މީހުން ދެން ފުރަމަލަ

ފްރީ ސްޓައިލްގެ ޗެމްޕިއަން ، އެތައް ހުނަރަކުން މިހާރު އެއްވަނަ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އޭނާއަކީ މޮޅު ނެށުންތެރިއެކެވެ. ކުޅަދާނަ ޅެންވެރިއެކެވެ. ފްރީ ސްޓައިލްގެ ފަންނުގައި އެއްވަނައެވެ. މީހުން ބަލާ ހިތްވާ ގޮތަށް ހިތްފަަސޭހަ ޕްރޮގްރާމްތައް ހުށަހަޅައިދޭ ޕްރެސެންޓަރެކެވެ. މީހުން ހެއްވާލުމުގައި ދުވަހަކު ވެސް ފެއިލް ވެފައި ނުވާ މަޖާ ކޮމީޑިއަން އެކެވެ. ޒުވާނުންނަށް ޚިދުމަތް ކުރުމުގައި އަބަދުވެސް އަތުކުރި އޮޅާލައިގެން ހުރި ގައުމު ދެކެ ލޯބިވާ ޒުވާނެކެވެ. ގައުމީ ޔޫތު ކައުންސިލްގެ މެންބަރެކެވެ.

Ads by STELCO

ތައާރަފްގައި މި ދެކެވުނީ ކޮން ޝަހުސިއްޔަތެއްގެ ވާހަކަކަން މިހާރު ގިނަ ބަޔަކަށް ފަހުމު ވާނެއެވެ. އެއީ މާ ބޮޑު ތައާރަފަކަށް ބޭނުން ނުވާ، ދިވެހީންނާ ރައްޓެހި މޫނެކެވެ. މުހައްމަދު ސައިފް ޒާހިރުއެވެ.

ސުކޫލް ދައުރުގައި ސައިފް

މިއަދު އާންމުންނަށް ފެންނަ ސައިފްއާ ސުކޫލް ދައުރުގެ ސައިފްއާ ކޮންމެވެސް ވަރެއްގެ ތަފާތު ތަކެއް އެބަ ހުއްޓެވެ. އޭނާ އަކީ އެ ދުވަސްވަރު މާ ގިނައިން އިތުރު ހަރަކާތްތަކުގައި ބައިވެރިވެ އުޅުނު ކުއްޖެއް ނޫނެވެ. އެގޮތުން އެ ދުވަސްވަރު ފުޓްބޯޅަ ޓީމަށް ހޮވުނަސް ނުވަތަ އެހެން ވެސް ކުޅިވަރެއް ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް ސައިފް އެ ކުޅިވަރެއްގައި ބައިވެރިއެއް ނުވެއެވެ. ސަބަބަކީ ސައިފްގެ ބެލެނިވެރިން ވެސް ވަޒީފާގައި އަވަދިނެތި އުޅޭތީ އޭނާ އެފަދަ ހަރަކާތްތަކަށް ގެންގޮސްދީ ހަދާނެ މީހަކު ނެތުމެވެ.

ސައިފްގެ ކުޑައިރުގެ ފޮޓޯއެއް

އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ނަސީބު އެ ދުވަސްވަރު މާބޮޑަށް އޭނާއަށް ނުލިބުނު ނަމަވެސް ސައިފްއަކީ އޭރު ވެސް ދަރުމަވަންތަ ސުކޫލްގައި ފާހަގަ ކޮށްލެވޭ ދަރިވަރެކެވެ. އަދި އޭގެ ކުރިން ޕްރައިމަރީ ގްރޭޑްތަކުގައި އިސްކަންދަރު ސުކޫލްގައި ކިޔެވި އިރުވެސް އަދަބީ މުބާރާތްތަކުގައި ރަންވަނަތައް ހާސިލު ކުރާ ދަރިވަރެކެވެ. އެގޮތުން ޅެން ހެދުމުގެ މުބާރާތްތަކާއި އެކި ކަހަލަ އަދަބީ މުބާރާތްތަކުގައި އޭނާ އެތައް ވަނަތަކެއް ހާސިލު ކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ އޭނާއަކީ ކިޔެވުމަށް ވެސް މޮޅު ތޫނުފިލި ދަރިވަރެކެވެ. ދަރުމަވަންތަ ސުކޫލުން ސާނަވީ ތައުލީމް ހާސިލުކޮށް ނިމެންދެން ވެސް އޭނާ ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ.

