މަނާކުރި ޕްލާސްޓިކަށް މާދަމާގެ ކުރިން ބީއެލް ދޫކޮށްފައި އޮތް ނަމަ އެތެރެކުރެވޭނެ
އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބައެއް ބާވަތްތައް ޖޫން މަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު ނެރުއްވި ގަރާރުގައި ހިމެނޭ ބައެއް ތަކެތި މަނާކުރި ޕްލާސްޓިކަށް މާދަމާގެ ކުރިން ބީއެލް ދޫކޮށްފައި އޮތް ނަމަ އެތެރެކުރެވޭނެ ކަމަށް އެކޮނިމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު އާއްމުކުރި އިއުލާނުގައި ބުނެފައިވަނީ މާދަމާގެ ފަހުން ރާއްޖެއަށް ގެންނަ ޝިޕްމަންޓެއް ނަމަ، އެ މުދަލެއްގެ ބިލް އޮފް ލެޑިން (ބީއެލް) ނުވަތަ އެއާވޭ ބިލް މާދަމާގެ ކުރިން ދޫކޮށްފައިވާނަމަ، މުދާ އެތެރެކުރުމަށް ކަސްޓަމްސުން ފުރުސަތު ދޭނެ ކަމަށެވެ.
އެއް ފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ އެކި ވައްތަރުގެ ޕުލާސްޓިކު ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރާނީ މަރުހަލާތަކަކަށް ބަހައިލައިގެންނެވެ. އެފަދަ ތަކެތި ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު، 22، ގަ އެވެ.
މަނާ ކުރާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރޭގައި
- ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
- ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)
މީގެ އިތުރުން ތުނި (50 މައިކްރޯން އަށް ވުރެ) ޕްލާސްޓިކް ކޮތަޅު ޑިސެމްބަރު 2022ގައި އަދި އެއް ލީޓަރަށް ވުރެ ކުދި ޕެޓް ފުޅި ޑިސެމްބަރު 2023ގައި މަނާކުރަން ވެސް ވަނީ ރާވައިފައެވެ.