ޚަބަރު

ގެދޮރުވެރިޔާ ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ލ.ފޮނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

އަތޮޅުތެރޭގައި ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް މިރޭ ތައާރަފުކުރި "ގެދޮރުވެރިޔާ" ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

Ads by STELCO

މި ލޯނަކީ ރާއްޖޭގެ ރަށްތަކުގައި ރަށްވެހިވެ، ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް ދެމެހެއްޓެނިވި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކަށް ކަށަވަރު ކޮށްދިނުމުގައި މަގްސަދުގައި ހުޅުވައިލި ލޯނު ސްކީމެކެވެ. މި ސްކީމު ދަށުން ދޫކުރަން ހަމަޖެހިފައި ވަނީ، އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރުމަށާއި، މަރާމާތް ކުރުމުގެ އިތުރުން މިހާރު ހަދަން ފަށައިފައިވާ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ.

ލޯނުގެ ގޮތުގައި އެއް ފަރާތަކަށް އެންމެ ގިނައިން ދޫކުރާނީ 7 ލައްކަ ރުފިޔާއެވެ. 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި މި ލޯނު ދޫކުރާނީ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގައި ދެއްކޭ ގޮތަށެވެ. އެއީ މަހަކު 5000 އާއި 6000 އާ ދެމެދުގެ އަދަދަކަށް ފައިސާ ދެއްކޭނެ ގޮތަށެވެ.

މީގެ އިތުރުން މި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހާ ދެމެދުގެ މުއްދަތެއް ލިބޭނެއެވެ. އަދި އެ މުއްދަތުގައި އިންޓްރެސްޓް އަދި ޕްރޮސެސިން ފީއެއް ވެސް ނުނަގާނެއެވެ.

މި ލޯނަށް އެދޭއިރު، މަދުވެގެން ދެ މީހަކު ބައިވެރިވާން ޖެހެއެވެ. އަދި މުޅިން އަލަށް ހަދާ އިމާރާތެއް ނަމަ މުޅި ޕްރޮޖެކްޓްގެ 20 އިންސައްތަ ޕްރޮޖެކްޓަށް ލާން ޖެހެއެވެ. އަދި މި ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް އެކައުންޓެއް ހުރުމަކީ ލާޒިމު ކަމެއް ނޫނެވެ.

ލޯނުގެ މޯގޭޖްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި އިމާރާތް ކުރާ ތަނެވެ. މި ސްކީމުގެ ދަށުން ދޭ ލޯން ޕޭމަންޓްތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުށަހަޅާ ކޮންސްޓްރަކްޝަން ޕްލޭނާ އެއްގޮތަށް ބަހައިލައިގެންނެވެ.

އެދޭ ލޯނަކީ 7 ލައްކަ ރުފިޔާގެ ފައިސާ ނަމަ އަނބުރާ ދައްކަން ޖެހޭނީ:

  • 15 އަހަރު ނަމަ މަހަކު 5907 ރުފިޔާ
  • 16 އަހަރު ނަމަ މަހަކު 5608 ރުފިޔާ
  • 17 އަހަރު ނަމަ މަހަކު 5485 ރުފިޔާ
  • 18 އަހަރު ނަމަ މަހަކު 5307 ރުފިޔާ
  • 19 އަހަރު ނަމަ މަހަކު 5153 ރުފިޔާ
  • 20 އަހަރު ނަމަ މަހަކު 5015 ރުފިޔާ

ލޯނަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި، ލޯނަށް އެދޭ މީހާގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކޮށްފައި އޮތުން، ބިން ރަޖިސްޓްރީ ކޮށްފައިވާ ރަށުގެ ރައްވެއްސެއް ކަމުގައި ވުމާއި އަދި ރަށްވެހިވެފައިވާ ރަށުގައި ލޯނަށް އެދޭ މީހާ ނުވަތަ އާއިލާ ދިރިއުޅުން ބިނާކޮށް އެރަށުގައި ދިރިއުޅެތާ މަދުވެގެން 3 އަހަރު ވެފައިވާ މީހަކަށް ވާން ވާނެއެވެ.

މި ސްކީމަށް ލިބޭ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީއާއި ހައުސިން މިނިސްޓްރީ ހިމެނޭ ޖޮއިންޓް ކްރެޑިޓް ކޮމިޓީއަކުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!