަޅު ދެވަނަ މީހަކު ނުލިބޭނެކަމަށް މެނޭޖްމަންޓަށް ވިސްނުނީމައެވެ. އެ އުފާވެރި ޚަބަރު އާއިލާއާ ޙިއްސާ ކުރުމަށް ޓަކައި ގެއަށް ދިއުމަށް އޭނާ ހިނގައިގަތެވެ. ގައިމު ވެސް މިއަދަކީ އޭނާއާ މެދު މަންމައާއި ދޮންބެ ފަޚުރުވެރިވާނެ ދުވަހެކެވެ. ބޮޑުމަގުން އޭނާ ދުއްވައިފައި ދިޔައީ ނުހަނު ހަމަޖެހިލައިގެން އާދައިގެ ބާރު މިނެއްގައެވެ. ކުރިއަށް އޮތް އުޖާލާ މުސްތަޤްބަލް ހިތަށް ސިފަ ކުރަމުންނެވެ. ދެން ވީ ޒަވާޖުގެ ޙަޔާތެއް ފަށަން އުޅޭށެވެ. މިހާތަނަށް ވެސް ކައިވެނި ފަސްކުރަމުން އައީ އެ ވަޒީފާގެ އުއްމީދުގައެވެ. ފޮނި ޚިޔާލުތަކެއްގައި އިނދެ ދުއްވަމުން ދަނިކޮށް އޭނާގެ ޙަޔާތަށް ޖެހި އެންމެ ބޮޑު ރާޅު ބިންދާލީ ފަހަތުން އައި ބަރު އުޅަނދެއް ކޮންޓްރޯލް ނުވެ އޭނާގެ ސައިކަލުގައި ޖެހުމުންނެވެ. ވިއްސައިގެން ގޮސް އޭނާ ޖެހުނީ މާދުރުގައި ހުރި ފާރެއްގައެވެ. މޫނު މައްޗަށް އަނދިރިވެ ޚަބަރު ހުސްވަމުން ދިޔައިރު ވަޒީފާގެ ކޮންޓްރެކްޓާއި އެހެނިހެން ލިޔުންތައް މަގުމައްޗަށް ވިއްސިވިހާލި ވެފައި ވަނިކޮށް އޭނާއަށް ފެނުނެވެ.

އޭނާއަށް ހޭވެރިކަންވީ ހޮސްޕިޓަލެއްގެ އެނދުމަތީގައި އޮއްވައެވެ. ބޮލަށް ބާރުކޮށް ބޭސްގަނޑެއް އޮޅާފައި ހުރިއިރު ގައިގެ އެތަންމިތަނަށް ހޮޅި ގުޅާފައި ހުއުޓެވެ. އެނދުގެ ވަށައިގެން އާއިލާއާއި ރަޙުމަތްތެރިންގެ އިތުރުން ލޯބިވެރިޔާ ވެސް ހުރިކަން އޭނާއަށް   އެނގެއެވެ. ތަންކޮޅެއް ދުރުން ދޮންބެ ކޮންމެ ވެސް މީހަކާ ވާހަކަ ދައްކާ އަޑު އިވެއެވެ. ހީވާ ގޮތުން އެއީ ޑޮކްޓަރެވެ. އޭނާގެ ސިކުނޑިއަށް ލޭއެޅިފައިވާ ކަމަށާއި ލިބިފައިވާ ގެއްލުމުގެ ސަބަބުން އުމުރު ދުވަހު ނުހިނގޭ ގޮތް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ޑޮކްޓަރ ބުނި އަޑު އޭނާއަށް އިވުނެވެ. އަދި ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށް ލަފާދީ އެކަމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ޑޮކްޓަރ ބުންޏެވެ. އެނބުރި އޭނާގެ އެނދު ކައިރިއަށް އައިސް އެންމެ ފަހުގެ ތަފުޞީލުތައް އެންމެންނާ ޙިއްސާ ކުރިއިރު ދޮންބެގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. މިލާފައިވާ މޫނުތައް ފެނި އެ އެންމެންގެ ތަޞައްލީއަށް ޓަކައި ކޮންމެ މީހެއްގެ ގައިގައި ބާރަށް ބައްދާލަން ކިތަންމެ ބޭނުން ވިޔަސް ކުރާނީ ކީއް ހެއްޔެވެ؟ މިއަދު އޭނާ ވަނީ އެކަމަށް ނުކުޅެދިފައެވެ. ލޮލުން ކުރެވޭ އިޝާރާތެއް ފިޔަވައި އިތުރު ހަރަކާތެއް ގެންނާނެހާ ބާރެއް އޭނާގެ ހަށިގަނޑުގައި މިއަދަކު ނެތެވެ.

