ދުނިޔެ

ބިލް ގޭޓްސް އާއި މެލިންޑާގެ ވަރި: ސަބަބަކީ ކޮވިޑް-19 ބާ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުނިޔޭގެ މަހުޖަނުންގެ ލިސްޓުގެ އެންމެ ކުރީގައި ނަން ފަވާލެވޭ ބިލިއަނަރު ބިލް ގޭޓްސް އާއި އޭނާގެ އަންހެނުން މެލިންޑާ ގޭޓްސް ވަރިވާން ނިންމި ޚަބަރަކީ އިއްޔެ ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދި ވާހަކައެކެވެ.

Ads by Sosun Fihaara

ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގެ ދެ ކޯ އޯނަރުން ކައިވެނި ކޮށްގެން އުޅޭތާ 27 އަހަރު ފަހުން ވަރިވާން ނިންމާފައިވާކަން ހާމަ ކޮށްފައި ވަނީ ޓްވީޓާގައެވެ. އެގޮތުން އެ ދެމީހުންގެ ގުޅުމާމެދު ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކައިވެނި ރޫޅައިލުމަށް ނިންމައިފައިވާ ކަމުގައި އެ ޓްވީޓުގައި ބުނެފައިވެއެވެ.

"ފާއިތުވެދިޔަ 27 އަހަރު ދުވަހުގެ ތެރޭގައި އަހަރެމެން ދެމީހުން ތިން ދަރިން ބަލައި ބޮޑު ކޮށްފިން. އެކުދިންނަކީ ހަރުދަނާ ބަޔަކަށް ހަދައިފިން. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހި ކޮށްދޭ ކާމިޔާބު ފައުންޑޭޝަނެއް އުފައްދައިފިން"

މީގެ އިތުރުން އެ ދެމީހުންނަށް ދެމަފިރިންގެ ގޮތުގައި ނޫޅެވޭނެކަން ގަބޫލު ކުރެވުމުން ވަރިވާން ނިންމީ ކަމަށާއި ނަމަވެސް ފައުންޑޭޝަންގައި ދެމީހުން އެކުގައި މަސައްކަތް ކުރާނެ ކަމުގައި އެ ޓްވީޓްގައި ބުނެފައިވެއެވެ.

ބިލް އާއި މެލިންޑާ ބައްދަލުވީ 1987 ވަނަ އަހަރު ޕްރޮޑަކްޓް މެނޭޖަރެއްގެ ގޮތުގައި މެލިންޑާ މައިކްރޯސޮފްޓުގައި ވަޒީފާ އަދާ ކުރަން ފެށި ހިސާބުންނެވެ. އެ ދެމީހުން ކައިވެނި ކުރީ ގިނަ ދުވަސްތަކެއް ރައްޓެހިވެގެން އުޅުމަށްފަހު 1994ގައެވެ.

އެ ދެމަފިރިންގެ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން ވުޖޫދަށް އައީ 2000 ވަނަ އަހަރުގައެވެ. އެ ފައުންޑޭޝަނުން މީހުންނަށް އެތައް އެހީތެރިކަމެއް ވެފައިވާއިރު މީހުން ބާރުވެރި ކުުރުވައި މުޖުތަމައު ބާރުވެރި ކުރުވުމަށް އެތައް މަަސައްކަތެއް ކޮށްފައިވެއެވެ. އެތަނުގައި އެފަދަ ކަންކަމާއި ޕަބްލިކް ހެލްތާއި މޫސުމަށް އަންނަ ބަދަލުތައް ވެސް ކިޔަވައިދެއެވެ.

ކޮވިޑް-19 ޢާލަމީވަބާ: އިންތިހާއަށް ވަރި ގިނަވި

ކޮވިޑް-19ގެ ސަބަބުން އަސަރު ކުރީ މީހުންގެ ސިއްހަތަށް އެކަންޏެއް ނޫނެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގިނަ ބަޔަކަށް މިކަމުގެ ސަބަބުން ގެއްލުންވިއެވެ. އަދި އެކުގައި ގޭގައި ބަންދުވެފައި އަބަދު ތިބެން ޖެހުމުން ކައިވެނިތަކަށް ވެސް މި އާލަމީ ވަބާގެ އަސަރު ވަނީ ކުރުވާފައެވެ.

އިންޑިއާގެ ސުކޫލް އޮފް ޕަބްލިކް ހެލްތާއި އިންޑިއާނާ ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދެމަފިރިން ދޭތެރޭގައި ޖެހޭ މައްސަލަތައް ކޮވިޑް-19ގެ ސަބަބުން 34 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި ދެމަފިރިންގެ ދޭތެރޭގައި އޮންނަ ގުޅުން ވެސް ވަނީ ވަރަށް ބޮޑުތަން ކުޑަވެފައެވެ. މިފަދަ މީހުންގެ މެދުގައި ޑިޕްރެޝަނާއި އެކަނިވެރިކަން އިންތިހާއަށް އިތުރުވެފައިވާ ކަން ވެސް މި ދިރާސާގައި ވަނީ ސާބިތުވެފައެވެ.

ކޮވިޑް-19ގެ ފުރަބަންދުގެ ތެރޭގައި އިނގިރޭސި ވިލާތުގައި ވެސް އިންތިހާއަށް ވަރި ގިނަވިއެވެ. އެގޮތުން އޮންލައިންކޮށް ވަރިވާން އެދޭ މީހުން 25-35 އިންސައްތަ އެގައުމުގައި އިތުރުވިކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އިންޑިއާގައި ވެސް ހާލަތަކީ މިއީއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!