ސުކޫލް ދައުރުގައި ސައިފް ވަނީ ބައެއް މަގާމުތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާއަކީ ގްރޭޑް 9ގައި ތައުލީމް ހާސިލު ކުރި އިރު ހައުސްގެ ގޭމްސް ކެޕްޓަންއެވެ. އަދި ގްރޭޑް 10ގައި ތައުލީމް ހާސިލު ކުރިއިރު އޭނާއަކީ ޑެޕިއުޓީ ހައުސް ކެޕްޓަނެކެވެ.

ސައިފް ވަޒީފާގެ މާހައުލަށް

2006 ވަނަ އަހަރު ދަރުމަވަންތަ ސުކޫލުން ޖީސީއީ އޯލެވެލް ނިންމުމަށް ފަހު ސައިފް އިތުރަކަށް ނުކިޔަވައެވެ. އެ ދުވަސްވަރު ހާލަތު ހުރި ގޮތުން އޯލެވެލް ނިންމުމަށްފަހު 5 މަސް ދުވަސް ތެރޭގައި އޭނާ ނުކުތީ ވަޒީފާގެ މާހައުލަށެވެ. އެންމެ ފުރަތަމަ އޭނާ ދިޔައީ އެޑްމިން ވަޒީފާއަކަށެވެ. އޭރު އޭނާގެ މަގުސަދަކަށް ވީ އަމިއްލަ ކަންތައްތައް އަމިއްލައަށް ކޮށްލެވޭވަރު މީހަކަށް ވުމެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ހުންނަ މީހަކަށް ވުމެވެ.

އެންމެ ގިނަ ދުވަހު ސައިފް ވަޒީފާ އަދާކުރި ދާއިރާއަކީ ކާގޯ ކްލިއަރެންސްގެ ދާއިރާއެކެވެ. 6 އަަހަރު ވަންދެން އޭނާ އެ ދާއިރާގައި މަސައްކަތް ކުރިއެވެ. އަދި މިހާރު ވެސް އޭނާ ވަޒީފާ އަދާ ކުރަނީ އެ ދާއިރާގައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގައި އޭނާ ވަޒީފާ އަދާކުރާތާ 5 އަހަރަށް ވުރެ ގިނަ ވެއްޖެއެވެެ.

ބޮޑުބެރުގެ ދާއިރާއަށް ނުކުމެވުނީ ކިހިނެއް؟

ގްރޭޑް 9 އަދި 10ގައި ކިޔެވިއިރު ސައިފްއަކީ ސުކޫލްގެ މަގާމެއް ފުރަމުން ދިޔަ ކުއްޖެއްކަމުން ސުކޫލްގައި ބާއްވާ ގިނަ އިތުރު ހަރަކާތްތަކެއްގައި ވަރަށް ބޮޑަށް ޝާމިލުވެ އުޅެވުނެވެ. އެގޮތުން ޓީޗަރުންގެ ދުވަހާއި އެ ނޫނަސް އެކި ކަހަލަ ދުވަސްތައް ފާހަގަ ކުރުމުގައި ބާއްވާ އެކި ކަހަލަ ހަރަކާތްތައް އިންތިޒާމު ކުރުމުގައި އޭނާ ހަރަކާތްތެރިވިއެވެ. އެގޮތުން ތަމްސީލްތަކަށާއި އެކި ކަހަލަ ސްޓޭޖް ހަރަކާތްތަކަށް ކުދިން ނެގުމުގައި ވެސް އެންމެ ކުރީ ސަފުގައި އޭނާ އުޅުނެވެ.

އެކަމަކު ވެސް ބޮޑުބެރަކަށް އޭރު ރާއްޖޭގައި ނޯވޭ ވައިބެއް. އިވޭނީ ހަމައެކަނި ސުކޫލަށް ދާން ހެނދުނު ތެދުވެ އުޅޭއިރު އެ އިވޭ ބޮޑުބެރު ކޮޅު އެކަނި ބޮޑުބެރަކަށް އަޑު އިވޭނީ. ދެން ސުކޫލްތަކުގައި ވެސް މިހާރު އޮންނަ ގޮތަށް ބޮޑުބެރު ޖެހުމެއް ނޯންނާނެ.

އެ ދުވަސްވަރު ވެސް ސައިފް އެންމެ ޝައުގުވެރިވާ އެއް ކަމަކީ ނެށުމެވެ. ނެށުމުގެ ހުނަރުތައް އަބަދުވެސް އޭނާ ވަރަށް ދަސް ކުރާ ހިތްވެއެވެ.