ކުއްލިއަކަށް އޭނާގެ ހިތަށް އައީ އެދުވަހު ހެނދުނު ކަންވީގޮތެވެ. އަވަހަށް ނިދައި ހޭލައި ލިބިފައި އޮތް ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުނު ނަމައެވެ. އާއިލާއާ އެކު ހެނދުނުގެ އެ ނާސްތާ ކުރެވުނު ނަމައޭ އޭނާ ހިތަށް އެރިއެވެ. ގެއިން ނުކުތުމުގެ ކުރިން މަންމައާ ވާހަކަދައްކާ ހީސަމާސާ ކޮށްލެވުނު ނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ މިވަޤުތު މަންމައަށް ކުރަމުން ދިޔަ އަސަރު ލުއިވީސްކަން ޔަޤީނެވެ. މަގުމަތިން ދިމާވި އެ ރަޙުމަތްތެރިޔާއާ އެކު އިތުރު ވަގުތުކޮޅެއް ހޭދަ ނުކުރެވުނީތީ އޭނާ ދެރަވިއެވެ. އެހެނީ މިވަޤުތު އެންމެ ގާތުގައި ހުރީ އެ ރަޙުމަތްތެރިޔާއެވެ. ހެލްމެޓު ނެތްކަން އެނގުނު ހިސާބުން ގެއަށް ގޮސް އެ ހިފައިގެން ނުދެވުނީތީ އޭނާ ހިތާމަ ކުރިއެވެ. ގައިމު ހެލްމެޓް އެޅުނު ނަމަ މިވަޤުތު އޭނާ އެ އޮތް ޙާލު ކުޑަ ނަމަވެސް ރަނގަޅުވީހެވެ. ދިޔަ މަގުމަތީގައި ޖަމާޢަތުގައި މެންދުރު ނަމާދު ކުރެވުނު ނަމަ ކޮންފަދަ ހެއްޔެވެ؟ ދެން ދުވަހަކު ވެސް އޭނާއަށް ޖަމާޢަތެއްގައި ނަމާދު ކުރުމުގެ ނަޞީބު ނުލިބުމަކީ ވެސް ވެދާނެ ކަމެކެވެ. ލޯބިވެރިޔާގެ ފޯނަށް ޖަވާބުދީ ލޯބިވާވަރު ހާމަކޮށްދެވުނު ނަމައީ ކިހައި ރަނގަޅު ހެއްޔެވެ؟ އެ ފުރުޞަތު އޭނާއަށް ދެން ލިބޭނެބާއެވެ؟ ވަގުތު ސަލާމަތް ކުރުމުގެ ނިޔަތުގައި އޭނާއަށް ފަރުވާ ކުޑަ ކުރެވުނު ކަންކަމަށް ޓަކައި މިހާރު އޭނާ ދެރަވެއެވެ. ދުނިޔަވީ އެދުމަކަށް ޓަކައި ލިބިފައިވި ނިޢުމަތްތަކަށް ޝުކުރު ނުކުރެވުނީތީ މިހާރު އޭނާ ހިތާމަ ކުރެއެވެ.

