ބޮލީވުޑް

"ރާދޭ" އަށް ނެގަޓިވް ރިވިއުއެއް ދިނުމުން ސަލްމާން ޚާން އަބުރުގެ ދައުވާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން އެންމެ ފަހުން ކުޅުނު ފިލްމު "ރާދޭ"އަށް ނެގަޓިވް ރިވިއުއެއް ދިން މީހަކާ ދެކޮޅަށް އަބުރުގެ ދައުވާ ކޮށްފިއެވެ.

Ads by MWSC

ފިތުރު ޢީދު ދުވަހު ރިލީސް ކުރި "ރާދޭ" ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދިއެވެ.

ނަމަވެސް އެކްޓަރ އަދި ޔޫޓިއުބަރ ކަމާލް އާރް ޚާން (ކޭއާރްކޭ)، އެ ފިލްމާ ބެހޭގޮތުން ދިން ރިވިއުގެ ސަބަބުން، ސަލްމާން ޚާން ވަނީ ވަރަށް ބޮޑަށް ރުޅި އައިސް ކޭއާރްކޭއާ ދެކޮޅަށް އަބުރުގެ ދައުވާކޮށް އެ މައްސަލަ ކޯޓަށް ވެސް ހުށަހަޅައިފައެވެ.

ކޭއާރްކޭގެ މައްޗަށް ސަލްމާން ޚާން އަބުރުގެ ދައުވާ ކޮށްފައިވާކަން ޓްވިޓާގައި ހިއްސާ ކުރަމުން އޭނާ ބުނީ، ފިލްމުތަކާ ބެހޭގޮތުން ރިވިއު ދެނީ ޕްރޮޑިއުސަރުން އެދިގެން ކަމަށާއި ނޭދޭ ނަމަ އޭނާ ރިވިއުއެއް ނުދޭ ކަމަށެވެ.

"ރާދޭ" އާއި ބެހޭގޮތުން ކޭއާރްކޭ ދިން ރިވިއުގައި ބުނެފައިވަނީ ފިލްމަށް ކުރި ޚަރަދާއި ކުރި އުންމީދުތަކާ ބަލާފައި ރާދޭ އެހާ ކަމު ނުދާ ކަމަށެވެ. އަދި އެ ފިލްމުގައި ސަލްމާން އެންމެ ރަނގަޅު އެކްޓިންއެއް ވެސް ދައްކައިފައި ނުވާ ކަމަށެވެ.

އަބުރުގެ ދައުވާއާ ގުޅިގެން ކޭއާރްކޭ ބުނީ އޭނާ އަބަދުވެސް ދެނީ ތެދުވެރި ރިވިއު ކަމަށާއި އެކަން އޭނާ ގާތުން ރިވިއުއަކަށް އެދޭ މީހުންނަށް ވެސް އެނގޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!