ޚަބަރު

ނަފްރަތާއި ޚިޔާނާތުގެ ވާހަތަކަކާ އެކު އެމްޑީޕީ ތިން މެމްބަރުންގެ މެދުގައި ހޫނު ޒުވާބެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިސްލާމްދީނަށް ކުޑައިމީސްކޮށް ވާހަކަތަކެއް ދެއްކުމާގުޅޭ މައުޟޫއަކަށް ކުރި ބަހުޘެއްގައި ރައްޔިތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ތިން މެމްބަރުންގެ މެދުގައި ހޫނު ޒުވާބެއް ހިނގައިފިއެވެ.

Ads by MWSC

ރައްޔިތުން މަޖިލީހުގެ ޖަލްސާ ހޫނުވެ މި ބަހުޘްގައި ހޫނު ޒުވާބެއް ކުރެވިގެން ދިޔައީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)ގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ މެދުގައެވެ.

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް ދެއްކެވި ވާހަކަތަކާއެކު ހަމަނުޖެހުން ފެށި ބަހުގެ ހަމަލާތައް ފެށިގެން ދިޔައެވެ. އެގޮތުން ޝަރީފް ވަނީ ވާއްޑެއަށް ދީނާ ޚިލާފު ވާހަކަތަކެއް ދެއްކެވި ކަމަށް ވިދާޅުވެ ތުހުމަތު ކުރައްވައިފައެވެ.

"އަޅުގަނޑު ވަރަށް ކަންބޮޑުވޭ އުނގޫފާރު ދާއިރާގެ މެމްބަރު މި ވާހަކަ ދައްކަވާތީވެ. އިސްލާމްދީނަކީ ބޮން ގޮއްވާ ދީނޭ، ލޭ ހުއްދަކުރާ ދީނޭ، އިސްލާމުންނަކީ މީހުން މަރާ ބައެކޭ، މި އިބާރާތް ދޭހަވާ ގޮތަށް ވާހަކަދައްކަވާ ކަމީ ހިތާމަވެރިކަމެއް"

ޝަރީފް މިފަދައިން ވިދާޅުވުމާއެކު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި، ޝަރީފް އޭނާގެ ބޮލުގައި އެޅުއްވީ ދޮގު އިލްޒާމެއް ކަމަށާއި އެފަދަ އެއްވެސް ވާހަކައެއް ދައްކަވައިފައި ނުވާނެ ކަމުގައި ވިދާޅުވެފައެވެ.

ވައްޑެ ދެއްކެވި ވާހަކައިގައި އޭނާ ފާހަގަ ކުރެއްވީ، ލޭ ހުއްދަކޮށް، މީހުން ކާފަރުކޮށް އަދި ދަރިން ޖިހާދަށް ފޮނުވުމަކީ އިސްލާމްދީނުގައި މަނާ ކުރައްވައިފައިވާ ކަމެއް ކަމަށާއި މިފަދަ ކަންކަން ކުރުމަށް ބަޔަކު ހިތްވަރު ދިނުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވެއްޓި، އެތައް ބައެއްގެ ފުރާނަ ގޮސްފައިވާ ކަމަށެވެ. އަދި ލޭ ހުއްދަކުރަން ގޮވައިލުމަކީ ޚިޔާލު ފާޅު ކުރުން ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ވަހީިދު ނުދައްކަވާ ވާހަކަތަކެއް އޭނާ ދެއްކެވި ކަމަށް ވިދާޅުވެ ޝަރީފް ތުހުމަތު ކުރެއްވުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ޝަރީފް ދެއްކެވި ވާހަކަތަކަކީ ވަހީދުގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ލުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބަ އޮތް ކަމަށް ވެެސް އިންތި ވިދާޅުވިއެވެ.

އެއަށް ފަހު ، މަޖިލީހުގައި ވާހަކަ ދައްކަވާއިރު، ބިލަށް ވާހަކަ ދެއްކެވުމަށާއި، ދީނަށް ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް އިލްތިމާސްކޮށް ރިޔާސަތުން އަނެއްކާ ވެސް ޝަރީފްގެ ވާހަކަ ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވިއެވެ.

ޝަރީފް ވާހަކަ ކުރިއަށް ގެންދެވީ އަނެއްކާ ވެސް އިތުރު ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެގޮތުން މިފަހަރު ޝަރީފް ވިދާޅުވީ، ދީނަށް ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަވަނީ އޭނާ ނޫން ކަމަށާއި، އެގޮތަށް ވާހަކަ ދައްކަވަނީ އިންތިއާއި ވައްޑެ ކަމަށެވެ. އެހިސާބުން ރިޔާސަތުން ޝަރީފްގެ ވާހަކަ ހުއްޓުވައި ދީނަށް އުނިކަން ލިބޭ ފަދަ އެއްވެސް ވާހަކައެއް ނުދެއްކެވުމަށް އަނެއްކާ ވެސް އިލްތިމާސް ކުރެއްވިއެވެ.

އެހިސާބުން ވައްޑެ ނިޒާމީ މައްސަލައެެއް ނަންގަވައި ބަހުގެ ހަމަލާތައް ޝަރީފަށް ފޮނުވަން ފެއްޓެވިއެވެ. ޝަރީފް ވިދާޅުވީ ދީނަށް ލޯބި ކުރައްވާ ބޭފުޅަކު ރިޝްވަތު ނުނަންގަވާނެ ކަމަށެވެ. ވައްޑެ މިފަހަރު އިޝާރާތް ކުރީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނެގި ބޭފުޅުންގެ ލިސްޓުގައި ޝަރީފްގެ ނަން އޮތުމުންނެވެ.

އިންތި ވެސް ވަނީ އޭނާ ދީނާ ދެކޮޅަށް ދެއްކި ވާހަކައެއް ސާފުކޮށްދިނުމަށް ޝަރީފްގެ ކިބައިން އެދިފައެވެ، އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއާ ބެހޭ ގޮތުން ޝަރީފަށް ބަހުގެ ހަމަލާ އަމާޒުކޮށްފައެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!