ވިސްނައިލަބަލާށެވެ. އެދުވަހުގެ އިރު އެރީ އޭނާއަށް އާ އުއްމީދުތަކަކާ އެކުގައެވެ. ދެކެމުން އައި ފޮނި ހުވަފެންތައް ޙަޤީޤަތަކަށް ވުމުގެ ކޮޅުމަތި ދައްކަމުންނެވެ. ނަމަވެސް ތަޤުދީރުގެ ނިޔާ ދެކިބަލާށެވެ. ޙަޔާތުގެ އޮއިވަރު ބަދަލުވީ ހަމަ ކުއްލިއަކަށެވެ. އެސްފިޔަ ޖަހާލާހައި މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. މުޅި އުމުރު އޭނާ ހޭދަކުރީ އެ ވަޒީފާގެ އުއްމީދުގައެވެ. ނަމަވެސް މިއަދު އެ ވަޒީފާއިން އޭނާއަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ މާދަމާ ވެސް އެ މަޤާމަށް އޭނާގެ ބަދަލުގައި އެހެން މީހަކު ޢައްޔަން ކޮށްފާނެއެވެ. ހިތަށް އެރިއެވެ. ދާއިމަށް ދެމިގެން ނުދާނެ ވަޒީފާއެއްގެ ދަހިވެތިކަމުގައި އޭނާއަށް ގެއްލިގެން ދިޔައީ ކިހާ މަތިވެރި ނިޢުމަތްތަކެއް ބާވައެވެ؟ އެ ނިޢުމަތްތަކަށް ޝުކުރުކޮށް ޤަދަރުކުރާނެ ދެވަނަ ފުރުޞަތެއް އޭނާއަށް ލިބޭނެ ބާވައެވެ؟ ލިބިއްޖެނަމަ އެ ފުރުޞަތު އޭނާ ގެއްލުވާ ނުލާނެކަން ޤައިމެވެ. މައިންބައިންނާއި ޢާއިލާގެ މުހިއްމުކަން ވިސްނުނީތީއެވެ. ރަޙުމަތްތެރި ކަމުގެ އަގު ވަޒަން ކުރެވުނީތީއެވެ. ލޯތްބަކީ ހެޔޮ ނަޞީބެއްކަން މޭރުންވީމައެވެ. ދީނީ ވާޖިބުތަކަކީ ފަސްކުރުން ހެޔޮވާވަރުގެ ކަމެއް ނޫންކަން އެނގުނީތީއެވެ. ނަމަވެސް.... އެ ހުރިހާ ކަމެއް އޭނާއަށް ވިސްނުނުއިރު ވަޤުތު ފާއިތު ނުވޭބާވައެވެ؟ އެ ފިލާވަޅުން ޢިބުރަތް ޙާޞިލްވިއިރު އޭނާގެ ޙަޔާތުގެ ހުޅުކޮޅު ނުނިވޭނެބާވައެވެ؟ އަމިއްލަ ނަފުސާއި އޭނާ ހިތާހިތުން އެ ސުވާލުތައް ކުރަމުން ދިޔައިރު ފެންނަމުން ދިޔަ މަންޒަރު ފުސްވެ ދެލޯ މެރެމުން ދިޔައެވެ.

