އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވަނީ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
އިސްރާއީލްގެ ޓްރެވެލް ކުންފުންޏެއް ކަމަށްވާ ކަމިނޯސްއާ ހަވާލާދީ ބޭރުގެ “ހަޔޮމް” ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެއަރ ސީޝެލްސްގެ ފްލައިޓްތަކާ އެކު މި ދަތުރުތައް ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުން ފެށިގެން ކޮންމެ ހޯމަ ދުވަހަކު އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވެއެވެ. މިދަތުރުގެ ޓިކެޓްގެ އަގަކީ 995 ޑޮލަރަށެވެ.
އިސްރާއީލުން ރާއްޖެއަށް ސީދާ ކުރާ ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 8ގަޑިއިރާ 30 މިނިޓެވެ.
ހަޔޮމްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެއަރ ސީޝެލްސްގެ ފްލައިޓްތަކާ އެކު ފަށާ މިދަތުރުގައި އެނބުރި އިސްރާއީލަށް ދާއިރު ސީޝެލްސްގައި އެއް ގަޑިއިރު ޓްރާންސިޓް ކުރާނެއެވެ. އަދި މި ވަގުތުގައި ދަތުރުކުރާ ފަރާތްތަކަށް ބޯޓަކުން ނުފޭބޭނެއެވެ.
ރާއްޖެއަށް ފަށާ މިދަތުރުގެ ޕެކޭޖް ތަކުގެ ތެރޭގައި، ފަސް ތަރީގެ ރިސޯޓު ތަކުގައި ހުރުން ހަމަޖެހިގެން ދިޔުން ހިމެނެއެވެ. މީގެ އިތުރުން ހުރި ޕެކޭޖްތައް ވެސް ހިމެނެއެވެ. ޕެކޭޖްތަކުގެ އަގު ފެށެނީ 1750 އެމެރިކާ ޑޮލަރުންނެވެ. އެންމެ އަގުބޮޑު ޕެކޭޖް ވިއްކަނީ 2750 ޑޮލަރަށެވެ.