ޗައިނާ މެޗުގެ ކުރިން ދަގަނޑޭއާއި ތޮއްޕެ ޓީމާ ގުޅިއްޖެ
ކޮވިޑް-19އަށް ފައްސި ވުމުން، ގައުމީ ސްކޮޑުން އެކަހެރިވި އަލީ އަޝްފާގް (ދަގަނޑޭ) އަލުން ޓީމާ ގުޅިއްޖެއެވެ.
ދަގަނޑޭގެ އިތުރުން ކޮވިޑަށް ފައްސިވެ ޓީމާ އެކަހެރިވި އަލީ ޝާމިސް (ތޮއްޕެ)ވެސް ވަނީ މިއަދު ޓީމާ ގުޅިފައެވެ.
އޭޝިއަންކަޕް އަދި ވޯލްޑްކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕް “އޭ”ގެ މެޗުތައް ކުރިއަށް ދަނީ ދުބާއީގައެވެ. ރާއްޖެ ދެވަަނައަށް ކުޅެން ހަމަޖެހިފައިވާ މެޗަކީ އަންނަ ހުކުރު ދުވަހުގެ ރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ކޮވިޑުން ފަސޭހަ ވެފައިވާކަން ހާމަކުރަމުން، މިދިޔަ ހުކުރު ދުވަހު ދަގަނޑޭ މީސްމީޑިއާގައި ބުނެފައި ވަނީ، ހޮނިހިރު ދުވަހު އޭނާ ޓީމާ ގުޅޭނެ ކަމަށެވެ. އޭނާ ސްކޮޑާ ގުޅުން ލަސްވީ ކޮވިޑާ ގުޅިގެން ޔޫއޭއީގައި އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެ ފިޔަވަޅުތަކުގައި ވާ ގޮތުން ކޮވިޑުން ރަނގަޅު ވިޔަސް 10 ދުވަސް ކަރަންޓީންގައި ހޭދަ ކުރަން ޖެހެއެވެ.
ދަގަނޑޭ އާއި ތޮއްޕެ ކޮވިޑަށް ފަައްސިކަން އެނގުނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ދެ ކުޅުންތެރިން ކޮވިޑަށް ފައްސި ވުމުން، ސްކޮޑުގެ އެހެން މެންބަރުންނަށް ވެސް ޗައިނާއަށް ދަތުރު ކުރުމުގެ ހުއްދަ ނުލިބުނެވެ. އޭއެފްސީން ފަހުން ނިންމީ ކޮލިފިކޭޝަން މެޗުތައް ޔޫއޭއީއަށް ބަދަލު ކުރުމަށެވެ.
ސީރިއާ މެޗުގައި ރާއްޖޭގެ ފަހަތުން ގިނަ މައްސަަލަތަކަކާ ކުރިމަތިވިއެވެ. އެގޮތުން ރާއްޖޭގެ ޓީމުގެ ވާއަތު ބެކަަށް އެ ދުވަހު ކުޅުނީ މެދުތެރެއަށް އާއްމުކޮށް ކުޅޭ ކުޅުންތެރިއެކެވެ. އެހެންކަމުން ތޮއްޕެ ޓީމާ ގުޅުމުން ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެއެވެ.
ދުބާއީގައި މިދިޔަ ހުކުރު ދުވަހު ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 4-0 އިންނެވެ. އެ މެޗުގައި ފުރަތަމަ ގޯލު ފިޔަވާ އަނެއް 3 ގޯލަކީ ވެސް ޕެނަލްޓީން ސީރިއާ ޓީމުން ކާމިޔާބު ކުރި ގޯލުތަކެކެވެ.
ރާއްޖެއަށް ބާކީ އޮތީ ދެ މެޗެވެ. ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.