އޭޓީއެމްއަކުން ސެނެޓައިޒަރ ފުޅިއެއް ވަގަށް ނަގައިފި

އިންޑިއާ މީހަކު އޭޓީއެމްއެއްގައި ބަހައްޓާފައި ހުރި ސެނެޓައިޒަރ ފުޅިއެއް ވަގަށް ނަގައިފިއެވެ.
ކޮވިޑް-19ގެ ކޭސްތައް އިންޑިއާގަައި ގިނަވުމާ ގުޅިގެން އެ ގައުމުގައި ގިނަ ބަޔަކު ވަނީ ސެނެޓައިޒަރއަށް ޖެހިފައެވެ. އަދި ސެނެޓައިޒަރގެ އަގު ވެސް ވަނީ އުފުލިފައެވެ. އެހެންކަމުން ސެނެޓައިޒަރއަކީ މިހާރު އެ ގައުމުގައި ތަދު އެއްޗެކެވެ.
މީސްމީޑިއާގައި މިހާރު ދައުރުވާ ވީޑީއޯއެއްގައި ފެންނަނީ މީހަަކު އޭޓީއެމްއަށް ވަދެ ފައިސާ ނަގާ ތަނެވެ. އަދި ފައިސާ ނަގާ ނިމުމަށް ފަހު އޭނާއަށް އެތަނުގައި ހުންނަ ސެނެޓައިޒަރ ފުޅިއެއް ފެނެއެވެ. އެހެން ނަމަވެސް އޭގެން އަތް ދޮންނާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ.
އަތް ދޮވުމުގެ ބަދަލުގައި އޭނާ އަތުގައި އޮތް ދަބަހަކަށް އެ ސެނެޓައިޒަރ ފުޅި ލިއެވެ. އަދި ސެނެޓައިޒަރ ފުޅި ހިފައިގެން އޭނާ އެތަނުން ދާ ތަން އެ ވީޑީއޯގައި ފެނެއެވެ.
އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވެ އެގައުމުގެ ރައްޔިތުން ވަނީ އޮކްސިޖަނަށް ޖެހިފައެވެ. އަދި މާސްކާއި ސެނެޓައިޒަރ ފަދަ ތަކެއްޗަށް ވެސް ވަނީ ބޭނުން ޖެހިފައެވެ.