އެއީ 2008 ވަނަ އަހަރެވެ. އެ ދުވަސްވަރު ސައިފްއާއި އޭނާއާ އެކުގައި އެންމެ ގާތްކޮށް އުޅުނު އެކުވެރިން ހިތާނީ ސީޒަނެއްގައި ބެރުޖަހާތަން ބަލަން ދާން ފެށިއެވެ. އެއީ ގާތް ރަހުމަތްތެރިއެއްގެ ބޭބެއިންތަކެއް ކުރާ ކަމަކަށް ވާތީއެވެ. އެ ދުވަސްވަރު ބޮޑުބެރު ޖަހާތަން ބަލަން ގޮސް އުޅުމުގެ ތެރޭގައި އޭނާއަށް ބޮޑުބެރަށް ނަށަން ދަސްވިއެވެ. އަދި ބޮޑުބެރުގެ ތެރެއަށް އޭނާއަށް ވަދެވުނީ އެ ދުވަސްވަރުއެވެ.

އޭގެ ފަހުން އޭނާ ވަނީ ފާހަގަ ކޮށްލެވޭ ގިނަ އިވެންޓުތަކެއްގައި ވެސް ބޮޑުބެރަށް ނަށައިފައެވެ. ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ބޮޑުބެރު ގުރޫޕް "ހަބޭސް"ގައި ގިނަ ދުވަސްތަކެއް ވަންދެން އޭނާ މަސައްކަތް ކުރިއެވެ.

ބޮޑުބެރުގެ ތެރޭގައި އުޅެމުން އޭނާ ވަނީ ގިނަ ކަންތައްތަކެއް ދަސްކޮށްފައެވެ. އެގޮތުން ހުރިހާ ވައްތަރެއްގެބެރެއް ޖަހަން ދަސްކޮށް ، ހުރިހާ ހަމައެއް ދަސްކޮށް ބައެއް ފުނަތައް ޖަހަން ވެސް އޭނާ ދަސްކުރިއެވެ. މީގެ އިތުރުން ބެރު އެޅުމަކީ ވެސް އޭނާއަށް މިހާރު ބޮޑު ކަމެއް ނޫނެވެ.

ގިނަ ބަޔަކަށް ނޭނގުނަސް، މޮޅު ޅެންވެރިއެއް

ގިނަ ބަޔަކަށް ސައިފް ފާހަގަވެފައި އޮންނަނީ ބޮޑުބެރަށް ނަށާ ނެށުންތެރިއެއްގެ ގޮތުގައެވެ. އަދި ބޮޑުބެރުގެ ދާއިރާ ނޫން އެހެން ބައެއް ދާއިރާތަކުންނެވެ. ޕްރެސެންޓިންގެ ދާއިރާއިންނާއި ފްރީސްޓައިލްގެ ދާއިރާއިންނެވެ. އޭނާއަކީ ޅެންވެރިއެއްގެ ގޮތުގައި އެނގިފައި އޮންނާނީ މަދު ބަޔަކަށެވެ.

ހަބޭސް ބޮޑުބެރުގައި އޭނާ މަސައްކަތް ކުރި ދުވަސްވަރު އޭނާ ވަނީ ބައެއް ޅެންތައް ވެސް ހަދައިފައެވެ. އަދި އޭނާގެ ބައެއް ޅެންތައް އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައި ވެސް އެބަހުއްޓެވެ. އެ ލަވައަކީ ހަބޭސްއިން ނެރުނު ޖިންނި އަލްބަމްގެ "ރަކަރަކަ ލައްވާ ދޫނިތައް" މި ލަވައެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ ގިނަ ލަވަތަކެއް ހަދައިފައެވެ.

ފްރީ ސްޓައިލްއަށް ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟

ސުކޫލް ދައުރުގައި ސައިފްއަކީ ކުޅިވަރުގައި މާ ނަން ވިދާ ކުއްޖެއް ނޫނެވެ. އެހެންކަމުން ފުޓްބޯޅަ މުބާރާތެއް އޮތް ނަމަވެސް އޭނާއަށް ގިނަ ފަހަރަށް ޓީމުން ޖާގައެއް ނުލިބެއެވެ. އަދި އޭރު އޭނާ މާ ބޮޑަށް ފުޓުބޯޅަ ކުޅޭ ހިތެއް ވެސް ނުވެއެވެ. ނަމަވެސް މިހާރު ވެސް އަދި އޭރު ވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާ ނަޒީރުއަކީ ވަރަށް މޮޅަށް ފުޓުބޯޅަ ކުޅޭ ކުއްޖެކެވެ.

