ވާހަކަ

ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

"ތާޝާ "މިފަހަރު އެ އަޑު އޭނާ ހުއްޓެން މަޖުބޫރު ކުރުވައިފިއެވެ. ބިންމަތީގައި ފިޔަވަޅު ތަތްވިކަހަލައެވެ. އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ. އެއަޑު އޭނާ ފަހަތް ބަލައިލާން މަޖުބޫރުކުރުވި ކަހަލައެވެ.

Ads by STELCO

*****

ޖީނާ ވަޒީފާ އަދާކުރާ ސްކޫލާ ދިމާލަށް ދުއްވަމުން ދިޔަ ޒިދާންގެ ހިތް އުފަލުން ނަށަނީއެވެ. ހިތްއެދެމުން ދިޔައީ އެހިތުގެ ރާނީއާ ވީހާ ވެސް އަވަހަކަށް ބައްދަލު ކުރުމަށެވެ. ބޭނުންވީ އެރީތި މޫނަށް ބަލައިލައި ލޯބިން އެނަމުން ގޮވައިލުމަށެވެ. ސްކޫލުގެ ކައިރީގައި ސައިކަލު ޕާކުކޮށްލުމަށް ފަހު ސައިކަލުން ފޭބި ވަގުތު ފެނުނު މަންޒަރުން ޒިދާން ހުއްޓުނެވެ. ސުކޫލުގެ މައިގޭޓުން ނިކުމެގެން އެ އަންނަނީ އޭނާގެ ހިތުގެ ހަމަޖެހުމެވެ. ފެހިކުލައިގެ ހެދުމުގައި ތާޝާ ފެންނަލެއް ވަރަށް ފުރިހަމައެވެ. ބުޅި ދިގު އިސްތަށިގަނޑު ފެނުމުން ހަނދާންވީ އެންމެ ފުރަތަމަ ތާޝާ ފެނުނު ދުވަހެވެ. މިއަދާ ހަމައަށް ވެސް އެރީތިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ފާހަގަ ކުރެވުނީ އެންމެ މައްސަލައެކެވެ. އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ބުރުގާ ނެތް ކަމެވެ. މީހަކު ނުބުންޏަސް ސަބަބު ޒިދާނަށް އެނގެއެވެ. ތާޝާ ބުރުގާ އެޅުމަކީ އޭނާގެ މައިންބަފައިން އެހައި ރުހޭ ކަމެއް ނޫނެވެ. އޭރު ތާޝާ ބުރުގާ އެޅީ ވެސް އެމީހުންގެ ނުރުހުމުގައެވެ. ކުރިން ބުރުގާ އެޅިކަން ކިރިޔާ ވެސް ހަނދާންހުރި ނަމަ މިއަދު ތާޝާ ހުރީހީ ބުރުގާ އަޅައިގެންކަން ޔަގީނެވެ.

ޒިދާން ބަލަބަލައި ހުއްޓައި ތާޝާ މަގު އޮތްގޮތަށް ކުރިއަށް ދާންފެށިއެވެ. ޒިދާނަށް ފަހަތުން ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އެފަރި ހިނގުމުގައި ތާޝާ އަޅާ ކޮންމެ ފިޔަވަޅެއް ޒިދާންގެ ހިތުގެ އެންމެ ހިމާ ނާރުތަކާ ކުޅެލައެވެ. ބޭނުންވީ ހިތްފުރޭވަރު ވަންދެން އެހިތުގެ މަލިކާއަށް ބެލުމަށެވެ. ޒިދާން ތާޝާއާ ދިމާލަށް ބަލަމުން މަޑުމަޑުން ފަހަތުން ހިނގަމުން ދިޔައިރު އެމަންޒަރު ފެނުނު ކޮންމެ މީހަކަށް ޒިދާންގެ ނަޒަރުގައި ތާޝާއަށް ދެވިފައިވާ މަގާމު އެނގިގެންދާނެއެވެ. ތާޝާ ފަހަތް ބަލައިލަން އުޅޭހެން ހީވުމުން ޒިދާން އެމަގުން ދިޔަ އެހެންމީހެއްގެ ފުރަގަހަށް ވަދެ ނިވައިވެލިއެވެ. ތާޝާ އެނބުރުނު ވަގުތު އެ މޫނަށް ސިއްރުން ޒިދާން ބަލައިލިއެވެ. އެވަގުތު ތުންފަތްމަތީގައި ކުޅެލީ މާނަފުން ހިނިތުންވުމެކެވެ.

