ދެން ފުރަމަލަ

އެހެނަސް އިން މަޝްހޫރުވި ރޯމަން ކިޔައިދިނީ މުޅިން އެހެން ވާހަކަތަކެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމީ ދާއިރާއަށް މި ވަނީ ހީވެސް ނުކުރާ ފަދަ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ބަގީޗާއެއްގެ ތެރޭގައި މާ ގަސްތަކެއްގެ މެދުގައި ހަމައެކަނި ފަރި ހަރަކާތްތަކެއް ދައްކައިލައިގެން، ނުވަތަ ގެއެއްގެ ތެރެއިން ހަމައެކަނި އާއިލީ މައްސަލަތަކެއް ދައްކުވައިދިން ދިވެހި ފިލްމުތަކާއި ލަވަތައް މިހާރު މިވަނީ ތަފާތު އެކި ވާހަކަތަކާއި ހާދިސާތަކުގެ މައްޗަށް ބިނާކޮށްގެން އުފައްދާ މޮޅު އުފެއްދުންތަކަކަށް ވެފައެވެ. ތަފާތު އާ ހުނަރު ހުރި، އާ މޫނުތަކެއް ވެސް މިއާއެކު މިވަނީ ދިވެހި ފިލްމީ ދާއިރާއަށް ތަޢާރަފް ވެފައެވެ.

Ads by MWSC

މިފަހަރު "ދެން ފުރަމަލަ" ސެގްމަންޓު މި ޚާއްސަ ކޮށްލަނީ އެފަދަ ތަފާތު މޮޅު ހުނަރެއް ދައްކުވައިދިން، މިހާރު އެތައް ފޭނުންނެއް ލިބިފައިވާ ކުޅަދާނަ އެކްޓަރު މުޙައްމަދު ވިޝާލު، (އާންމުކޮށް މީހުން ދަންނަ ނަމުން ނަމަ، ރޯމަން) އަށެވެ.

ލަވައަކުން ޓިކްޓޮކަށް، އެއަށްފަހު ކާމިޔާބު ސީރީޒެއްގެ މަސައްކަތް

އެކްޓިންގެ ދާއިރާއިން ރޯމަން އެންމެ ފުރަތަމަ ފެނިފައި ވަނީ މަލީހާ ވަހީދާ އެކީ ވީޑިއޯ ލަވައަކުންނެވެ. އެއަށް ފަހު އޭނާގެ ނަން އެންމެ ވިދާލީ ޓިކްޓޮކުންނެވެ. ޓިކްޓޮކްގައި އޭނާ ހަދާ ތަފާތު މޮޅު ވީޑިއޯތަކުގެ ސަބަބުން ގިނަ ބައެއްގެ ތަރުހީބު ރޯމަންއަށް ލިބި އޭނާގެ އެކްޓު ކުރުމުގެ ހުނަރު ގިނަ ބަޔަކަށް ފާހަގަވިއެވެ. އެ ފާހަގަވުން ވެގެން ދިޔައީ ފިލްމީ ދާއިރާއަށް އިތުރަށް ވަނުމަށް އޭނާއަށް ހުޅުވުނު ދޮރަކަށެވެ. ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ އަދި ޕްރޮޑިއުސަރ އަހުމަދު އިޤްބާލް (އައިކިޔު)ގެ ފުރަތަމަ އުފެއްދުން ކަމަށްވާ ވެބްސީރީޒް "އެހެނަސް"އަށް ލިބުނު ކާމިޔާބީގެ ސިއްރަކީ ރޯމަންއޭ ބުނުން ދޮގަކަށް ނުވާނެއެވެ.

"އެކްޓު ކުރަން ފެށުނީ އަސްލު އެކަމަށް ހަމަ ޝައުޤުވެރިކަން ހުންނާތީ އަބަދުވެސް. އަނެއްހެން ވަކި މީހަކަށް އިންސްޕަޔަރވެ އެކަހަލަ ކަމެއް ވެގެނެއް ނޫން. އެކަމަކު އަބަދުވެސް ވަރަށް ކުރާހިތްވި ކަމެއް އެކްޓު ކުރުމަކީ. އެހެނަސްގައި 'ނިޔާ'ގެ ރޯލު ލިބުނީ ރިޝްމީއާއި އިޤްބާލް ރޯމަންއާއި ވާހަކަ ދައްކައިގެން އޯޑިޝަން ކޮށްގެން. އޮޑިޝަން ކުރީ ވެސް ހަމަ ނިޔާގެ ރޯލަށް." އެކްޓު ކުރަން ގަޔާވި ގޮތާ "އެހެނަސް" އިން ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން ރޯމަން ބުންޏެވެ.

