ބްރިޖުގައި ރެނދެއް ލައިފި ކަމަށް ބުނެ ދައުރުވަނީ ސައްހަ ފޮޓޯއެއް ނޫން

މާލެ އާއި ހުޅުލެ ގުޅާލެވިފައިވާ ސިނަމާލެ ބްރިޖުގެ ތަނބެއްގައި ރެނދެއް ލައިފައިވާ ކަމަށް ވުނެ ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި ދައުރުވަމުންދާ ފޮޓޯއަކީ ސައްހަ ފޮޓޯތަކެއް ނޫން ކަމަށް ޕްލޭނިންގް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ބްރިޖުގެ ތަނބެއްގައި ރެނދުލައިފައިވާ ކަމަށް ބުނެ ދައުރުވާ ފޮޓޯ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިއްސާކޮށް ކުރީގެ ސަރުކާރަށް އެތައް ފާޑުކިޔުންތަކެއް އަމާޒުކޮށްފައި ވާއިރު، އޭގެ ތެރޭގައި، އަދުގެ ސަރުކާރަށް ތާއީދުކުރާ ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ވެސް ހިމެނެއެވެ.
މިފަދަ ގޮތަކަށް ވާހަކަތައް ދައުރުވާން ފެށުމުން ޕްލޭނިން މިނިސްޓްރީން ވަނީ ޚާއްސަ އިންސްޕެކްޝަން އެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ބްރިޖުގެ ތަނބުގައި ރެނދު އަޅައިފައި ނުވާ ކަމަށާއި، އެއީ ބްރިޖަށް އެޅޭ ފެންތައް ފޭބުމުން ހެދިފައިވާ ފެން ރޮނގެއް ކަމަށް މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދީފައެވެ.
ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ގެނެވުނު ތަރައްގީގެ އެންމެ ބޮޑު އެއް މިސާލެވެ. އެ ބްރިޖު އެޅުމަށް ގާތްގަނޑަކަށް 30 މަސް ދުވަސް ހޭދަވެފައި ވާއިރު، މިއަދު އާންމުންނަށް އެ ބްރިޖުގެ ސަބަބުން އެތައް ފަސޭހަތަކެއް ވަނީ ލިބިފައެވެ.