ޚަބަރު

ތިނަދޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ގދ.ތިނަދޫގައި ކޮވިޑް-19 ފެތުރުން އިތުރުވެ، ކާފިއު އިއުލާންކޮށްފިއެވެ.

Ads by Sosun Fihaara

ތިނަދޫ ކައުންސިލުން ބުނީ ތިނަދޫން ކޮވިޑް-19 އަށް ބަޔަކު ފައްސިވެ، ފައްސިވާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ތިނަދޫ އީ.އޯސީގެ ފަރާތުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، އަޅައިފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލުގެނައުމާއެކު 05 މެއި 2021 އިން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅަން  ނިންމާފައިވާ ކަމަށެވެ.

  • ސައިހޮޓާ ރެސްޓޯރަންޓްތަކުން ޢާއްމު ޚިދުމަތް ދިނުން މެދުކަނޑާލުމާއެކު، ރައްކާތެރިކަމާއެކު ކާބޯތަކެތި ޑެލިވަރީކުރުމުގެ ޚިދުމަތް ދިނުން.
  • ސައިހޮޓާ ރެސްޓޯރަންޓްތަކުން ޢާއްމު ޚިދުމަތް ދިނުން މެދުކަނޑާލުމާއެކު، ރައްކާތެރިކަމާއެކު ކާބޯތަކެތި ޑެލިވަރީކުރުމުގެ ޚިދުމަތް ދިނުން.
  •  ފިހާރަތަކުން ރައްކާތެރިކަމާއެކު ޑެލިވަރީ ޚިދުމަތް ދިނުމާއި، ފިހާރަތެރެއަށް އެއްފަހަރާ 1 ކަސްޓަމަރަށް ވުރެ އިތުރަށް ނުވެއްދުމާއި ފައިސާ ބަލައިގަތުމުގައި ނަގުދު ފައިސާ ބޭނުން ނުކޮށް ފައިސާ ޓްރާންސްފަރ ކުރެވޭ ގޮތް ހެދުން. އަދި ފިހާރައިގެ ބޭރުގައި ސެނިޓައިޒަރ ބޭނުންކޮށްގެން އަތް
    ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • ފިހާރަތައް ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ބެހެއްޓުން. އަދި 10:00 ގެ ފަހުން ފިހާރަތަކުން ޢާއްމުންނަށް ޚިދުމަތް ނުދިނުން.
  •  ގާޑިޔާތަކުންދޭ ޚިދުމަތްތައް ހަވީރު 04:00 ގައި ބަންދުކުރުން.
  • ޢުމުރުން 65 އަހަރުން މަތީ މީހުންނާއި ކުޑަކުދިން މިސްކިތްތަކަށް ނުގޮސް ގޭގައި ނަމާދު ކުރުމަށް މިސްކިތްތަކަށް ވަޑައިގަންނަވާ ބޭފުޅުން ގެއިން ވުޟޫ ކުރައްވައިގެން އަމިއްލަ މުސައްލަ ހިއްޕަވައިގެން މިސްކިތަށް ވަޑައިގަތުން.
  • މިސްކިތްތަކުގައި ރޯދަވީއްލުން ކުރިޔަށް ނުގެންދިއުން.
  • ބިއުޓީ ސެލޫން ، ބޯކޮށާ ތަންތަން ބަންދު ކުރުން.
  • އޮފީސްތަކުގެ ޚިދުމަތަށް ކޮންމެހެން ނެރެންޖެހޭ މަދު ޢަދަދެއްގެ މުވައްޒަފުން ނޫނީ ނުނެރުން.
  •  ކަސްރަތު ކްލާސްތަކާއި، ޖިމް، އަދި ހުރިހާ ކުޅިވަރު ކޯޓްތަކާއި ކުޑަކުދިންގެ ޕާރކްތަކާއި، މިއުޒިއަމް ޕާރކް ބަންދުކުރުން.
  •  ފަރު މަސްވެރިކަންކުރާ އުޅަނދުފަހަރު ކައުންސިލުން ދޫކުރާ ޚާއްސަ ހުއްދަ ނަގައިގެން ނޫނީ މަހަށް ނުފުރުން. އަދި 3 މީހުނަށްވުރެ މަދު ޢަދަދެއްގެ މީހުންނާއިއެކު ނޫނީ މަހަށް ނުފުރުން.
