ރައީސް ޞާލިޙު ތީމުގެއަށް ބަދަލުވެ ވަޑައިގަތުމަށް އަސްލަމް ހުށަހަޅުއްވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގައި ކުރިން ބޭނުންކުރި ތީމުގެއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ބަދަލުވެވަޑައިގަތުމަށް ރައްޔިތުންގެ މަޖީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ހުށަހަޅުއްވައިފިއެވެ.
އުއްތަމަ ފަނޑިޔާރާއި އާއިލާ ދިރިއުޅުއްވާނެ ތަނެއް ކަނޑައެޅުމަށް ޓަކައި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދެންމެ ހުށަހެޅުއްވުމަށް ފަހު، އެ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ މެމްބަރު އަސްލަމް ވިދާޅުވީ ތީީމުގެއަކީ ރައީސަކު ދިރިއުޅުއްވަން، ރައްްކާތެރިކަމުގެ ގޮތުން އެންމެ އެކަށީގެންވާ ތަން ކަމަށެވެ.
"ތީމުގެއަކީ އަޅުގަނޑުގެ މައުލޫމާތުގައި ރައީސުލް ޖުމްހޫރިއްޔާއަކު ދިރިއުޅުއްވުމަށް ޓަކައި ސަލާމަތީ ގޮތުން ވެސް އެތައް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ބިނާ ކުރެވިފައިވާ ތަނެއް. ދައުލަތުގެ ހަރަދުގައި ބިނާކުރެވިފައިވާ ތަނެއް،" މެމްބަރު އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ މި ހުށަހެޅުއްވުމަށް އެހެން ބައެއް މެމްބަރުން ވަނީ ތާއީދު ކުރައްވައިފައެވެ.
ރައީސް ޞާލިޙް ތީމުގޭގައި ދިރިއުޅުއްވަން ބަދަލުކުރަން މިއަދު ހުށަހަޅައިފައި މިވަނީ، މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަށް ފަހު ދައުލަތުގެ ތިން ބާރުގެ އެންމެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެ ހަމަލާއަށް ފަހު ރައީސް ޞާލިޙާ އެކު ހަތިޔާރު އެޅި ސިފައިންގެ އިތުރު ފައުޖެއް ވެސް މިހާރު ދަތުރުކުރެއެވެ.






ކޮމެންޓް