ޚަބަރު

މޮނީޓަރިންގެރަށަކަށް ގޮސް 24 ގަޑިއިރު ނުވާނަމަ ކަރަންޓީންވާކަށް ނުޖެހޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިއްހީ ފަރުވާ ހޯދުމަށް މޮނީޓަރިންގައި އޮތް ރަށަކަށް ދާ މީހުން 24 ގަޑިއިރަށް ވުރެ ގިނައިރު އެ ރަށުގައި ހޭދަ ނުވާނަމަ ކަރަންޓީން ވާން ނުޖެހޭނެ ކަމަށް، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބުނެފިއެވެ.

Ads by STELCO

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ލީގަލް ކްލަސްޓާގެ އިސްމާއިލް ޒާހިރު ވިދާޅުވީ ސިއްހީ ފަރުވާ ހޯދުމަށް ދަތުރު ކުރާ ފަރާތްތައް ހިދުމަތް ހޯދުމަށް ޓަކައި 24 ގަޑިއިރަށް ވުރެން ގިނައިރު ނުވާ ނަމަ އެ ރަށަށް ގޮސްފައި އެނބުރި ރަށަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެ ކަމަށާއި  ނަމަވެސް މާލެއަށް އަންނަ ނަމަ އެނބުރި ގޮސް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

މި ބަދަލު ގެނެސްފައިވީ ނަމަވެސް ކޮވިޑް-19ގެ މި ހާލަތުގައި، މާލެއިން ރަށްރަށަށް ދެވޭނެ އުސޫލުތައް ވެސް މިހާރު ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން މާލެއިން އަތޮޅުތެރެއަށް ދަތުރުކުރުމުގައި އަންނަނިވި ފަދަ ޒަރޫރީ ޙާލަތްތަކަށް ބަލާނެ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

1. ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާން ޖެހުމާއި އެ ފަދަ މީހަކާ އެކުގައި ކޮންމެހެން
ދާންޖެހުން.
2. މާލޭގައި އަދާކުރަމުންދާ ވަޒީފާ/ މަސައްކަތް ހުއްޓައިލަން ޖެހުން ފަދަ ކަންކަން ދިމާވެގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވުން އަދި އެފަދަ މީހުންގެ އާއިލާއިން އެކުގައި ކޮންމެހެން ދާންޖެހުން.
3. މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބަން ރަށަށް ދިރިއުޅުން ބަދަލު ކުރަންޖެހުން.
4. މާލެއަށް ތައުލީމު ޙާޞިލުކުރުމަށް އައިސް ތައުލީމު ޙާޞިލުކުރުން މުޅިން ނިމިފައިވުމުން ރަށަށް އެނބުރި
ދާންޖެހިފައިވުން (މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވުން
ނުހިމެނެއެވެ)
5. މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް
ދާންޖެހުން.

މި ފަދަ ޒަރޫރީ ޙާލަތްތައް ދިމާވެގެން ދަތުރުކުރާ މީހުން މިހާރު ވެސް ކަނޑައަޅައިފައިވާ ގޮތުގެ މަތިން 14 (ސާދަ) ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާން ޖެހޭނެއެވެ. އަދި ކަރަންޓީނުން ދޫކޮށްލެވެނީ 14 (ސާދަ) ދުވަހަށްފަހު ޓެސްޓުކޮށް ނަތީޖާ ނައްސި ވުމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!