ރޯމަން ބުނި ގޮތުގައި "އެހެނަސް" ސީރީޒަކީ ކޮންކަހަލަ ވާހަކައެއްގެ މައްޗަށް ބިނާކުރާ ސީރީޒެއްކަން އެނގުމުން އޭނާ އިތުރަށް އެ ރޯލު ކުޅޭ ހިތްވި ކަމަށެވެ. އެއީ ހަނގާކުރުމާ ދެކޮޅަށް އަޑުއުފުލައިފައިވާ ސީރީޒަކަށްވެ، އެފަދަ ކަންކަމާ ކުރިމަތިލާ މީހެއްގެ ދިރިއުޅުން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ސީރީޒެއްކަމުން ރޯމަން "ނިޔާ"ގެ ރޯލަށް ބޮޑަށް ހިތް ޖެހުނެވެ. ރާއްޖޭގައި ވެސް ހަނގާ ކުރުމަކީ އާއްމުކަމަކަށް ވެފައިވާއިރު، އެފަދަ ކަމެއް ކުރިމަތިވާނަމަ އެކަމާ ހަނު ނުހުރެ އަމިއްލައަށް އިސްވެ ތެދުވުމަށާއި ހަނގާ ކުރުން ހުއްޓުވޭނީ އެކަން ހުއްޓާލުމުން ކަމަށް ވެސް ރޯމަން ބުންޏެވެ.

ކޮވިޑްގެ ސަބަބުން މިދުވަސްކޮޅު ގޭގައި، ރެނޮވޭޓް ކުރަނީ

ރޯމަންއަކީ ކުޅަދާނަ އެކްޓަރެއް ކަމުގައިވިޔަސް، އެހެން ފަންނާނުންނެކޭ އެއް ފަދައިން ރޯމަންގެ ކެރިއަރު ވެސް މި ދުވަސްވަރު މި ވަނީ ކޮވިޑް-19ގެ ސަބަބުން ހުއްޓުމަކަށް އައިސްފައެވެ. ދާއިރާގައި ފައިތިލަ ސާބިތު ކޮށްލެވުނު ތަނާހެން ރޯމަންއަށް ވެސް ޖެހުނީ މަސައްކަތްތައް މަޑު ޖައްސައިލައިފައި ގޭގައި މަޑުކޮށްލާށެވެ.

"ކޮވިޑްގެ މި ދުވަސްކޮޅު ވީމަ ގޭގައި ހަމަ މި ހުންނަނީ. ވަޒީފާއަށް ވެސް ކުރިން ދިޔައިން ބައެއް ފަހަރު. ގޭގައި ގިނައިން އޮންނަނީ. ދެން ގޭތެރެ ރެނޮވޭޓް ކުރުމާ އެކަހަލަ ބައެއް މަސައްކަތްތައްށް މިހާރު ކުރަނީ" ނުރައްކާތެރި މި ބަލިން ރައްކާތެރިވެ ހުރެ، އޭނާގެ ވަގުތުތައް ހޭދަ ކުރަމުންދާ ގޮތް ކޮންމެވެސް ވަރަކަށް ކިޔައިދެމުން ރޯމަން ބުންޏެވެ.

ކޮވިޑް-19ގެ ބަލި މަޑުކަމުގެ ސަބަބުން ރޯމަން ބުނި ގޮތުގައި އޭނާ ކުރި ބައެއް މަސައްކަތްތަށް މިހާރު ވަނީ ބެލުންތެރިންނާ ހަމައަށް އަދި ނައިސް، ހުއްޓިފައެވެ. އޭނާ އިންތިޒާރު ކުރަމުންދާ ދުވަހަކީ މިކަމުން އަރައިގަނެވި، މަސައްކަތަށް އަނެއްކާ ވެސް ނިކުމެވޭނެ ދުވަހަކަށެވެ.

ކާމިޔާބު ސީރީޒެއް، އެހެނަސް، އެއަށްފަހު ހިތްދަތި ކަންތައްތަކެއް

ރޯމަން އާންމުންގެ މެދުގައި އަދިވެސް ބޮޑަށް މަޝްހޫރު ވެފައި މިވަނީ ކާމިޔާބު ވެބްސީރީޒް "އެހެނަސް" ގެ ލީޑް ރޯލު ކުޅުނު ހުނަރުވެރި އެކްޓަރުގެ ގޮތުގައެވެ. އެ ސީރީޒަކީ ފިރިހެނަކަށް އޭނާގެ ޅަ އުމުރުން ފެށިގެން ކުރިމަތިލާން ޖެހުނު ޖިންސީ ގޯނާގެ މައްސަލަތަކާއި ޒުވާން އުމުރުގައި ވެސް ކުރިމަތިވި ހަނގާ ކުރުމާއި ބާކީ ކުރުމުގެ މައްޗަށް ބިނާ ކޮށްފައިވާ ސީރީޒެކެވެ.

"ރަނޑު" އަދި ލަދުވެތި ފިރިހެނެއްގެ ރޯލު ވަރަށް ފުރިހަމަކަމާ އެކު ރޯމަން "އެހެނަސް" ގައި ދައްކުވައިދިން ނަމަވެސް، އެއަށް ފަހު އޭނާއަށް ކުރިމަތިވި ބައެއް ހިތްދަތި ކަންތައްތައް ވެސް ހިއްސާ ކުރިއެވެ. އެގޮތުން "އެހެނަސް" ކުޅުމަށް ފަހު ދިރިއުޅުމަށް ބައެއް ބަދަލުތައް ގެންނަން ޖެހުނުކަން ވެސް ރޯމަން ކިޔައިދިނެވެ.