ފްރީ ސްޓައިލްއަށް ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައިދެމުން ސައިފް މާޒީގެ ސަފްހާތައް ނިއުޅުވާލީ ގްރޭޑް 9އަކާ ހިސާބަށެވެ.

އެއީ އިންޓަރ ކްލާސް މުބާރާތަކުން ސައިފް ބަލިވި ދުވަހެކެވެ. ބަލިވުމުން އެކަމާ ދެރަވެ ތިބެ ސައިފްއާއި ނަޒީރު ދިޔައީ ސައިފްމެން ގެއަށެވެ. އެ ދެމީހުން އަަބަދުވެސް ފިލާވަޅު ހެދުމާއި ކިޔެވުމަށް އަދި ސަކަރާތް ޖެހުމަށް ވެސް ވަގުތު ހޭދަ ކުރަނީ އެގޭގައެވެ.

ގެއަށް އައިސްފަ މި ތިބީ އެކަމާ ވަރަށް ދެރަވެފައި. ތިބެގެން ހަަމަ އަހަރެމެންނަށް ލިބިފަ އިން ވީޑިއޯ ސީޑިީއެއް ރޮނާލްޑީނިއޯގެ ފްރީސްޓައިލް ޓްރިކްތަކެއް. އޭތި ބަލާފަ އެ ދުވަހުން ދުވަހަށް ޓްރައި ކުރީ އޭޓީޑަބްލިޔު ޓްރިކް ހެދޭތޯ. އެ ޓްރިކް ޓްރައި ކޮށްގެން ދެމީހުންނަށް ވެސް އެދުވަހު އެ ޓްރިކް ދަސްވެއްޖެ. ދެން އެދުވަހުން އެދުވަހަށް ނައްޓާލައިފިން އާރޓިފިޝަލް ބީޗަށް. އޭރު ހެންވޭރުގަ ހުންނަ ގެއެއްގައި އުޅޭނީ

ފްރީ ސްޓައިލްގެ ދާއިރާއަށް ސައިފްއަށް ވަދެވުނިީ އެދުވަހުން ފެށިގެން ކަމަށް ސައިފް ކިޔައިދިނެވެ. އެ ދުވަސްވަރަކީ ފްރީސްޓައިލް ދުނިޔޭގައި މާ ކުރިއަރާފައި އޮތް ޒަމާނެއް ނޫނެވެ. މާ ގިނަ ފްރީސްޓައިލްގެ ޓްރިކްތަކެއް ވެސް އެދުވަސްވަރު ނުހުރެއެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ސައިފް ފްރީސްޓައިލްގެ ޓްރިކްތައް ދަސްކުރަން ފެށިއެވެ.

ރެޑްބުލް ސްޓްރީޓް ސްޓައިލްގެ ޗެމްޕިއަންކަން ދެ ފަހަރު

ސައިފް އެންމެ ފުރަތަމަ ފްރީސްޓައިލްގެ އުކުޅުތައް ދަސްކުރަން ފެށީ 2005 ވަނަ އަހަރުއެވެ. އެދުވަހުން ފަށައިގެން ވެސް އޭނާ އިންޓަނެޓުން ބަލައިގެން އަމިއްލަ މަސައްކަތުން އެކި ކަހަލަ އުކުޅުތައް ދަސްކޮށް ހަދައެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް 2010 ވަނަ އަހަރު އޭނާއަށް ޓީވީއިން އިސްތިހާރެއް ފެނުނެވެ. ރެޑްބުލް ސްޓްރީޓް ސްޓައިލް މުބާރާތް ރާއްޖޭގައި ބާއްވަން އުޅޭ ކަމެވެ. އަދި ބައިވެރިވާން ބޭނުންވާ ކުދިން އެސްއެމްއެސް ކުރުމަށެވެ. އެ އިސްތިހާރު ފެނުމުގެ ކުރިން ފްރީސްޓައިލް އަކީ މުބާރާތްތައް އޮންނަ ކަމެއް އޭނާއަކަށް ނޭނގެއެވެ.

ވީޑިއޯ އެޑެއް ޓީވީއިން ދެއްކީ. އެ އެޑް ފެނިފަ އަސްލު ވަރަށް ޝައުގުވެރިވި، އަހަރެމެން މި ކުރަނީ ވެސް ކަމެކޭ ހިތަށް އަރާފަ ދެން ހިތަށް އެރީ މި މުބާރާތް ދޫކޮށެއް ނުލާނަމޭ ބައިވެރި ނުވެއެއް!

