ދުނިޔެ

ސޫކީގެ ދިފާޢުގައި ފިނިފެންމަލާ އެކު މަގުތަކަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިޔަންމާގެ ކުރީގެ ލީޑަރު، އަންގް ސަން ސޫކީގެ ވެރިކަން ބަޣާވާތަކުން ވައްޓައިލައި، އެ ކަމަނާ ހައްޔަރުކޮށްފައިވާތީ، ސޫކީގެ ސަޕޯޓަރުން ފިނިފެންމާ ހިފައިގެން މިއަދު މަގުތަކަށް ނިކުމެއްޖެއެވެ.

Ads by Sosun Fihaara

ފެބްރުއަރީ 1 ވަނަ ދުވަހު ބަޣާވާތުން ސޫކީގެ ވެރިކަން ވައްޓައިލި ފަހުން އެޤައުމުގައި ކޮންމެ ދުވަހަކުހެން މުޒާހަރާ ކުރެއެވެ. އެހެން ނަމަވެސް މިއަދުގެ މުޒާހަރާ ތަފާތު ގޮތަކަށް ކުރިޔަށް ގެންގޮސްފައި ވަނީ މިއަދަކީ ސޫކީގެ 74 ވަނަ އުފަން ދުވަސް ކަމަށްވުމުންނެވެ.

މިޔަންމާގައި މިހާރު ހިންގަމުން އަންނަ އަސްކަރީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް އެޤައުމުގެ އަސްކަރިއްޔާއިން ދަނީ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ. މިގޮތުން މުޒާހަރާގެ ބައިވެރިންގެ ބަޔަށް ބަޑި ޖަހައި މަރަމުންދާ ކަަމަށް އެޤައުމުގައި ހަރަކާތްތެރިވާ އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ހާމަ ކުރެއެވެ. އެ ޖަމިއްޔާތަކުން ބުނެފައި ވަނީ ފެބްރުއަރީ މަހު މުޒާހަރާތައް ފެށި ފަހުން އެޤައުމުގެ އަސްކަރިއްޔާއިން 870އަށް ވުރެ ގިނަ މީހުން މަރައިލައިފައިވާ ކަަމަށެވެ. އަދި ފަސްހާހަށްވުރެ ގިނަ މީހުން ޖަލުގައި ބަންދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުން ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓައިލައި، ސުލްހައިގެ ވާހަކަތައް ފެށުމަށް، އެގައުމުގެ އަވަށްޓެރި ފަސް ގައުމުން މިދިޔަ އެޕްރީލް މަހު އެއްބަސްވި ނަމަވެސް އެކަން އެޤައުމުގެ އަސްކަރިއްޔާއިން ނުކުރެއެވެ. މިޔަންމާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ހުއްޓައިލުމަށް އދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޝަނުން އެތައް ފަހަރަކު ވަނީ ގޮވައިލާފައެވެ.

މަނީ ލޯންޑަރިންގް ވެސް ހިމެނޭ ގޮތަށް ސޫކީގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ. މިހާރު މިދަޢުވާތަކުގެ ޝަރީއަތް ފަށާފައިވާއިރު، އެންމެ ފުރަތަމަ އޭނާގެ މައްޗަށް ކުރަނީ ކޮވިޑާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތަކާ ޚިލާފަށް، އިންތިހާބީ ކެމްޕޭންގެ ތެރޭގައި އަމަލުކުރައްވާފައިވާ ކަމަށް ބުނާ ދައުވާއެވެ. އޭގެ އިތުރުން ސޫކީގެ މައްޗަށް އުފުލައިފައިވާ ދައުވާތަކުގެ ތެރޭގައި، ކޮރަޕްޝަންގެ އަމަލުތައް ހިންގެވުމުގެ ދައުވާއަކާއި، ދައުލަތުގެ ސިއްރު ހިފެހެއްޓުމުގެ ގާނޫނާ ޚިލާފުވުމުގެ ދައުވާއެއް ވެސް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!