ހަނގުރާމައިން ބަލިވި ނަތަންޔާހޫގެ ދިގު ވެރިކަން ނިމުމަކަށް އަންނަނީ
އިސްރާއީލްގައި މިހާތަނަށް އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުކަން ކުރެއްވި، ބެންޖިމަން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އައުމާ ގާތްވެއްޖެއެވެ.
ނަތަންޔާހޫއަށް ވެރިކަން ގެއްލިދިޔުމުން ގާތްވެފައި މި ވަނީ އޭނާގެ ލިކުޑް ޕާޓީއަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ގެއްލި، ސަރުކާރެއް އުފެދުމަށް ނުކުޅެދުމުންނެވެ. މިއާ އެކު އެޤައުމުގައި މިދިޔަ މާރިޗް މަހު އޮތް އާންމު އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ޔައިރް ލަޕިޑްގެ ޔެޝް އަޓިޓް ޕާޓީއަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ވަނީ ދީފައެވެ.
ލަޕިޑް ވަނީ އޭނާގެ ޕާޓީއިން، އިންތިޚާބުގައި ހަ ގޮނޑި ކާމިޔާބު ކުރެއްވި ނަތާލީ ބެނެޓްގެ ޕާޓީ، ޔަމީނާ ޕާޓީއާއެކު ކޯލިޝަނަކަށް އައިސްފައިވާ ކަަމަށް ހާމަކޮށްފައެވެ. މިއާ އެކު އިސްރާއީލްގައި ސަރުކާރެއް އުފެއްދުމަށް ބޭނުންވާ އަޣްލަބިއްޔަތު ލައިޑަށް ވަނީ ލިބިފައެވެ.
ސަރުކާރެއް އުފެއްދުމަށް އިޒްރޭލުގެ ރައީސް ރެއުވެން ރިވްލިން ލަޕިޑަށް ދެއްވި 28 ދުވަހުގެ މުއްދަތު މިއަންނަ ބުދަ ދުވަހަށް ހަމަވާނެއެވެ. މިރޭ އެކުލަވައިލި ކޯލިޝަން ދެމެހެއްޓިއްޖެ ނަމަ ނަތަންޔާހޫގެ 12 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް އަންނާނެއެވެ. އުމުރުން 71 އަހަރުގެ ނަތަންޔާހޫއަކީ އިޒްރޭލުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރި ލީޑަރެވެ. އޭނާ ވަނީ 1996 ވަނަ އަހަރުން ފެށިގެން ފަސް ފަހަރު ބޮޑުވަޒީރުކަން ކޮށްފައެވެ.
އިސްރާއީލުން ވަނީ ދެ އަހަރުގެ ތެރޭ އާއްމު ހަތަރު އިންތިޚާބެއް ބާއްވައިފައެވެ. މީގެ ކުރިން ބޭއްވި ތިން އިންތިޚާބުގައި ވެސް ސަރުކާރެއް އުފެއްދޭ ވަރަށް އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ. ސަރުކާރެއް އެކުލަވާލެވޭނީ 120 މެންބަރުން ހިމެނޭ އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގެ 61 މެންބަރުންގެ ތާއީދާއެކުގައެވެ.
ނަތަންހާޔޫއަށް ސަރުކާރެއް އެކުލަވާލުމަށް ނާކާމިޔާބުވެފައި ވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކާ ދެކޮޅަށް އިސްރާއީލްގެ ބައެއް ކުދި ޕާޓީތަކުން ނިކުތުމާ ގުޅިގެންނެވެ. ނަތާލީ ބެނެޓް އިދިކޮޅަށް ތާޢީދުކުރަމުން ބުނެފައި ވަނީ 5 ވަނަ އިންތިޚާބަކަށް ދާން ބޭނުން ނުވާ ކަމަށާއި ސަރުކާރެއް އުފައްދަން ނިންމީ މިސަބަބާ ހުރެ ކަމަށެވެ.
އެންމެ ގިނަދުވަހު ވެރިކަން ކުރި ސަރުކާރެއް އެކުލަވާނުލެވުނު ހަމަ އެކަނި ބޮޑުވަޒީރު