އެ މުބާރާތުގައި ސައިފް ބައިވެރިވި އިރު އޭނާގެ ބެސްޓްފްރެންޑް ނަޒީރުވެސް އެ މުބާރާތުގައި ބައިވެރިވިއެވެ. އަދި އެއަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ސައިފްއަށް ވާދަކުރަން ޖެހުނީ ނަޒީރުއާއެެވެ. ނަޒީރުއާ ވާދަކޮށް ފައިނަލަށް ގޮސް އެ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ފްރީސްޓައިލް މުބާރާތުގެ ޗެމްޕިއަންކަން ނެގީ ސައިފްއެވެ.

2010ގައާއި 2012ގައި މުބާރާތް އޮތީ. ދެ އަހަރު ވެސް ޗެމްޕިއަންކަން ސައިފްއަށް ލިބުނީ އިރާދަކުރެއްވިއްޔާ.

ޕްރެސެންޓަރަކަށް ވާނެއެކޭ ހިތަކަށް ނާރާ

"ޕްރެސެންޓިންއަކީ އަަސްލުގައި އެއްވެސް ވަރަކަށް ޝައުގުވެރިކަން ހުރި ދާއިރާއެއް ނޫން އިނގޭ" ޕްރެސެންޓިންގެ ދާއިރާއަށް ވަދެވުނު ގޮތް އަހައިލުމުން ޖަވާބުދޭން ފަަށަމުން ވެސް ސައިފް ބުނީ މިހެންނެވެ. އެހެންކަމުން އޭނާއަކީ ކެމެރާ ކުރިމައްޗަށް އަރާ ޕްރެސެންޓު ކުރާނޭ މީހެއް ކަމަކަށް އޭނާ ދުވަހަކު ވެސް ހިޔެއް ނުކުރެއެވެ. އަދި އެއީ އޭނާ ކުރިން އެއްވެސް ގޮތަކަށް އުއްމީދު ކުރި ކަމެއް ވެސް ނޫނެވެ.

އެންމެ ފުރަތަމަ ކެމެރާއާއި މައިކާ ކުރިމަތިލާ ޓީވީއަށް ސައިފް އަރަން ޖެހުނީ އެކި ކަހަލަ އިންޓަވިއު ތަކުންނެވެ. އެގޮތުން ރެޑްބުލް ސްޓްރީޓް ސޮކަރ މުބާރާތުގެ ޗެމްޕިއަންކަން އޭނާއަށް ލިބުން ވީ އެއް ސަބަބަށެވެ. އަދި އެ ދުވަސްވަރު ބޮޑުބެރު ގުރޫޕުގައި އުޅުނު އިރުގައި ވެސް ގުރޫޕުން މީޑިއާއަކަށް ދޭން ޖެހޭ މަައުލޫމާތެއް ދޭނީ އޭނާއެވެ.

މައިކް، ކެމެރާ އެއްޗެހި ވަރަށް ބޮޑަށް ފެމިލިއަރ ވީ. ނަރވަސްނަސްއެއް ބިރެއް ނީނދެ. ދެން އެކަމު ހަނދާން ހުރޭ އެނގޭ އެންމެ ފުރަތަމަ ރެޑްބުލް ވިން ވެގެން އެ ދުވަހު އިންޓަވިއު ކުރަން އައިމަ ތުރުތުރު އަޅައިގެން ހަމަ އެކައްޗެއް ނުބުނެވި ދިޔަ ހަނދާން ވެސް.

މީޑިއާތަކަށް މައުލޫމާތު ދިނުމުގައި ސައިފް ފަހުން އެއްވެސް ގޮތަކަށް ފަހަކަށް ނުޖެހެއެވެ. ސައިފްގެ ހުށަހެޅުންތެރިކަމުގެ ހުނަރު މި ކަންކަމުގެ ތެރެއިން ޓީވީއެމްގެ ދެ ޕްރޮޑިއުސަރުންނަށް ފާހަގަވުން ވީ އޭނާއަށް ޕްރެސެންޓިންގެ ދާއިރާއަށް ވަންނަން ކޮޮށުނު މަގަކަށެވެ. ސައިފްއަކީ އެމީހުންގެ ބޮޑުބެރު ގުރޫޕްގައި ވެސް ޝޯތައް ހުށަހަޅައިދީ އުޅޭ މީހެއް ކަމުން ސައިފްއަށް ޝޯއެއް ޕްރެސެންޓް ކުރުމުގެ ފުރުސަތު އެ ދެ ޕްރެސެންޓަރުން ދިނެވެ.

