ޚަބަރު

ކުއްޖާ މަރައިލި މައްސަލައިގައި ފަރުވާ ކުޑަ ކުރުމެއް ނެތި ހައްޤު އަދަބު ދޭން ގޮވައިލަން: އެމްޑީޕީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުމުރުން 13 އަހަރުގެ ކުއްޖާ މަރައިލި މައްސަލައިގައި، އެއްވެސް ފަރުވާ ކުޑަ ކުރުމެއް ނެތި، މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ވެރިކަން ކުރާ އެމްޑީޕީން ގޮވައިލައިފިއެވެ.

Ads by STELCO

މި މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި އަވަސް އަދި ފުރިހަމަ ޖިނާއީ ތަޙްޤީޤެއް ހިންގައި، މުޖުރިމުންނަށް ޙައްޤު އަދަބު ލިބިދިނުން ކަށަވަރު ކުރުމުގައި ފަރުވާ ކުޑަކުރުމެއް ނެތި އަމަލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަަސާތަކަށް ގޮވައިލާ ކަމަށެވެ.

އެމްޑީޕީން ބުނީ، ހުޅުމާލޭގައި އުމުރުން އެންމެ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކުރުމަށް ފަހު މަރައިލައިފައި ވާތީ އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، އެ ޢަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

"ރަހީނުކުރުމަށް ފަހު އަނިޔާކޮށް އެ ނާޒުކު އުމުރު ފުރައިގެ ކުއްޖަކު މަރައިލުމަކީ އެޖަރީމާ ހިންގި ބަޔަކުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާކަމުގެ ހެއްކެއް." އެމްޑީޕީން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ޕާޓީން ބުނެފައި ވަނީ މިކުޑަ މުޖުތަމައުގައި މިފަދަ ޖަރީމާތައް ޖެހިލުމެއް ނެތި ހިންގަން މެދުވެރިވާ ސަބަބުތައް އިތުރަށް ދެނެގަތުމަށާއި، ހަށި ފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުގަދަ އަޒުމަކާއެކު ހަރުދަނާ ގޮތެއްގައި މުޅިދައުލަތް އެކުގައި މަސައްކަތްކުުރުން ނުހަނު މުހިންމު ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!