ދެން ފުރަމަލަ

ދަރިވަރުންނަށް ހިނިތުންވުން ގެނެސްދޭ ބިޝާރާ މިސްގެ ޙަޔާތުން ޞަފްޙާތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގައުމު ބިނާ ކުރުމުގައި އަންހެނުންނަކީ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ބައެކެވެ. ގޭތެރެއިން ފެށިގެން މުޖުތަމަޢުގެ މުހިންމު ކަންކަމުގައި ބަސްބުނާ ، އަދި ބަސް ހިނގާ މަގާމުތަކުގައި ކަނބަލުން ތިއްބެވިކަމީ މިއަދު ލިބޭ ކާމިޔާބެކެވެ. ތަރުބަވީ ދާއިރާއިން ފެށިގެން ގައުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ތިއްބެވި އަންހެނުންގެ މަސައްކަތްތަކުން ފެނިގެން ދަނީ އެމީހުންގެ ހިތްވަރާއި ފަންވަރެވެ. ގައުމީ ޚިދުމަތެވެ.

Ads by Hajj Corporation

ބިޝާރާ އާދަމް (ބިޝާރާ މިސް)އަކީ ވެސް ގައުމީ ޚިދުމަތުގައި ފާހަގަ ކުރެވޭ ކަނބަލެކެވެ. ދިރިއުޅުމުގައި ކިތަންމެ ދަތި އުނދަގޫކަން ކަމަކާ ކުރިމަތިވި ކަމުގައި ވިޔަސް، އެހެން މީހުންގެ ދިރިއުޅުން ބައްޓަން ކުރުމުގައި ނުހަނު ބުރަ މަސައްކަތް ކުރަމުންގެންދާ އޭނާގެ ވަށައިގެންވާ އެންމެން ވެސް ނުހަނު ލޯބިވާ، އެންމެންނާ ވެސް ގުޅޭ ހީވާގި ޓީޗަރެކެވެ.

"ދެން"އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ބިޝާރާ މިސް ވަނީ އޭނާގެ ޙަޔާތުގެ ބައެއް ޞަފްހާތައް ހިއްސާކޮށްދީފައެވެ.

ބޭނުންވީ ވަކީލަކަށް ވާން، ވެވުނީ ޓީޗަރަކަށް!

ބިޝާރާ މިސް އަކީ ހުނަރުވެރި ޓީޗަރެއްކަމާ މެދު އޭނާ ދަންނަ އެކަކު ވެސް ދެބަހެއް ނުވާނެއެވެ. މަސައްކަތަށް އެހާމެ ފަރުވާތެރިއެވެ. އެހާމެ ޒިންމާދާރެވެ. އެހެންކަމުން ކޮންމެ މީހަކަށް ވެސް އިހްސާސް ކުރެވޭނީ މިއީ ބިޝާރާ މިސް އަބަދުވެސް އެންމެ ދާން ބޭނުންވި ދާއިރާ ކަމަށެވެ. އެކަމަކު އެއީ ހަގީގަތެއް ނޫނެވެ.

"ކިޔަވާ ނިމިގެން އެންމެ ފުރަތަމަ ވާން ބޭނުންވީ ވަކީލަކަށް. އެކަމަކު ވަކީލު ކަމަކީ މައިންބަފައިން އެހާ ޤަބޫލު ކަމަކަށް ނުވާތީ އެ ހިޔާލު ދޫކޮށްލީ. ގޭގައި ދެން ވެސް ޓީޗަރުން ތިބީމަ، އަސްލުގައި ޓީޗަރަކަށް ވާން ބޭނުމެއް ނުވި އޭރު ވެސް. ޓީޗަރުކަން އޭރު ވީ ވަރަށް ކުރަން ފޫހިވި ކަމަކަށް" ބިޝާރާ މިސް ބުންޏެވެ.