އެ ހިސާބުން އއ އަތޮޅުގައި އޮތް އައުޓްޑޯ ޝޫޓްތަކަަކަށް ދިއުމަށް ސައިފްއަށް ދައުވަތު ލިބުނެވެ. އޭނާ އެފަހަރު ދާން ނިންމީ ކޮންމެހެން އޭނާގެ ހިތުގައި ޕްރެސެންޓިންއަށް ލޯބި އޮވެގެންނެއް ނޫނެވެ. އެ ދަތުރު ދާ ހިތުންނެވެ. ނަމަވެސް އެފަހަރު ގޮސް އޭނާއަށް ވަރަށް ރަނގަޅަށް އެ ޝޫޓްތައް ނިންމައިލެވުނެވެ. އޭނާ އެންމެ ފުރަތަމަ ބެލުންތެރިންނަށް ޓީވީއަކުން ފެނުނީ ރަމަޟާން މަހެއްގައި ޓީވީއެމްގެ "މިވަގުތު" ޕްރޮގްރާމްގެ އައުޓްޑޯ ސެގްމަންޓަކުންނެވެ. އެއީ 2018 ވަނަ އަަހަރުއެވެ.

ސައިފްގެ އެ ފެނިލުމާއެކު ގިނަ ބަޔަކު އޭނާއަށް ތައުރީފް ކުރަން ފެށިއެވެ.ބޮޑުބެރު ޖެހުމާއި ފްރީސްޓައިލަށް ވުރެ ވެސް ޕްރެސެންޓިންއަށް މާ މޮޅު ކަމަށާއި ޕްރެސެންޓިންއަކީ ކުރަން ސަޅި ކަމެއް ކަމަށް މީހުން ސައިފްގެ ގާތުގައި ބުނަމުން ދިޔައެވެ.

ސައިފް އެންމެ ހުށަހަޅާ ހިތްވަނީ ކޮންކަހަލަ ޕްރޮގެރާމެއް؟

މިވީ ދެތިން އަހަރު ދުވަހުގެ ތެރޭގައި ސައިފްއަށް ވަނީ ގިނަ ޕްރޮގްރާމްތަކެެއް ހުށަހެޅިފައެވެ. ޓީވީއެމްއިން ދައްކާ ދިވެހީންނާ ރައްޓެހި އެތައް ޕްރޮގްރާމްތަކަކުން ސައިފް ވަނީ ބެލުންތެރިންނާ ބައްދަލު ކޮށްފައެވެ. އެގޮތުން މިވަގުތު. ހެނދުނު ހެނދުނާ، މެންދުރުފަސް، ރިވައިންޑް ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. އަދި އެންމެ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ހުށަހެޅި ޕްރޮގްރާމަކީ ކޮންމެ ހުކުރު ދުވަހަކު 1:30ގައި ޓީވީއެމުން ދައްކާ "ހިތްފަސޭހަ" ޕްރޮގްރާމެވެ.

މީގެ އިތުރުން ސައިފް އާއި އޭނާގެ ދެ އެކުވެރިން ކަމަށްވާ  ޝިފާޒް އާއި ހުޝާމް (އަލީ ސްޕާރީ) ގުޅިގެން 2018 ވަނަ އަހަރު އަމިއްލަ ޕްރޮގްރާމެއް ހުށަހެޅިއެވެ. އެ ޕްރޮގްރާމަކީ މިއަދު ވެސް ދިވެހީންގެ މެދުގައި އެންމެ ނަން ހިނގާ ޕްރޮގްރާމެވެ. "އަހަމާބަހަމާ"އެވެ.

އަހަމާ ބަހަމާގެ 3 ހޯސްޓުން، އެންމެ ކަނާއަތަށް ސައިފް، ދެން ޝިފާޒް އަދި އަލީ ސުޕާރީ

ސައިފް އެންމެ ގިނައިން ހުށަހަޅާފައިވާ ޕްރޮގްރާމްތަކަކީ ވަރަށް "ސީރިއަސް" ޕްރޮގްރާމްތަކެވެ. ބައެއް ފަހަރަށް ދައުލަތުގެ ވެރިންނާ އިންޓަވިއުކޮށް ވަރަށް ރަސްމީކޮށް ކުރިއަށް ގެންދަން ޖެހޭ ޕްރޮގްރާމްތަކެވެ. އެހެން ނަމަވެސް ސައިފް އެންމެ ކުރާ ހިތްވާ ކަހަލަ ޕްރޮގްރާމްތަކަކީ އެއީއެއް ނޫނެވެ. ސަބަބަކީ އެފަދަ ޕްރޮގްރާމްތައް ހުށަހެޅުމަށް އޭނާގެ އަމިއްލަ މިޒާޖު ބަދަލުކޮށް ގަދަކަމުން މައިތިރިވެގެން އިންނަން ޖެހޭތީ ކަމަށް ސައިފް ސިފަ ކުރެއެވެ.