ކުއްލިއަކަށް އޭނާގެ ހަށިގަނޑަށް ގުޅާފައިހުރި މެޝިންތަކުގެ އަޑުގަދަ ވެއްޖެއެވެ. ނޭވާ ނުލެވި މަރަށް ތެޅެން ފަށައިފިއެވެ. އިސާހިތަކު ސިއްޙީ އެހީތެރިން އޭނާގެ ވަށައިގެން ހޭލަމޭލަވާން ފަށައިފިއެވެ. އާއިލާގެ މެމްބަރުން ދުރަށް ޖައްސައި ސިއްޙީ އެހީ ލިބެންހުރި އެންމެ ފުރިހަމައަށް އޭނާއަށް ލިބެން ފަށައިފިއެވެ. އިރުކޮޅަކަށްފަހު އޭނާގެ އިސް ޑޮކްޓަރ ބޭސްފަރުވާގެ ކޮޓަރިން ނުކުމެއްޖެއެވެ. ކެތްމެދުވެ ހާސްވެފައި ތިބި އޭނާގެ ދަނެތިބީންގެ ކައިރީގައި ގޮސް ހުއްޓުނުއިރު ޑޮކްޓަރުގެ މޫނުމަތިން މޮޅިވެރިކަން ފާޅުވަމުންދިޔައެވެ. މަޑުމައިތިރިކަމާއެކު އެޚަބަރު އާއިލާއާ ޙިއްސާ ކުރިއެވެ. އެއާއެކު އެންމެންގެ ލޮލުން ވެސް ކަރުނަތައް ފައިބައިގަތެވެ. އޭނާގެ މަންމައަށް ގިސްލާ ރޮވެން ފެށުނުއިރު ލޯބިވެރިޔާ ހުރިތަނަށް ކަކޫ މައްޗަށް ތިރިވެވުނީ ބޭއިޚުތިޔާރުގައެވެ. ކެތްތެރިވުމަށް ނަޞޭޙަތްތެރި ވުމަށްފަހު ޑޮކްޓަރ އެނބުރި ދިޔައެވެ. އާނއެކެވެ. އެ ޒުވާން ފުރާނަ މި ދުނިޔެއަށް އަލްވަދާޢު ކީއެވެ. އެ ވަޤުތީ މެހެމާނަށް މިދުނިޔޭގައި ކަނޑައެޅުނު އަޖަލު ހަމަވީއެވެ. ދިރިއުޅުމުގެ ޙަޤީޤީ މަޤްޞަދު ނޭނގި ވަޤުތު ފާއިތުވީއެވެ.

އެކުވެރީންނޭވެ! ޙަޔާތަކީ ދެވަނަ ފަހަރަށް ލިބޭނެ ފުރުޞަތެއް ނޫނެވެ. ވަޤުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! އާއިލާއާއި ގާތް މީހުންނާއެކު ހޭދަކުރަން ލިބޭ ފުރުޞަތެއް ދޫކޮށްނުލާށެވެ! ފުރާނައަކީ އެންމެ މާތް ނިޢުމަތެވެ. އެއަށް ރައްކާތެރިވާށެވެ! ދުނިޔަވީ އެދުންތަކަށް ޓަކައި ދީނީ ވާޖިބުތައް ނާޅާށެވެ! މާދަމާ ވެސް ހެއްދެވި ފަރާތަށް ރުޖޫޢަވާން ޖެހިދާނެއެވެ. ލިބޭ ކޮންމެ ފުރުޞަތެއްގައި ނިޢުމަތްތަކަށް ޝުކުރު ކުރާށެވެ! އެހެނީ ތިބާއަކީ ކިހާ ނަޞީބު ގަދަ މީހެއްކަން އިޙްސާސްވާނީ އެ ނިޢުމަތްތަކުން މަޙްރޫމް ވެފައިވާ ބަޔަކަށެވެ. މުދަލާއި ފައިސާއަކީ ވަގުތީ އުފާތަކެއްކަން ޔަޤީނެވެ. ދުނިޔޭގެ ދާއިމަށް ދެމިގެންދާނީ އާއިލީ ގުޅުންތަކާއި ހިތުގެ ގުޅުންތަކެވެ. އާޚިރަތަށް ދެމި އޮންނާނީ ﷲގެ ވަޖުހުފުޅަށް ޓަކައި ކުރެވުނު ހެޔޮ ޢަމަލެކެވެ. އެ ކަންކަމަށް ފަރުވާތެރިވާށެވެ! ވަޤުތު ފާއިތު ނުވަނީސް އިޞްލާޙު ވަމާ ހެއްޔެވެ؟ ދެދުނިޔޭގެ ބާއްޖަވެރިކަން އޮތީ އެގޮތުގެ މަތީންނެވެ.

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައިވަނީ ފާތިމަތު އަހުލަމް އެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ.

Ads by Allied Insurance
  1. ދޮން އިބުރާހިމް

    ވ ވ ސަޅިި