"ވަރަށް ބައިވަރު ކަންތަކާ ކުރިމަތިލާން ޖެހުނު އެ ކެރެކްޓާ ކުޅުމަށް ފަހު. ވަރަށް ގިނަ ކަންކަން ބަދަލުވެގެން ދިޔަ. ގާތްކޮށް ކުރިން ދެކުނު ރައްޓެހިން ވެސް (މިސާލަކަށް ރަށު ރައްޓެހިން ވެސް) ކުރިން އެއްކޮށް އުޅުނު ކަމުގައި ވިޔަސް، ފަހުން ރަށަށް ދިޔައިމަ ދުރުކޮށްލި. އެ ކެރެކްޓާ ކުޅެފައި އިން މީހެއް ވީމަ 'އެކަހަލަ' މީހަކާ ރައްޓެހިކަން ބާއްވަން ބޭނުން ނުވި އެ މީހުން" މުޅި ދިރިއުޅުމަށް އައި ބަދަލުތަކުގެ ބައެއް ވާހަކަތައް ކިޔައިދެމުން ރޯމަން ބުންޏެވެ.

މަގުމަތިން ފެނުނީމަ ވެސް އިގްނޯ ކޮށްލި، ފެންނަ ކަމަށް ވެސް ނުހަދާ ދިޔައީ. ހަގީގީ އެކުވެރިން ކަމަށްވަންޏާ އެހެން ނުހަދާނެއްނު ދޯ؟

ރޯމަން ބުނީ ބައެއް ނުދަންނަ މީހުން ވެސް އެއިރު މަގުމަތިން ފެނުނީމަ ފާޑުފާޑު ބަސްތައް ބުނި ކަމަށާއި އެހެން ނަމަވެސް ފަހުން ގިނަ މީހުންނަށް "އެހެނަސް" ގެ ވާހަކައާއި ދޭން ބޭނުންވި މެސެޖު ވިސްނުނީމަ، އެފަދައިން ކަންކަން ކުރުން ހުއްޓައިލި ކަމަށެވެ. ރޯމަން އިތުރަށް ބުނީ ދިރިއުޅުމުގައި އޭނާ މިހާތަނަށް ނިންމާފައިވާ އެއްވެސް ނިންމުމަކާ މެދު ދެރަ ނުވާ ކަމަށެވެ.

ދާއިރާއަށް ނިކުންނަން ބޭނުންވެ، ޖެހިލުންވާ އާ ތަރިންނަށް ދޭނެ މެސެޖަކީ

އެކްޓިންގެ ހުނަރު ހުރެ، އެހެން ނަމަވެސް މި ދާއިރާއަށް ނިކުންނަން ޖެހިލުންވާ އާ ތަރިން ވެސް ތިބޭނެކަން ޔަގީނެވެ. އެފަދަ ތަރިންނަށް ރޯމަންގެ ފަރާތުން ދޭން ބޭނުންވާ މެސެޖެއް ވެސް އެބައޮތެވެ.

"ކޮންމެ ދާއިރާއަކީ ވެސް ފާޑުކިޔުންތައް އަމާޒު ވާނެ ދާއިރާއެއް. ފިލްމީ ދާއިރާ ވެސް، ވިޔަފާރީގެ ދާއިރާ ވެސް އަދި އެހެން ދާއިރާއެއް ވިޔަސް ހުންނާނެ ދޯ ނެގަޓިވް ވާނެ މީހުން. ކުރަން ބޭނުންވާ ކަމެއް ހިތްވަރާ އެކީ ކެރިގެން ކުރިމަތިލާށޭ ބުނަން އޮތް ވާހަކައަކީ." ދާއިރާއިން އާ މޫނުތައް ވެސް ފެންނަން ބޭނުންވާކަން ހާމަކުރަމުން ރޯމަން ބުންޏެވެ.

ރޯމަން ބުނި ގޮތުގައި މި ދާއިރާއަށް ރޯމަން އަކީ އަލަށް ނިކުތް ފަންނާނެއް ކަމުގައި ވިޔަސް، އޭނާއަކީ އާ މީހެއް ކަމުގެ އިހުސާސެއް ނުކުރެވުނެވެ. އެހެން އެ ވީ އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރި ބޮޑު ޕްރޮޖެކްޓު ކަމަށްވާ "އެހެނަސް" ގެ ޕްރޮޑިއުސަރ އައިކިޔު، އަދި ޑައިރެކްޓަރ ރަވީ ފާރޫޤް އާއި ރިޝްމީގެ ވެސް އެހީތެރިކަމުގެ ސަބަބުން ކަމަށް ރޯމަން ބުންޏެވެ. މި އިންޓަވިއުގައި ރޯމަން ވަނީ އެ މީހުންގެ ނަންތައް ފާހަގަކޮށް، ދިން ހިތްވަރާއި އުނގަންނައިދިން ކަންކަމަށް އެ މީހުންނަށް ޝުކުރު އަދާކޮށްފައެވެ. އޭގެ އިތުރުން ސެން، ޖުމާ އަދި ސޭންޑީއަށް ވެސް ރޯމަން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!