"އަމިއްލައަށް އުފައްދައިގެން ނުވަތަ ޕްރޮޑިއުސަރެއްގެ އެހީތެރިކަމާއެކު ވެސް އެންމެ ބޭނުން ވަނީ ވަރަށް ގިނަ އިންޓަރނޭޝަނަލް ޗެނަލްތަކުން ބަލާއިރު ފެންނާނެ ލޭޓް ނައިޓް ޝޯވސް ދޯ. ލޭޓް ނައިޓްއަކީ ވަރަށް ސަކަރާތް ޖަހާލާ އޭރުގަ ހިނގާ ކަރަންޓް އެފެއަރސްއާ ބެހޭ ގޮތުން ވަރަށް އޯޕަންކޮށް ވާހަކަ ދައްކާލާ ގެސްޓުން ގެނެސްލާ އެމީހުންގެ އެންމެ ލޭޓެސްޓް އަޕްޑޭޓްސް ގެނެސްލާ، ގޭމްސް ކުޅެލާ. އެކަހަލަ ލޭޓް ނައިޓް ޝޯވއެއްގެ ހޯސްޓަކަށް ވާން ބޭނުން ވަނީ" އޭނާ އެންމެ ހުށަހަޅާ ހިތްވާ ކަހަލަ ޕްރޮގްރާމް ސައިފް ސިފަކޮށްދިނެވެ.

އެއް ދާއިރާއެއް ނަގަން ޖެހިއްޖެ ނަމަ ނަގާނީ ކޮން ދާއިރާއެއް؟

ސައިފްއަކީ އެންމެ ކަމެއް ދެކަމެއް ކުރާ ޒުވާނެއް ނޫނެވެ. ހުނަރުތަކުން ފުރިފައިވާ ކުޅަދާނަ ފަހުލަވާނެކެވެ. އޭނާ މަސައްކަތް ކުރާ ދާއިރާތައް ބައިވަރެެވެ. އެހެންކަމުން ވަކި ދާއިރާއަކަށް ހުސްވާނަމަ ސައިފް ހުސްވާނީ ކޮން ދާއިރާއަކަށް ބާވައެވެ.

މި ސުވާލުގެ ޖަވާބު ދޭން ސައިފަށް އުނދަގޫ ވާނެ ކަމަށް ހީކުރީމެވެ. ނަމަވެސް ހީކުރި ވަރަށް ވުރެ މާ ފަސޭހައިން ސައިފް މި ސުވާލަށް ޖަވާބު ދިނެވެ. ސައިފްގެ ޖަވާބަކަށް ވީ އެއް ދާއިރާއެއް ޚިޔާރު ކުރަން ޖެހިއްޖެ ނަމަ ޚިޔާރު ކުރާނީ "ފްރީ ސްޓައިލް"ގެ ދާއިރާ ކަމަށެވެ. އެއީ ސަބަބެއް ވެސް ނެތިއެއް ނޫނެވެ.

އެއީ ކޮންމެހެން ރަނގަޅު އާމްދަނީއެއް އެކަމުން ލިބޭތީއެއް ނޫނެވެ. އޭނާ އާއި އަދި ފްރީސްޓައިލްގެ ދާއިރާގައި މިހާރު ރާއްޖޭގައި ތިބި ސީނިއަަރ ގާތްގަނޑަކަށް 5 މީހުން އެ ދާއިރާ ދޫކޮށް ގޮސްފިނަމަ ރާއްޖޭގައި 'ފްރީސްޓައިލް" ވަޅުޖެހިދާނެ ކަމުގެ ބިރު އޭނާއަށް އޮތުމުންނެވެ. އަދި އާމްދަނީ ވެސް ރަނގަޅު ގޮތުގައި ހޯދަން އެނގިގެން ހޯދައިފި ނަމަ މިކަމަކީ ރަނގަޅު އާމްދަނީއެއް ވެސް ލިބޭ ކަމެއްގެ ގޮތުގައި ސައިފް ސިފަ ކުރިއެވެ.