ބިޝާރާ މިސް ދެން ވާން ބޭނުންވީ ޑޮކްޓަރަކަށެވެ. ނަމަވެސް ޑޮކްޓަރުކަން ކިޔަވަން ފޮނުވަން އެއިރު މިސްގެ މައިންބަފައިންގެ މާލީ ހާލަތު އެހައި ތަން ނުދިނުމުގެ ސަބަބުން، ދެން އޮތް އޮޕްޝަނަކަށް ބިޝާރާ މިސް ޓީޗަރަކަށް ވުމެވެ. ޓީޗަރަކަށް ވާން ކުރިން ބޭނުން ނުވި ކަމުގައި ވިޔަސް، މިހާރު އެ ދާއިރާއަކީ ބިޝާރާ މިސްގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަން މިސް ހާމަ ކުރިއެވެ.

ބޮޑުވިޔަސް ކުޑަކަން މައިންބަފައިން އިހުސާސް ކޮށްދިނުން ވެގެން ދިޔައީ ލިބުނު ބޮޑު ހިތްވަރަކަށް

އަބަދުވެސް އިވެމުންދާ ބަސްކޮޅެކެވެ.

"މައިންބަފައިންނަކަށް ދަރިންނެއް ބޮޑެއް ނުވާނެއެވެ."

ބިޝާރާ މިސްގެ ދިރިއުޅުމުން ވެސް އެކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވެއެވެ. މިސްގެ ދިރިއުޅުމުގައި ދިމާވި އެންމެ ބޮޑު އެއް ހިތާމައަކީ ފުރަތަމަ ކައިވެނި ރޫޅުމެވެ.

"ވަރަށް ފޮނި އުންމީދުތަކަކާ އެކު ފުރަތަމަ ކައިވެނި ކުރީ. އެކަމަކު ކައިވެނި ދެމެހެއްޓޭތޯ ކުރި މަސައްކަތްތައް ބޭކާރުވެ އެ ކައިވެނި ރޫޅުނީ. ބުނެދޭން ނޭނގޭހާ ވަރަށް އެ ދުވަސްކޮޅު ދެރަވި. ވަރަށް ބޮޑަށް ޑިޕްރެޝަނަށް ދިޔަ. އެއްވެސް ކަމެއް ކުރާ ހިތް ނުވެފަ ހުރީ." ނުހަނު ފުން އަސަރާ އެކު ބިޝާރާ މިސް ކިޔައިދިނެވެ.

ކައިވެނި ރޫޅުމުން ބިޝާރާ މިސް އަނެއްކާ ވެސް ދިރިއުޅެން ފެށީ މިސްގެ މައިންބަފައިން ގާތުގައެވެ. ހިތާމައިން އަރައިގަންނަން އެހީތެރިވުމަށް ބިޝާރާ މިސްގެ މައިންބަފައިން ކޮށްދިން ބައެއް ކަންތައްތައް ވެސް ކިޔައިދިނެވެ.

"އެ ދުވަސްކޮޅު ދެރަވެފަ ހުރިވަރުން ސްކޫލަށް ކިޔަވައިދޭން ދާން ވެސް ބޭނުން ނުވި. ނުދާން ވެގެން އުޅުނީ. އެކަމަކު މައިންބަފައިން ވަރަށް ވިސްނައިދިން، ވަރަށް ހިތްވަރު ދިން. ބުނި ބިޝާރާ ތިއީ އަދި ޒުވާން ކުއްޖެއް ނޫންހޭ، އެންމެ ފިރިހެނެއް ނޫނެއް ނޫންހޭ އުޅޭނީ. ސްކޫލަށް ކިޔަވަދޭން ނުދާން އުޅެން ފެށީމަ ވެސް ވަރަށް ވިސްނައިދީފަ، ބަލަން ވެސް ބަލާނެ ދާ ގަޑި ޖެހެން ކައިރިވީމަ ދާން ތައްޔާރު ވޭތޯ ވެސް. ހިތްހަމަ ޖައްސައިދޭން އެކި އެއްޗެހި ހޯދައިދީ، ސައިކަލު ދުއްވާލަން ގެންގޮސް. ބޮޑުވެފަ ހުއްޓަސް އެ ދުވަސްކޮޅު އިހުސާސް ވީ އަދިވެސް މިއީ މަންމަމެންގެ ކުޑަ ދަރިއެއްކަން. ވަރަށް އުފާވި" ބިޝާރާ މިސް ބުންޏެވެ.