ތާޝާ ހިނގައިގަތުމުން އަނެއްކާ ވެސް ޒިދާން ތާޝާގެ ފަހަތުން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި އަނެއްކާ ވެސް ތާޝާ ހުއްޓި ފަހަތް ބަލައިލިއެވެ. މިފަހަރު ވެސް ޒިދާން ކަންތައް ކުރީ ކުރިން ކަންތައް ކުރި ގޮތަށެވެ. އުޅެވޭ ގޮތުން އަމިއްލަ ނަފްސަށް މަލާމާތްކޮށް ލާނެތް ހިންޏެއް ވެސް އައެވެ. ދެން އައި ހިނދުގައި ތާޝާ މާ ބާރަށް ހިނގަން ފެށުމުން ޒިދާން ވެސް އޭނާގެ ހިނގުން އަވަސްކޮށްލިއެވެ. ތާޝާއާ އަރާ ހަމަކުރަން މަސައްކަތް ކުރަމުން އޭނާގެ ނަމުން ގޮވައިލިއެވެ. އެހެން ނަމަވެސް ތާޝާއަށް އަޑު ނީވޭކަން އެނގުނީ ފަހަތް ބަލައިނުލުމުންނެވެ. އެހެންކަމުން ދެވަނަ ފަހަރަށް ތަންކޮޅެއް ބާރަށް ޒިދާން ގޮވައިލަން ޖެހުނެވެ. ތާޝާ ހުއްޓުނީ ކުއްލިއަކަށެވެ. އެނބުރި ފަހަތް ބަލައިލެވުނެވެ.

ކުރިމަތީގައި ހުރި ޒުވާނާއަށް ފުން ނަޒަރަކުން ތާޝާ ބަލައިލިއެވެ. ކުރިން ފެނިފައިވާ މީހެއްހެން ހީވިއެވެ. ގްރީންބެލް ރެސްޓޯރެންޓް ކައިރިން ދިމާކުރި ޒުވާނާ ހިތަށް އައިސް ވަނީ ކުއްލިއަކަށެވެ. އެންމެ ފުރަތަމަ ވެސް ހަނދާންވީ އަނީކް ކިޔައިދިން ވާހަކަތަކެވެ. އަނީކް ބުނި ނަން ހިތާހިތުން ތާޝާ ކިޔައިލިއެވެ. އަދިވެސް ޔަގީންކޮށްލުމަށް ޓަކައި ޒިދާންގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގައިލެވުނެވެ. ތާޝާއަށް ފާހަގަވީ އޭނާގެ ދިގު އިސްތަށިގަނޑާއި ބުމަމަތީގައިވާ ސްޓަޑް ނެތްކަމެވެ. އެހެން ނަމަވެސް އެއީ ހަމަ އެޒުވާނާކަން ޔަގީންވިއެވެ.

*****

ފޯނު ޖީބަށްލުމަށް ފަހު އަނީކް އެނބުރުނެވެ. ތާޝާ ކޮބައިތޯ އެކި ފަރާތްފަރާތް ހޯދައިލެވުނެވެ. އެއްވެސް ދިމާލަކުން ތާޝާ ނުފެނުމުން ހާސްކަން އަނީކްގެ ސިކުނޑި ވަށައިލިއެވެ. ލިބިފައިވާ ހާސްކަން އިތުރުވީ ތާޝާއަށް ގުޅައިގުޅާ ފޯނު ނުނެގުމުންނެވެ. ހޯލުން ނިކުމެ ސްކޫލްގެ އެކި ދިމަދިމާ ތާޝާ ފެނޭތޯ ހޯދުނެވެ. އަލުން ހޯލަށް ވަދެ ޖީނާ ކޮބައިތޯ ބަލައިލިއިރު ރަހުމަތްތެރިންނާ އެކު ވާހަކައިގައި ޖީނާ ހުއްޓެވެ. މިމަންޒަރު ފެނުމުން އަނީކް ގާތަށް ރުޅިއައެވެ. އެދިޔަ ބާރުމިނުގައި ގޮސް ހިފީ ޖީނާގެ އަތުގެ މުލައްދަނޑީގައެވެ. ލިބުނު ސިހުމާ އެކު ޖީނާ ބަލައިލިއެވެ. އޭނާގެ އަތުގައި ހިފައިގެން ހުރި އަނީކް ފެނުމުން އައީ އަމަށަކު ރުޅިއެއް ނޫނެވެ. ގާތުގައި ތިބި ރަހުމަތްތެރިން ސިއްރުން އެކަކު އަނެކަކާ ވާހަކަ ދައްކަން ފެށުމުން ލަދު ވެސް ގަތެވެ. އަނީކްގެ އަތްފޮޅުވައިލަން މަސައްކަތް ކުރި ނަމަވެސް އޭނާގެ އަތުގައި އަނީކް ހިފަހައްޓައިގެން ހުރީ އެއަށް ވުރެ މާ ބާރަށެވެ. ކުއްލިއަކަށް ޖީނާގެ އަތުގައި ހިފައިގެން އަނީކް ދާން ފެށުމުން ޖީނާ ގާތަށް އައިސްފައިވާ ރުޅި އިތުރުވިއެވެ. އެހެން ނަމަވެސް ގަދަ ނުހަދައި އަނީކާ އެކު ދިޔައީ މީހަކު ނުބައި ގޮތަކަށް ހީކޮށްފާނެތީއެވެ.

