ޚަބަރު

ރާއްޖެއަށް އެތެރެ ކުރަން އުޅުނު 10 މިލިއަން ރުފިޔާގެ އަގު ހުރި މަސްތުވާ ތަކެތި އަތުލައިގަނެފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: ކަސްޓަމްސް

އިތިއޮޕިއާއިން ރާއްޖެ އައި މީހެއްގެ އަތުން 10 މިލިއަން ރުފިޔާގެ އަގު ހުރި މަސްތުވާތަކެތި އަތުލައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by STELCO

އެ މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.413 ކިލޯގުރާމް ހުރި ކަމަށާއި، އެ މަސްތުވާތަކެތީގެ މަގުމަތީ އަގު 10,239,000.00 (ދިހަ މިލިއަން ދެލައްކަ ތިރީސްނުވަ ހާސް) ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މީގެ އިތުރުން އެމީހާއަކީ އިތިއޮޕިއާ ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅުނު އިނގިރޭސި ވިލާތުގެ މީހެއް ކަމަށާއި އުމުރުން 30 އަހަރުުގެ މި ފިރިހެން މީހާއަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ރާއްޖެ އައި މީހެއް ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

އޭނާއާ މެދު ޝައްކު ކުރެވުނު ގޮތަކީ އޭނާ ރާއްޖެ އައި ރޫޓާއި އޭނާގެ އަމަލުތައް އާދަޔާ ޚިލާފުވުމުން ކަމަށާއި، އެހެންކަމުން އޭނާގެ ލަގެޖުތައް ބަލާ ފާސް ކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނުނީ ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން މި ތަކެތި ޓެސްޓު ކުރި ކުރުމުގައި މި ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ވަނީ ފައްސިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!