ޚަބަރު

އުސޫލާ ޚިލާފުވި 286 މީހަކު ޖޫރިމަނާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފެތުރެމުން އަންނަ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވި 286 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

Ads by Sosun Fihaara

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ރާއްޖޭގައި ވެސް ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެ ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުން މަގުމަތީ ހަރަކާތްތެރިވާއިރު އުސޫލާއި ހިލާފުވާ މީހުންނަށް ނަސޭހަތް ދިނުމަށް ފަހު އެކަން ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ފާއިތުވީ 24 ގަޑިއިރު ތެރޭގައި 286 މީހަކު އުސޫލުތަކާ ޚިލާފު ވެގެން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން 103 މީހަކު ޖޫރިމަނާ ކުރީ މާސްކު ނާޅައި ބޭރުގައި އުޅެގެން ކަމަށާއި ކާފިއު ވަގުތު ބޭރުގައި އުޅެގެން 160 މީހަކު ޖޫރިމަނާ ކުރި ކަމަށް ވެސް ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށެވެ. މި ބާރަ ގަޑިއިރު ޒަރޫރީ ބޭނުމަށް ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. ކާފިއު ވަގުތު ވެހިކަލް ދުއްވައިގެން 23 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ.

މި އެންމެން ވެސް ޖޫރިމަނާ ކޮށްފައި ވަނީ ، މީހަކު 1،000 ރުފިޔާއަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!