" އަނީކް މޮޔަވީތަ.. ދޫކޮށްލާ އަހަރެން އަތުން" ހަމަ އެކަނި އަނީކަށް އިވޭވަރަށް ދަތްކުޑި ވިކާލަމުން ޖީނާ ބުންޏެވެ. އެހެން ނަމަވެސް އޭނާގެ ބަސް އަނީކަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. ނޫނީ އިވުނު ނަމަވެސް ޖީނާ ބުނިގޮތަށް ކަންތައް ކުރަން ބޭނުން ނުވީއެވެ. ހޯލުގެ ތެރެއިން ނިކުމެ މީހުން މަދު ހިސާބެއްގައި މަޑުކޮށްލަމުން އަނީކް ޖީނާގެ އަތުން ދޫކޮށްލިއެވެ. އަނީކް ހިފި ތަނުގައި ޖީނާއަށް ފިރުމައިލެވުނީ އެހިސާބުގައި ދިލަ ތަދެއް ހުރުމުންނެވެ.

" ހައު ޑެއަރ ޔޫ.. ޔޫ ޕަވަރޓް... ކަލެއަކާ ނުޖެހޭނެ އަހަރެން ގަޔަށް ބޮލަށް އަރާކަށް.." ޖީނާ ބުންޏެވެ. އެ އަޑުގައި ހަރުކަށިކަމެއް ހުރި ނަމަވެސް މަޑުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

" ބޭކާރު ވާހަކަ ނުދައްކާ... ތަންތަނަށް ތާޝާ ގެންދަން ފޯރި ހުންނާނެ.. އެކަމަކު އޭނާ ވީތަނެއް ވެސް ބަލައެއް ނުލެވުނު..." އަނީކްގެ އަޑުގައި ވެސް ވަނީ އިންތިހާ ދަރަޖައިގެ ރުޅި އެކުލެވިފައެވެ.

" އަނީކް ކައިރީގައެއްނޫންތަ ތާޝާ ހުރީ.. ކޮބާތަ ތާޝާ؟" ޖީނާ ވެސް ކޮށްލީ ސުވާލެކެވެ. އޭނާގެ މޫނުމަތިން ވެސް ކަންބޮޑުވުން ފެނިގެން ދިޔައެވެ.

" އަހަރެން ފޯނުގަ ހުރެފަ ބަލައިލިއިރު ތާޝާ ފެންނާކަށް ނެތް... އެއްވެސް ހިސާބަކުން ތާޝާ ނުފެނުނު.. ފޯނަކަށް ވެސް ނުގުޅޭ.... " އަނީކް ބުންޏެވެ.

" ދެން ތީ ކާކުގެ މައްސަލަ.. އަބަދު ތާޝާގެ ފޫބުޑުގަ ވިއްދާފަ ހުންނަ މީހާ އޭނާ އެކަނިކޮށްލާފަ ދިޔައީ ކީއްކުރަން.. އެހެން ނޫނަސް ފޯނުން ވާހަކަ ދެއްކޭނެ ދޯ އޭނަގެ ގާތުގަ ހުރެގެން ވެސް..." އަނީކް ކުށްވެރިކުރަމުން ޖީނާ ބުންޏެވެ.

" އަދިވެސް އަހަރެންތަ ފޫބުޑުގަ އަބަދު ހުންނަނީ... ޖީނާއެއް ނޫންތަ އޭނާގެ ހަށިފާރަވެރިއަކަށް ވެގެން އަބަދު އުޅެނީ.. އަހަރެން ތާޝާއާ ކިރިޔާ ކައިރިވެލިޔަސް ތިމޫނަށް އަރައި ފައިބާ ކުލަވަރުތައް އަހަންނަށް ނުފެންނަ ކަމަށްތަ ހީކުރަނީ.." އަނީކް ދެބުމަ ގޮށްޖަހައިލަމުން ބުންޏެވެ.

" އަހަރެންގެ މޫނުން ކޮންމެ ކުލަވަރެއް ފެނުނަސް ނުރުހުމުގެ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނޯންނާނެ... އަމިއްލަ ކުށް ޤަބޫލުކޮށްބަލަ.... ތާޝާވެސް އެއީ ކުޑަކުއްޖެއް ނޫންދޯ ބުނެ ވެސް ނުލައި ނިކުމެގެން ދާކަށް..." ޖީނާ ތާޝާ ވެސް ކުށްވެރި ކުރިއެވެ.އެކަންވީ އަނިކް އިތުރަށް ރުޅިގަދަ ކުރުވި ކަމަކަށެވެ.