އަހަރެންގެ ކުޑަ ހިނިތުންވުމަކަށް ޓަކައި ވެސް މައިންބަފައިންނަށް ކުރެވެން ހުރި ކަމެއް، ދެވެން ހުރި އެއްޗެއް ދިން. އިހުސާސް ކުރެވުނީ އަހަންނަކީ ވަރަށް ނަސީބުވެރިއެއްކަން

ބިޝާރާ މިސް އެންމެ ހަނދާންވާ އެއް ކަމެއް ހިއްސާ ކުރަމުން މިސް ވަނީ ސަގާފީ ހެދުމުގައި ސްކޫލުގެ އިވެންޓަކަށް ދިޔަ ދުވަހެއްގެ ހަނދާންތައް އައުކޮށްފައެވެ. އެއީ މަސައްކަތުގެ ބުރަކަމުން އަމިއްލައަށް ތައްޔާރުވެލަން ވެސް ވަގުތު ނުލިބުނު ދުވަހެކެވެ.

"ހީކުރީ އެދުވަހު ދެން ސަގާފީ ހެދުން ލައިގެން ނުދެވޭނޭ، ވަރަށް ލާ ހިތުން ހުރީ. ދެން ވަރަށް މާޔޫސް ވެފަ ހުރީ. އެކަމަކު އެ ދުވަހު ގެއަށް އައި އިރު، މަންމަ ހުރީ އެ ހެދުން ތައްޔާރު ކޮށްދީފަ. އެދުވަހު ސްކޫލަށް ދާން ބުރުގާ އަޅުވައި ދިނީ ވެސް މަންމަ. ވަރަށް ބޮޑަށް އުފާވި، އަދި ވަރަށް ޚާއްސަ ދުވަހެއް އެއީ" އުފަލާއެކު ބިޝާރާ މިސް ކިޔައިދިނެވެ.

ދިރިއުޅުން ބަދަލުވެ، ދާއިރާގައި ކުރިއަށް ދެވޭ އެންމެ ބޮޑު ހިތްވަރަކީ މަންމަ ބުނި ބަސްތައް

ފުރަތަމަ ކައިވެނި ރޫޅުމުން، ލިބުނު ހިތްދަތިކަމާ އެކު ވެސް ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ ބިޝާރާ މިސް ނުހަނު މަސައްކަތް ކުރިއެވެ. ވަޒީފާއަށް ވެސް ޤަވާއިދުން ގޮސް، އާއިލާގައި ހަވާލުވި އެހެން ޒިންމާތައް ވެސް އަދާކުރިއެވެ. އަދި އަހަރުތަކަކަށް ފަހު ދެވަނަ ކައިވެންޏެއް ވެސް ކުރިއެވެ.

ދެވަނަ ކައިވެންޏަށް ފަހު ބިޝާރާ މިސް އެންމެ ބޭނުންވީ ދަރިއަކު ހޯދާށެވެ. ނަމަވެސް އެކަމުން އަނެއްކާ ވެސް ފުރަތަމަ ކުރިމަތިވީ ހިތާމައެވެ. ބަލިވެއިން ފުރަތަމަ ފަހަރު ކުއްޖާ ބައިގެން ދިޔައީއެވެ.

