މެދުއިރުމަތި ދުނިޔެ

އިސްރާއީލް ސިފައިންނާއެކު ޔަހޫދީން މަސްޖިދުލްއަޤްޞާއަށް ވަދެގަނެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިސްރާއީލް އަސްކަރީ ސިފައިންނާއެކު، ޔަހޫދީންގެ ގިނަ ބަޔަކު މަސްޖިދުލްއަޤްޞާގެ ތެރެއަށް ވަދެ ގަނެއްޖެއެއެވެ.

Ads by Sosun Fihaara

އިއްޔެ ހެނދުނު އިސްރާއީލްގެ ސިފައިންނާ އެކު، ހުޅަނގު އައްސޭރީގެ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާއަށް ޔަހޫދީން ވަދެފައިވަނީ އެ މިސްކިތުގައި މުސްލިމުން ފަތިސް ނަމާދަށް ފަހު މަޑުކޮށްލައިގެން ތިއްބައެވެ. ޔަހޫދީ ވަޒަންވެރިން އަގްސާ މިސްކިތަށް މި ވަދެގަތީ، ހުސްވި ރޯދަ މަހުގެ 27 ވިލޭރޭ އަގްސާ މިސްކިތުގައި ހިނގި ހަމަނުޖެހުންތަކާ ވިދިގެން، އެ މިސްކިތް ހުންނަ ސަރަހައްދަށް ޔަހޫދީން ވަނުން މަނާކޮށްފައި އޮންނަތާ ދެ ހަފުތާ ފަހުންނެވެ.

ޤުދުސްގައި ގަދަބާރުން ވަޒަންވެރިވި ވެގެން އުޅޭ ޔަހޫދީން އަޤްޞާއަށް މިސްކިތަށް ވަނުމުގެ ކުރިން، އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ވަނީ އަޤްޞާ މިސްކިތުގައި ނަމާދު ކުރަން ތިބި ބައެއް މީހުންނާއި އެސަރަހައްދުގައި ނަމާދަށް ފަހު މަޑުކޮށްލައިގެން ތިބެ މީހުން ދުރަށް ޖައްސާފައެވެ. އަދި މިމީހުން ދުރަށް ޖެއްސުމުގައި ސިފައިން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. މިގޮތުން އެތަނުން ދިއުމަށް ދެކޮޅު ހެދި މީހުން ބިޑި އަޅުވައިގެން ގެންދާ މަންޒަރު، ވީޑިއޯތަކުން ފެނެއެވެ. ވަފާ ނިއުސް އެޖެންސީން ރިޕޯޓް ކުރާ ގޮތުގައި 6 މީހަކު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޔަހޫދީން މިސްކިތަށް ވަންނަ ވަގުތާ ދިމާކޮށް އަޤްޞާ މިސްކިތުގެ ގޭޓުން 45 އަހަރުން ދަށުގެ މީހުންނަށް ނުވަދެވޭ ގޮތް ވެސް ވަނީ ހަދައިފައެވެ.

ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާޢަތާއި އިސްރާއީލާ ދެމެދު ހަމަލާ ބަދަލު ކުރުންތައް ހުއްޓައިލަން އެއްބަސްވެފައި ވަނީ، އިރުމަތީ ޤުދުސްގައި ޔަހޫދީން އެއްވެސް ޖަރީމާއެއް ނުހިންގުމަށް ޝަރުތުކޮށްފައެވެ. ނަމަވެސް އިސްރާއީލުން އެއްބަސްވުމާ އެއްގޮތަކަށް އަމަލެއް ނުކުރެއެވެ. ހަމަލާތައް ބަދަލު ކުރުން ހުއްޓާލަން ނިންމިތާ މިއަދަށް މިއީ ތިން ވަނަ ދުވަހެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!