" ތިވައްތަރަށް ތާޝާއާ ބެހޭ ގޮތުން ވާހަކަ ނުދައްކާތި އަހަރެންގެ ކުރިމަތީގަ... އެހެން ނޫނީ ނުބުނަން ހުންނަ އެއްޗެހި ވެސް އަހަންނަށް ބުނެވިދާނެ..." އިންޒާރެއްދޭ ފަދަ ގޮތަކަށް އަނީކް ބުންޏެވެ. އަނީކްގެ އެޖުމްލައާ އެކު ޖީނާގެ ރުޅިގަނޑު އިތުރުވިއެވެ.

" ތިވައްތަރަށް މަށާ ވާހަކަ ދައްކަން ނުހަދާ... މީހަކު ކިޔާނެހާ އެއްޗެއް ކިޔަންދެން އަނގަ މަޑުންލައިގެން ހުންނަ ވައްތަރެއް ނޫން އަހަންނަކީ... އެހެން ނޫނަސް މާ ތާޝާވެގެން ތިއުޅެނީ ތި އަނީކާއި ތާޝާ އާ ގުޅުމެއް އުފެދުނީ އަހަންނާ މާތް މާގުޅުމެއް އުފެދުނުތާ އެތަކެއް ދުވަހެއް ފަހުން.. ތާޝާއާ ދިމާލަށް ބުނާނެ އެއްޗަކާ ނުބުނަންވީ އެއްޗެއް މަށަށް ކިޔައިދޭކަށް ކަލެއަކަށް ނޭނގޭނެ.. ތި ހާ ވަރަށް ތާޝާއާ ދޭތެރޭގައި ވިސްނާ މީހަކުވިއްޔާ ބޭކާރު ޒުވާބުތަކެއް ކުރަން މިތާކު ނުހުންނާނެ.." އައިސްފައިވާ ރުޅީގައި ޖީނާއަށް ކިޔައިލެވުނެވެ. އެއަށް ފަހު ދަބަސް ހުޅުވައިލައި ފޯނު ނަގައިގެން ނަމްބަރުތަކަކަށް ފިއްތަމުން އަނީކާ ދުރަށް ދާން ފެށިއެވެ.

އަނީކަށް ބޮލުގައި އަތް ފުނާ އަޅައިލެވުނެވެ. ޖީނާ ބުނިހެން ވަގުތުތައް ބޭކާރު ނުކޮށް ތާޝާ ހޯދުމަށް ޓަކައި މަސައްކަތް ފެށިއެވެ.

*******

ތާޝާ ބަލަން ހުރި ގޮތް ފެނި ޒިދާން ގާތަށް އައީ ލާނެތް ހިންޏެކެވެ. އޭނާގެ ތޫނު ނަޒަރު ތާޝާއަށް އަމާޒުކޮށްގެން ހުރެ ގޮސް ހުއްޓުނީ ތާޝާއާ ދާދި ގާތުގައެވެ. ތާޝާއަށް ކުރެވެމުން ދިޔައީ އެ ރޭ ވެސް ކުރެވުނު ފަދަ އިހުސާސެކެވެ. ހިތްބުނަމުން ދިޔައީ އެއީ ވަރަށް ގާތްމީހެއް ކަމުގައެވެ. ޒިދާންގެ މޫނުން ނަޒަރު ވަކިކޮށް ނުލައި ބަލަމުން ދިޔައިރު އެއީ ކާކުކަން ހަނދާންކުރުމަށް ސިކުނޑިއަށް ލެވުނުހާ ބާރެއްލަމުން ދިޔައެވެ.

އެހެންލައިފައި ދިޔަ ފިރިހެނެއް ގަސްދުގައި ތާޝާގެ ގައިގައި ޖެހެން އުޅުނުހެން ހިވެ ޒިދާން ކުއްލި ހަރަކާތަކާއެކު ތާޝާގެ އަތުގައި ހިފައި އޭނާއާ ގާތަށް ދަމައިލިއެވެ. އެވަރުން ވެސް ޒިދާންގެ މޫނުން ތާޝާއަށް ނަޒަރު ވަތްކެއް ނުކޮށްލެވުނެވެ. ނުހަނު ކައިރިން ޒިދާންގެ މޫނު ފެނުނު ހިނދު އޭނާގެ ހިތުގެ ހިނގުން އަވަސްވެއްޖެކަން ޔަގީނެވެ. ހިތް އެދެމުން ދިޔައީ ކަޅިޖަހައި ވެސް ނުލައި އެ މޫނަށް ބެލުމަށެވެ. ޔަގީނުން ވެސް މި ވަގުތު ތާޝާގެ ހިތުގައި ޖަހަމުން ދިޔައީ ތަފާތު ވިންދެކެވެ. ޒިދާން ހިނިތުންވެލައިގެން ހުރިއިރު އޭނާގެ ދެ ކޮލަށް އެޅިފައިވާ އަޑިކޮޅު ފެނިފައި ތާޝާއަށް ހިންދިރުވާލެވުނީ ކުރެވުނު ތަފާތު އިހުސާސަކުންނެވެ.