"ފުރަތަމަ ދަރިފުޅު ބައިގެން ދިޔުމުން އަނެއްކާ ވެސް ވަރަށް ބޮޑަށް ދެރަވި. ދިރިއުޅުންމަތިން ފޫހިވި. އަނެއްކާވެސް މަސައްކަތެއް ވެސް ކުރާހިތެއް ނުވި. އެކަމަކު މަންމަ ކުރިން ވެސް ބުނި ވާހަކައެއް ވަރަށް ހަނދާންވި. މަންމަ އަބަދުވެސް ބުނި، ދިރިއުޅުން ބައްޓަން ކުރާށޭ އެހެން މީހަކަށް ޑިޕެންޑް ނުވެ އުޅެވޭނެ ވަރަށް. އެ ބަސްތައް ހިތަށް އަރުވައިފައި އަނެއްކާ ވެސް ދިރިއުޅުމުގައި އެއިރު ކުރަން ނިންމި ހުރިހާ ކަމަކާ ވެސް ހިތްވަރާ އެކު ކުރިމަތިލީ" ދިރިއުޅުމުގައި ދިމާވި އިތުރު ހިތްދަތިކަމެއް ހިއްސާ ކުރަމުން ބިޝާރާ މިސް ކިޔައިދިނެވެ.

 

މިހާރު ބިޝާރާ މިސްއަކީ ދެ ދަރިންގެ މަންމައެކެވެ. އޯގާތެރި ފިރިއެއްގެ އަނތްބެކެވެ. އާއިލާގެ ކަންކަން ބަލަހައްޓަމުން ގެންދާ ޒިންމާދާރު އަންހެނެކެވެ. ހަމައެހެންމެ ބިޝާރާ މިސްގެ ހިތްވަރާއި ބުރަ މަސައްކަތުގެ ސަބަބުން އޭނާއަކީ މިއަދު އެތަކެއް ދަރިވަރުންނެއްގެ ދިރިއުޅުން އަލިކޮށްދިން ، އެ ދަރިވަރުން ނުހަނު ލޯބިވާ މުދައްރިސެކެވެ.

ބިޝާރާ މިސް މެސެޖަކީ ހިތްވަރު ދިނުމާއި މަގު ދައްކައިދިނުމުގެ ސާފު މެސެޖެކެވެ. ކިތަންމެ ހިތާމައަކާ ކުރިމަތިވި ކަމުގައިވިޔަސް އެކަމަކާ އަބަދު ދެރަ ނުވުމަށާއި ހިތްވަރު ހޯދައި މަޑުމަޑުން ނަމަވެސް ކަންކަމާ ކުރިމަތިލުމަށް ބިޝާރާ މިސްގެ ތަޖުރިބާ ބުނެދެއެވެ. އަދި އަމިއްލަ ފައިމައްޗަށް ތެދުވެހުރި ފުދުންތެރި މީހަކަށް ވުމަށް މަސައްކަތް ކުރުމާއި ދިރިއުޅުމާ މެދު އުއްމީދު ކަނޑައި ނުލުމަށް ބިޝާރާ މިސް ދޭ މެސެޖަކީ ހަޔާތުގެ ކަޅު ސަފުހާތައް ލައްޕައިލި ސިއްރު ކިޔައިދޭ މެސެޖެވެ.

  1. ސިމނ

    އިންޝާ ﷲ ވ.ވ.އުފާވެއްޖެ ރަށު ކުއްޖަކަށް ވީތި.ބާއްޖަވެރި ދުވަސްތަކަ ކަށް އެދެން.

  2. މާޝާ

    ބިޝާރާ މިސްއަކީ އަޅުގަނޑުމެންގެ އިންސްޕިރޭޝަން

  3. ދަރިވަރެއް

    ބިޝާރާމިސް އަކީ ވަރަށް ހިތްވަރު ގަދަ ޚުލްޤު ހެޔޮ ކަނބަލެއް، ޒުވާންޖީލަށް ނަމޫނާ ކަނބަލެއް.

  4. ލުގުމާނު

    ބިޝާރާ މިސްއަކީ އެފަދަ ދެވަނައެއް ނެތް މިސްއެކޭ ބުނެވޭނީ. މިސްއަށް ހެޔޮދުޢާ ސަލާމް