އެއީ (ފްރީސްޓައިލް އަކީ) ކަންނޭނގެ އެންމެންނަށް މި ފެންނަ ސައިފްގެ ބޯން ވުމަކީ ވެސް. އެ މުބާރާތް ވިން ވި ރެޔަކީ މީހުންނަށް ސައިފް އެނގުނު ރޭ. މިހާރު މި ނުކުމެވުނު ހުރިހާ ދާއިރާއަކީ އެ ރޭގެ ރިޒަލްޓެއްހެން ސަައިފްއަށް ބޮޑަށް ހީވަނީ

ސައިފް

ރާއްޖޭގެ ގިނަ ކުދިންތަކަކަށް ފްރީ ސްޓައިލް ދަސްކޮށްދިނުމުގެ އުއްމީދުގައި!

ދާދި ފަހަކުން ސައިފް ވަނީ އޭނާގެ އަމިއްލަ ބްރޭންޑެއް އިފްތިތާހު ކޮށްފައެވެ. އަދި އޭނާގެ އަމިއްލަ ފްރީސްޓައިލް އެކެޑަމީއެއް ވެސް ހުޅުވާފައެވެ. އެ އެކެޑަމީގެ ދަށުން ބައެއް ކުދިންނަށް ކްލާސްތައް ވެސް ސައިފް އަންނަނީ ނަގައިދެމުންނެވެ. މީސްމީޑިއާގައި ސައިފް ހިއްސާ ކޮށްފައި ހުންނަ ފޮޓޯ ތަކާއި ވީޑިއޯތަކުން އެތަނުގައި ވަރަށް ހުނަރުވެރި ކުދިން އުޅޭކަން ވެސް ފާހަގަ ކުރެވެއެވެ.

ސައިފް ކުދިންތަކަކަށް ފްރީސްޓައިލް ކްލާސް ނަގައިދެނީ

ސައިފް މިހާރު ކުރާ އުއްމީދަކީ އޭނާގެ ކުލާސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވޭނެ ފުރުސަތު ތަނަވަސް ވުމެވެ. އެގޮތުން އޭނާއަށް ވަރަށް ގިނަ ރަށްރަށުން ކޯސް ހިންގައިދޭން ދިއުމަށް ދައުވަތު ވެސް ވަނީ ލިބިފައެވެ. އެހެން ނަމަވެސް މިއަދު އެކަމަށް އޮތް ހުރަހަކަށް ވެފައި ވަނީ ކޮވިޑް-19އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ކުރިމަތިވާ އުނދަގޫތަކެވެ. އެހެންކަމުން ކޮވިޑް-19ގެ ހާލަތު ރަނގަޅުވީހާ އަވަހަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޭނާގެ ފްރީސްޓައިލް ކްލާސްތައް ކުރިއަށް ގެންދިއުމަކީ މިއަދު އޭނާ ދެކޭ ހުވަފެނެވެ.

ޚާއްސަ ޝުކުރެއް މާމައަށް، އަދި މުޅި އާއިލާއަށް

"މާމައަކީ ސައިފް ކުރާ ކޮންމެ ކަމެއްގައި ވެސް އެންމެ ބޮޑު ސަޕޯޓާ ސައިފްގެ" ޝުކުރުގެ ލިސްޓުގައި މާމަގެ ނަން ފާހަގަ ކުރުުމަށްފަހު ސައިފް ބުނީ މިހެންނެވެ. އޭނާގެ މާމައަކީ އޭނާގެ ދިރިއުޅުމުގައި ވަރަށް މުހިންމު މީހެކެވެ. އޭނާ ކުރާ ކޮންމެ ކަމަކަށް ވެސް ތަރުހީބުދީ ހިތްވަރުދޭ މީހެކެވެ. އަބަދުވެސް އެހީތެރިވާ މަދަދުގާރެކެވެ.

މީގެ އިތުރުން އޭނާގެ މައިންބަފައިންނާއި އަންހެނުންނަށް ވެސް ސައިފް ވަނީ ޝުކުރު އަދާ ކޮށްފައެވެ.

"ދެން ސައިފްގެ ލޯބިލޯބި ކިޑް، އެއީ ވަރަށް ބޮޑު އިންސްޕިރޭޝަންއެއް ސައިފަށް ހުރިހާ ކަމެއް ކުރާއިރު ވެސް ބޮލުގައި އިންނާނެ، އޭނާއަށް ފިއުޗަރއެއް ހޯދައިދޭން އޭނާއަށް ރަނގަޅު ގޮތް ހޯދަދޭން. ސައިފް ކުރާ ކޮންމެ ކަމެއް ވެސް ޑިޕެންޑް ވާނެ އައިލީއަށް" ހިނިތުންވެ އިނދެ ސައިފް ބުނެލިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!