އެހާ ގާތުން ތާޝާގެ މޫނަށް ބަލައިލެވުމުން ޒިދާން ހިތްހަމަޖެހުނެވެ. ހިތް އެދެމުން ދިޔައީ އުމުރު ދުވަހު އެގޮތުގައި އެ މޫނަށް ބަލަހައްޓައިގެން ހުރުމަށެވެ. ހިތް ބުނަމުން ދިޔައީ ކަޅިޖަހައި ވެސް ނުލައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ތާޝާގެ މޫނުގައި އެއްފަހަރު ނަމަވެސް ފިރުމައިލުމަށެވެ. މަގުމަތިން ދިޔަ ބައެއް މީހުންގެ ނަޒަރު އެ ދެމީހުންނަށް ހުއްޓެމުން ދިޔަ ނަމަވެސް އެކަމާ މާބޮޑު ފަރުވާލެއް ދެމީހުންގެ ވެސް ނެތެވެ.

ކައިރިން ދިޔަ ސައިކަލެއްގެ ބަރުގޮނުގެ އަޑާއެކު ތާޝާއަށް ހަމަބިމަށް އާދެވުނެވެ. ޒިދާނާ ދުރަށް ޖެހެވުނީ ކުއްލިއަކަށެވެ. އޭނާއަށް ވަމުންދިޔަ ގޮތް އިހުސާސްވެ ހިތުގައި ޖެހިލުންވުމެއް އުފެދުނެވެ. އެއީ ކާކުކަން އެނގެން ނުހަނު ބޭނުންވިއެވެ.

" ޒިދާން! ޒިދާން ދޯ ކިޔަނީ.؟" ތާޝާ އަހައިލިއެވެ. އެތައް ދުވަހަކަށް ފަހު ތާޝާ ދުލުން އެނަން ކިޔައިލި އަޑު އިވުމުން ޒިދާނަށް ހިނިތުންވެވުނެވެ. ލިބިގެން ދިޔަ ހިތްހަމަޖެހުމާ އެކު ފުންނޭވައެއް ދޫކޮށްލެވުނެވެ.

" ތީ ކާކު؟ އަހަންނާ ކޮން ގުޅުމެއްތަ އޮތީ... " ތާޝާ އަހައިލިއެވެ. ޒިދާންގެ މޫނަށް ބަލަހައްޓައިގެން ހުރީ ޖަވާބަކަށް ކެތްމަދުވެފައިވާ ފަދައަކުންނެވެ.

" އެނގެން ބޭނުމިއްޔާ އަހަރެންގެ މި އަތުގައި ހިފައިގެން ހިނގާ އަހަރެންނާ އެކު ދާން.." ތާޝާއާ ދިމާލަށް އަތްދިއްކޮށްލަމުން ޒިދާން ބުންޏެވެ.

" ކޮންތާކަށް ؟؟" ތާޝާ އަހައިލިއެވެ. ޒިދާންގެ އެ އަތުގައި ހިފަން އޭނާގެ ހިތް ގޮވަމުން ދިޔަ ނަމަވެސް ޖެހިލުން ވަނީއެވެ.

" އަހަރެން ގެންދިޔަ ތާކަށް!" ޒިދާން ބުންޏެވެ. ޒިދާންގެ އަތުގައި ހިފަން ތާޝާއަށް އަތްހިއްލައިލެވުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް ކުއްލިއަކަށް އަނީކް ދައްކާފައިވާ ވާހަކަތައް ހަނދާންވެ އަތްތިރިކޮށްލެވުނެވެ.

" އަހަރެން ދަނީ...." ޒިދާނާ ދުރަށް ޖެހިލަމުން ތާޝާ ބުންޏެވެ. އެނބުރި ދާން އުޅުނު ވަގުތު ޒިދާން ތާޝާގެ އަތުގެ މުލައްދަނޑީގައި ހިފައިލިއެވެ. އެއަތުގެ ބީހުން އިހުސާސްވުމާ އެކު ތާޝާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ބާރަށް ހިތްތެޅެމުން ދިޔައިރު ލަމުން ދިޔަ  ނޭވާ ވެސް އަވަސްވެލިއެވެ.

