އައްޑޫސިޓީގެ 50 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފި

އައްޑޫ ސިޓީގައި ވެކްސިން ޖެހޭ އާބާދީގެ 50 އިންސައްތަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފިކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ވެކްސިން ޖަހަނީ 18 އަހަރުން މަތީގެ މީހުންނަށެވެ.
އޭއީއެޗްއިން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑުން ރައްކާތެރިވުމަށް އެ ސިޓީގެ 7،938 މީހަކު މިހާތަނަށް ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އެއީ އެ ސިޓީގެ ވެކްސިން ޖެހޭ 18 އަހަރުން މަތީގެ އާބާދީގެ 50 އިންސައްތައެވެ.
ފުރަތަމަ ޑޯޒް ވެކްސިން ޖަހައިފައި ވަނީ، 14،050 މީހުންނެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 91 ޕަސެންޓެވެ.
އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވެ، މިހާރު ޖެހުން ހުއްޓައިލައިފައިވާ އެ ވެކްސިންގެ ފުރަތަމަ ޑޯޒް އައްޑޫ ސިޓީގެ 12،517 މީހަކު ފުރިހަމަކޮށްފައި ވާއިރު ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ، 7،099 މީހެކެވެ.
އެސިޓީގައި ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައި ވަނީ، 1،533 މީހެއް ކަމަށާއި ދެވަނަ ޑޯޒް ފުރިހަމަ ކުރީ 839 މީހުންކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އައްޑޫ ސިޓީގައި މިވަގުތު ކޮވިޑް ޖެހިފައި ތިބި 155 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑުގައި އައްޑޫއިން މިހައިތަނަށް ދެ މީހަކު ވަނީ ނިޔާވެފައެވެ.