ޚަބަރު

ނުހައްގުން މުއްސަނދިކަން ހޯދުން ކުށަކަށް ހަދައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

Ads by STELCO

މި ބިލަކީ އެޕްރީލް މަހުގެ 19 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ޤާނޫނު ނަންބަރު 2014/9 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މި ގެނައި އިސްލާހުގައި ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުގައި ކަނޑައަޅުއްވައި އެކުށް ސާބިތުވާނެ ހާލަތު ވަނީ ބަޔާންކޮށްދީފައެވެ. އަދި ރިޝްވަތުގެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމުގައި ވެސް މި ގެންނެވި އިޞްލާޙުގައި ބަޔާން ކޮށްފައިވެއެވެ.

މީގެ އިތުރުން މި ޤާނޫނަށް ގެންނެވި އިޞްލާޙުގައި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅުއްވާފައިވެއެވެ. އަދި މިފަދަ ކުށެއް ކުރިކަމުގައި ނިންމަވާ ހަމަތަކާއި އުޞޫލުތައް ވެސް މި އިޞްލާޙުގައި ހިމެނިގެންވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވާ މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) އުވޭނެކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!