" މިރޭ ތާޝާ ހުއްޓުވާކަށް އަހަރެން ބޭނުމެއް ނޫން.. އެކަމަކު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެން ތާޝާއާ ބައްދަލު ކުރާނަން... މީ އަހަރެން ތާޝާއަށް ވާ ވަޢުދެއް.." އެހެން ބުނުމަށް ފަހު ޒިދާން ތާޝާގެ އަތުން ދޫކޮށްލިއެވެ. ޖެހިލުންވުން ފެންނަމުން ދިޔަ އޭނާގެ ލޯ ޒިދާނާ ވަކިކޮށްލަމުން އައި ކޮޅަށް އެނބުރި ދާން ހިނގައިގަތެވެ.

ތާޝާ ދާ ދިމާލަށް ބަލަހައްޓައިގެން ޒިދާން ހުރީ ހިތްހަމަޖެހިފައެވެ. އެފަދަ ހިތްހަމަޖެހުމެއް ޒިދާނަށް އިހުސާސް އެވަނީ އެތަކެއް އަހަރެއްގެ ދިގު އިންތިޒާރަކަށް ފަހުގައެވެ. އޭނާ މިރޭ ތާޝާ ހުއްޓުވަން ބޭނުންނުވީއެވެ. އެހެނީ ތާޝާ ޖެހިލުންވެފައިވާ ވަރު އޭނާގެ ދެލޮލުން ޒިދާނަށް ރަނގަޅަށް ފެންނަމުން ދިޔައެވެ.

*****

އަންފޫޒާ ދެކެ އައި ރުޅިން ޝާނާގެ މުޅި މޫޑު ހަރާބުވެއްޖެއެވެ. ބޯހަމަޖައްސައިލަން ރައްޓެހިންނާ އެކު ކޮފީއަކަށް ދާން ބޭނުންވި ނަމަވެސް އެމީހުން ބުރަކޮށް އުޅޭތީ ދެވޭގޮތެއް ނުވިއެވެ. އެހެންކަމުން ޝާނާ ނިންމީ އެކަނި ޝޮޕިންގއަށް ދިއުމަށެވެ. ޝާނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ އެއްކަމަކީ އެއީއެވެ.

މަޖީދީ މަގުގައި ހުރި އެކި ފިހާރަތަކަށް ޝާނާ ވަންނަމުން ދިޔައި ވަކި އެއްޗެއް ގަންނަން ގަސްދުކޮށްގެނެއް ނޫނެވެ. ނަމަވެސް އޭނާއަށް ކަމުދާ އެއްޗެއް ފެނިއްޖެނަމަ ގަނެލަނީއެވެ. އެއް ފިހާރައިން ނިކުމެ އަނެއް ފިހާރައަށް ވަންނަށް މަގު ހުރަސް ކުރަން ޖެހުނެވެ. ދުއްވާ އެއްޗެހި ގިނަކަމުން ޝާނާ މަގަށް ނިކުތީ ވަރަށް ބަލައިގެންނެވެ. އެހެން ނަމަވެސް އައިނައި ތަނެއް ނޭނގި ސައިކަލެއް އޭނާއާ ދިމާލަށް އަންނަންތަން ފެނުނީ އޭނާ ގައިގާ ޖެހެން ނުހަނު ގާތްވެފައި ވަނިކޮށެވެ. އަޑު ނެތްތަނަކަށް ހަޅޭއްލަވައި ގަނެވުނީ ގަތް ބިރެއްގެ ސަބަބުންނެވެ. އެހެންނަމަވެސް ސައިކަލުގައި އިން ޒުވާނާ ހުޝިޔާރުކަމާ އެކު ސައިކަލު ބުރެކި ޖައްސައިލިއެވެ.

ސައިކަލު އޭނާ ގައިގައި ނުޖެހޭކަން އެނގުމުން މޭގައި އަތް އަޅައި ފުންނޭވައެއް ދޫކޮށްލަމުން ސައިކަލުގައި އިން ޒުވާނާއަށް ޝާނާ ބަލައިލިއެވެ. އެހިނދު ޝާނާއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ސައިކަލުގައި އިން ރާއިފަށް ވެސް ޝާނާ ފެނުމުންވީ އެފަދަ ގޮތެކެވެ. އެސިކުނޑީގައި ޝާނާއާ އެކު ހޭދަކުރެވިފައިވާ ވަގުތުތައް ރޯލްވަމުން ދިޔައިރު ކަޅިޖަހައި ވެސް ނުލައި ބެލެމުން ދިޔައީ ޝާނާގެ މޫނަށެވެ.