  • އެއަރޕޯޓްގެ ޑިއުޓީތަކަށް މީހުން ދިއުމާއި އައުން މަޑުޖައްސާލުން.
  • ފިނިބުރު ޖެހުން މަނާ ކުރުމާއި، 3 މީހުންނަށްވުރެ ގިނަމީހުން އެއްފަހަރާ އެއްތަނަކަށް އެއްވެއުޅުން މަނާކުރުން.
  • އޮފީސްތަކާއި އެނޫންވެސް މަސައްކަތު މާޙައުލުތަކުގައި ގައިދުރުކަމާއެކު މާސްކު އަޅައިގެން އެޗްޕީއޭގެ މިންގަޑުތަކާއި އުޞޫލުތަކާއި އެއްގޮތަށް ޙަރަކާތްތެރިވުން.
  • ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީނުވެ، އެޗްޕީއޭގެ ހުއްދަ ނެތި މާލެއިން ތިނަދޫއަށް އަންނަ ފަރާތްތައް ޖޫރިމަނާ ކުރުން.
  • ރޯދަ ވީއްލުމަށް ގޭގެއަށް ޒިޔާރަތް ކުރުމާއި ރެސްޓޯރެންޓްތަކާއި ގޭގޭގައި އަދި މައިދާންތަކުގައި ޢާއިލީ ރޯދަވީއްލުން ބޭއްވުމާއި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުން މަނާކުރުން.
  • ސްކޫލްތަކާއި، ކޮލެޖް ޔުނިވާރސިޓީ އަދި ޓިއުޝަންކުލާސްތަކާއި ޤުރުއާން ކުލާސްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުން.
  • އީއޯސީން ހުއްދަ ލިބިގެން ނޫން ގޮތަކަށް ތިނަދޫން އެއްވެސް ރަށަކަށް ދަތުރު ނުކުރުން.
  •  ތިނަދޫއަށް މުދާ ގެންނަ އުޅަނދުތައް ތިނަދޫ ފަޅަށް ވަނުމުގެ ކުރިން އީ އޯ ސީގެ ހުއްދަ ހޯދުމާއި، އީއޯސީން ހުއްދަ ލިބިގެން ނޫން ގޮތަކަށް ރަށަށް މުދާ ބޭލުމާއި އެރުވުމުގެ މަސައްކަތް ނުކުރުން.
  • އީއޯސީން ހުއްދަ ލިބިގެން ތިނަދޫއަށް އަންނަ އުޅަނދުފަހަރު ފެރީ ޓަރމިނަލް ނޫންތަނަކަށް ބަނދަރު ނުކުރުން.

ތިނަދޫ ކައުންސިލުން ވަނީ އެ ރަށަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް އެންމެހާ ރައްޔިތުންގެ އެއްބާރުލުން ކައުންސިލަށް ނިހާޔަތަށް ބޭނުންވާ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުން ވީހާ ވެސް ގިނަ ވަގުތު ގޭގައި ތިއްބެވުމަށާއި، ޝަރޫރީ ކަމެއްގައި ބޭރަށް ދުރުވާއިރު މާސްކް އެޅުއްވުމަށާއި އަދި ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން 7934641 ގުޅުއްވާ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.

އަދި ހަމަ މިއާއެކު، އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އުސޫލާއި އެއްގޮތަށް މާސްކް ނާޅައި ބޭރުގައި އުޅުއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގެ ކަންކަން ތިނަދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ކުރިޔަށް ގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!