ގެދޮރުވެރިޔާ ލޯނާ އެކު އަމިއްލަ ރަށުގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބިގެން ދާނެ: އަސްލަމް

އަތޮޅުތެރޭގައި ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް މިރޭ ތައާރަފުކުރި "ގެދޮރުވެރިޔާ" ލޯނާ އެކު އަމިއްލަ ރަށުގައި ވަޒަންވެރިވުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެޗްޑީއެފްސީއާއި ހައުސިންގ މިނިސްޓްރީ ގުޅިގެން ހިންގާ މި ސްކީމަކީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ގެދޮރު އިމާރާތްކުރަން ދޫކުރާ ދިގު މުއްދަތުގެ އިންޓްރެސްޓް ކުޑަ ލޯނު ދޫކުރުމަށް ހިންގާ ގެދޮރުވެރިކަމުގެ ސްކީމެކެވެ. މި ލޯނުގެ ތެރެއިން ގިނަވެގެން ހަތް ލައްކަ ރުފިޔާ ގެދޮރު އިމާރާތްކުރަން ނުވަތަ މަރާމާތުކުރަން ލޯނެއްގެ ގޮތުގައި ދޫކުރެވޭނެއެވެ.
"ގެދޮރުވެރިޔާ" ލޯނު ސްކީމް އިއުލާނުކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ މި ލޯނުގެ ކެޕްގެ ގޮތުގައި ކަނޑައަޅާފައިވާ ހަތް ލައްކަ ރުފިޔާ ހަރަދުކޮށްގެން އަތޮޅުތެރޭގައި ރަނގަޅު ފެންވަރުގެ ގެޔެއް އެޅޭނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މީހަކު އެ މީހަކު ދިރިއުޅޭނެ ގެ އިމާރަތްކުރުމަށް ޓަކައި އަތޮޅުތެރޭގައި ފަސް ލައްކަ ރުފިޔާއާ ހަތް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން.. ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމެއް ލިބިގަނެވޭ" ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ.
"ގެދޮރުވެރިޔާ" ލޯނުގެ ތަފްސީލު
- ލޯނު ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރަން.
- ހަދަން ފަށާފައި ނުނިމި ހުރި އިމާރާތަށް ބައެއް އިތުރުކުރަން ވެސް ލޯނަށް އެދެވިދާނެ.
- އެކަކަށް އެންމެ ގިނައިން ދޫކުރަން ނިންމާފައި ވަނީ 700,000ރ.
- 15 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,907ރ.
- 16 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,680ރ.
- 17 އަހަރަށް ބަހާލުމުން މަހަކު ޖެހޭނީ 5,485ރ.
- 18 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,307ރ.
- 19 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,153ރ.
- 20 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,015ރ.
މީގެއިތުރުން މި ލޯނަށް އެދޭ މީހާގެ ނަންމަތީގައި އަމިއްލަ ބިމެއް ރަޖިސްޓްރީވެފައި އޮންނަން ޖެހެއެވެ. އަދި އެ ބިން ލިބިފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި އެ ރަށުގައި އާއިލާއެކު ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވުން ވެސް ހިމެނެއެވެ.






ކޮމެންޓް