ރާއިފް ފެނުމުން ޝާނާއަށް ކުރެވުނީ އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ކަހަލަ އިހުސާސެކެވެ. ހަތަރު އަހަރު ކުރިން ވެދިޔަ ކަންތަކަށް މަޢާފަށް އެދެން ބޭނުންވިއެވެ. އޭނާގެ ސަބަބުން ރާއިފްގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނުކަން އެނގެއެވެ. އެހެން ނަމަވެސް އޭރު އެގޮތަށް ކަންތައް ކުރަން އޭނާއަށް މަޖުބޫރުވީއެވެ. އެހެންމީހުންގެ އިހުސާސްތަކަށްވުރެ ބޮޑަށް އޭނާގެ އަމިއްލަ އެދުން އިސްކުރެވުނީއެވެ.

" ރާއި..." ރާއިފަށް ގޮވާލަން ޝާނާ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އޭގެ ކުރިން ރާއިފް ސައިކަލު ކުރިއަށް ދުއްވައިލިއެވެ. ޝާނާއާށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ދޭން އޭނާ ބޭނުން ނުވީއެވެ. ޝާނާ ދެރަވިއެވެ. އޭނާ އޭރު އެކުރި ކަމެއްގެ ސަބަބުން ރާއިފް ކަހަލަ ރަނގަޅު ރަހުމަތްތެރިއެއް ގެއްލުނީއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ޝާނާ މަގު ހުރަސްކޮށް އެންމެ ކުރިން ޖެހުނު ފިހާރައަށް ވަނެވެ.

*****

ޖީނާއާއި އަނީކް ބައްދަލުވީ ސްކޫލުގެ މައިގޭޓު ކުރިމަތިންނެވެ. ތާޝާ ހޯދާހޯދާ ދެމީހުން ވެސް ތިބީ ވަރުބަލިވެފައެވެ. ޖީނާއަށް ބަލައިލާފައި އަނީކް ދެ ފަރާތަށް ބޯ ހޫރައިލީ ތާޝާ ނުފެނުނުކަމަށް ބުނުމުގެ ގޮތުންނެވެ. ޖީނާ ވެސް ކަރު އެލުވައިލިއެވެ. އޭނާއަށް ރޮވެން ފެށުނީ ހިތަށް ވަންނަމުން ދިޔަ ނުބައި ހިޔާލުތަކެއްގެ ސަބަބުންނެވެ.

" މީ ހަމަ ޖީނާގެ ސަބަބުން ވާ ކަންތައް.. މިކަހަލަ ތަނަކަށް ތާޝާ ގެންނައިރު ވެސް އެނގެންޖެހޭނެ ދޯ އެއީ ބަލި ކުއްޖެއްކަން... ޖީނާގެ ރަހުމަތްތެރިންނާ ވާހަކަ ދެއްކިޔަސް ތާޝާ ވާތަނެއް ބަލައިލެވޭނެ ދޯ... " އަނީކް އަނެއްކާ ވެސް ކުށްވެރި ކުރީ ޖީނާއެވެ. ޖީނާ އަނީކަށް ރައްދެއް ނުދިނެވެ. ތާޝާ ޕާޓީއަށް ގެނެސްގެން ކުށް ކުރެވުނީ އޭނާއަކަށް އިހުސާސް ކުރެވޭތީއެވެ. އެވަގުތު ޖީނާގެ ފޯނަށް މެސެޖެއް އައެވެ. ދެލޯ ފޮހެލަމުން ޖީނާ މެސެޖު ކިޔައިލިއެވެ. ލިބިގެން ދިޔަ ހިތްހަމަޖެހުމުގައި ޖީނާއަށް ހީލެވުނެވެ. ފޯނަށް އައީ ޒިދާންގެ މެސެޖެކެވެ. އޮތީ ކުޑައިރުކޮޅެއް ކުރިން ތާޝާއާ ބައްދަލު ކުރި ވާހަކައެވެ. އޭނާއަށް ހުރިހާ ހަޤީގަތެއް ކިޔައިދިން ކަމަށް ޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި ތާޝާގެ ހަނދާންތައް އަނބުރާ ހޯދައިދިނުމަށް އެހީތެރިވާނޭ ވާހަކައެވެ. މެސެޖު ކިޔައިލުމަށް ފަހު ރައްދުގައި ޖީނާ ޒިދާނަން މެސެޖު ކުރިއެވެ. މިހާރު ތާޝާ ކޮބައިތޯ އަހައިފައެވެ. ޒިދާންގެ ޖަވާބު އައީ ތާޝާ ސުކޫލާ ދިމާލަށް މިސްރާބު ޖެހިކަމަށް ބުނެއެވެ. ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާ އެކު ޖީނާއަށް ހެއްދެވި ފަރާތަށް ޙަމްދުކޮށްލެވުނެވެ.

