ދުނިޔެ

‎ކޮކާކޯލާ ރޮނާލްޑޯއަށް: އެމީހަކު ބޯނެ އެއްޗެއް އެނގޭނީ އެމީހަކަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކޮކާކޯލާ ފުޅި ދުރަށް ޖެއްސުމާ ގުޅިގެން ކޮކާކޯލާ ރައްދު ރޮނާލްޑޯއަށް އަމާޒުކޮށްފިއެވެ.

Ads by Sosun Fihaara

ކޮކާކޯލާގެ ސްޕޯކްސްޕާސަން ބޭރުގެ މީޑިއާތަކަށް ބުނެފައި ވަނީ އެމީހަކު ބޯނެ އެއްޗެއް އެނގޭނީ އެމީހަކަށް ކަމަށާއި އެ ކުންފުނިން ކޯކު ފުޅިތައް މޭޒުމަތީގައި ބަހައްޓައިފައި ހުރީ އިޝްތިހާރު ކުރުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޭ ޕޯޗްގަލްއާއި ހަންގޭރީ ކުޅުނު މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަދެއްކުމުގެ ކުރިން ކެމެރާތަކަށް އިޝްތިހާރު ކުރަން ބަހައްޓައިފައި ހުރި ދެ ކޯކުފުޅި ދުރަށް ޖައްސައި ފެންފުޅިއެއް ކައިރިކޮށް، ފެން ބުއިމަށް ރޮނާލްޑޯގެ ފޭނުންގެ ކިބައިން ވަނީ އެދިފައެވެ.

ރޮނާލްޑޯ ކޮކާކޯލާ ފުޅި ދުރަށް ޖެއްސުމާއެކު ކޮކާކޯލާގެ ހިއްސާއިން 4 ބިލިއަން ޑޮލަރު އެކުންފުންޏަށް ގެއްލުންވެއްޖެކަމަށް ޚަބަރުތަކުން ބުނެއެވެ. މިދިޔަ ހޯމަ ދުވަހު މާކެޓް ހުޅުވުނުއިރުގައި ޔޫރަޕްގެ މާކެޓުގައި ކޮކާކޯލާގެ ހިއްސާގެ އަގުހުރީ ހިއްސާއަކަށް 56.1 ޑޮލަރުގައެވެ. ނަމަވެސް އަންގާރަ ދުވަހު އޮތް ޕްރެސް ކޮންފަރެންސްގައި ރޮނާލްޑޯ ކޯކް ފުޅިތައް ދުރަށް ލައި ބައިގަޑިއެއްހައި އިރަށް ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުން ނިންމާލިއިރުގައި، ކޮކާކޯލާގެ ހިއްސާގެ އަގު ވަނީ 56.1 ޑޮލަރުން 55.2 ޑޮލަރަށް ވެއްޓިފައެވެ.

މީގެ ކުރިން ވެސް ކޯކު ފަދަ ސޮޕްޓް ޑްރިންކްސްތަކާ ދެކޮޅު ކަމަށް ގިނަ ފަހަރުގެ މަތިން ބުނެފައިވާ ރޮނާލްޑޯ މިގޮތަށް ކަންތައް ކުރުމުން، ބައެއްގެ ފާޑު ކިޔުން ރޮނާލްޑޯއަށް ވަނީ އަމާޒުވެފައެވެ. މިގޮތުން ޔޫރޯއަށް ކޮކާ ކޯލާއިން ބޮޑު ޚަރަދެއް ކުރާއިރު، މިގޮތަށް ޕްރަޑަކްޓް ޑީމޯޓް ނުކުރެވޭނެ ކަަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!