" އަދިވެސް ހެނީތަ..." ޖީނާގެ ހަރަކާތްތަކަށް ބަލަން ހުރެފައި އަނީކް އަހައިލީ ހިތްހަމަނުޖެހިފައެވެ. ހަމަ އެވަގުތު މަގުގެ ކޮޅުން އަންނަ ތާޝާ ފެނުނެވެ.

" އެއަންނަނީ ތާޝާ.." އަނީކަށް ދައްކައިލަމުން ޖީނާ ބުންޏެވެ. އަނީކަށް ތާޝާއާ ދިމާލަށް ހިނގަނެވުނީ ބޭއިޚްތިޔާރުގައެވެ. ޖީނާވެސް އަނީކްގެ ފަހަތުން ހިނގައިގަތެވެ.

" ތެންކް ގޯޑް.. ޔޫ އާރ ސޭފް... ކޮންތާކަށް ނުބުނެ ދިޔައީ..." ތާޝާއާ އަރާ ހަމަ ކުރަމުން އަނީކް އަހައިލިއެވެ. ޒިދާންގެ ހިޔާލަށް ގެއްލިފައި ހުރެ ހިނގަމުން އައި ތާޝާއަށް ކުއްލިއަކަށް އަނީކް ކުރިމައްޗަށް އެރުމުން ލިބުނީ ސިހުމެކެވެ.

" ކޮންތާކަށް ދިޔައީ.. ހާދަ ހާސްވިއޭ ތާޝާ ނުފެނުނީމަ..." ތާޝާގެ ޖަވާބެއް ނުލިބުމުން އަނެއްކާ ވެސް އަނީކް ބުންޏެވެ.

" ހާ.. ހާސްވާތީ ފިނިކޮށްލަން ނިކުތީ..." އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ތާޝާ ބުންޏެވެ. އިރުކޮޅެއް ކުރިން ހިނގައިދިޔަ ކަންތައް އަދިވެސް ތާޝާގެ ހިތުން ފިލައިގެން ނުދެއެވެ.

" ކޮބާ ފޯނު... ކީއްވެ ފޯނަށް ޖަވާބު ނުދެނީ.." އަނެއްކާ ވެސް އަނީކް އަހައިލިއެވެ.

" ފޯނު ގޭ ބާއްވާފަ އައީ...ނިކް އަހަރެން ބޭނުމީ ގެއަށް ދާން..." ތާޝާ ބުންޏެވެ. އޭނާ ބޭނުންވީ އަވަހަށް ގެއަށް ގޮސް ހަމަޖެހިލާށެވެ. ބޮލުގައި ރިހުމެއް ހުރުމާ ވެސް އެކުއެވެ.

" އޯކޭ މަޑުކުރޭ މިތާ ޖީނާ ކައިރީގައި.. އަހަރެން އަންނާނަން ޕާކިން ޒޯނުން ކާރު ނެރެގެން... " މިހެން ބުނެ ޖީބުން ތަޅުދަނޑި ނަގައިގެން އަނީކް ދުވަމުން ކަހަލަ ގޮތަކަށް ޕާކު ކޮށްފައި އޮތް ކާރާ ދިމާލަށް ދިޔައީ ތާޝާ ބަލިވީ ކަމަށް ހީކޮށެވެ. އަނީކް ދިއުމުން ޖީނާ ތާޝާއަށް ބަލައިލިއެވެ.

" ޖީން.. އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން..." އަނީކް އޭނަގެ ވާހަކަ ނީވޭހާ ދުރަށް ދިއުމާ އެކު ތާޝާ ބުންޏެވެ. ދައްކަން އުޅެނީ ކޮންވާހަކައެއް އެނގިހުރެ ޖީނާ ކޮންވާހަކައެއްތޯ ސުވާލުކޮށްލިއެވެ.

"ފަހުން ގެއަށް ގޮސްފައި.. ނިކްއަށް އިވުނިއްޔާ ހިތްހަމައެއް ނުޖެހޭނެ.." އަވަސްއަވަހަށް ތާޝާ ބުންޏެވެ. ޖީނާ ވެސް އެ ގޮތާ އެއްބަސްވަމުން ތާޝާގެ އަތުގައި ހިފައިލިއެވެ.

ކާރު ޕާކިން ޒޯނުން ނެރެ ކުރިއަށް ދުއްވާލިތާ މާގިނައިރެއް ނުވަނީސް ބުރެކި ޖައްސަން އަނީކަށް މަޖުބޫރު ކުރުވީ ސައިކަލުތައް ޕާކުކޮށްފައި ހުރި ދިމާލުން އޭނައަށް ފެނުނު މަންޒަރަކުންނެވެ. ޝައްކާއި ވަހުމްތައް އޭނާގެ ސިކުނޑި ވަށައިލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

(ނުނިމޭ)

  1. ގާހަކަ

    ކޮބާވާހަކަ ބާރަވަނަބައި