ޚަބަރު

ގާޒީ ހަސަންގެ މައްސަލަ ނުބަލާ ކަމަށް ވިދާޅުވެ އުޝާމްގެ ފާޑުކިޔުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދައުވާތަކާ ގުޅިގެން ކުރިއަށްދާ ޝަރީއަތް ބައްލަވާ ގާޒީ ހަަސަން ސައީދު ތަކުރާރުކޮށް ގާނޫނާ ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާއިރު އޭނާގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނުބަލާ ކަަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް ހަ ދައުވާއެއް ކޮށް، އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފައި ވަނިކޮށް، ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ވެސް ބާތިލު ކުރީ ގާޒީ ހަސަންއެވެ. އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނި ނަމަވެސް، އެ ކޮމިޝަނުން އެހެން މައްސަލަތައް ބަލަމުންދާ ފަދަ އެއްވެސް ހަލުވި ކަމެއް ނެތްކަން އެތައް ބަޔަކު ފާހަގަކޮށް ފާޑުކިޔައިފައި ވެއެވެ.

ޖޭއެސްސީން އޭރު ބުނެފައި ވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ މީހާ ފުރުން މަނާ ކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރަން ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާއި ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގަން ހުރަސް އެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާ މެދު އަމަލު ކުރާ ގޮތާ ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.

މިކަންކަމަށް އިޝާރާތް ކުރައްވާ މެންބަރު އުޝާމް މިރޭ ވިދާޅުވީ އަލީ ވަހީދު ފުރުވައިލީ ވެސް ގާނޫނާ ހިލާފަށް ކަަމަށާއި މިހާރު ޝަރީއަތް ހިންގަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ.

"އެއް ގާޒީއެއް. ތަކުރާރުކޮށް ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާއިރު ވެސް މި ގާޒީގެ މައްސަލަ ޖޭއެސްސީއަށް ވެސް ބެލޭ ކަމަކަށް ނުވި. ސިޔާސީ ފަރާތްތަކުގެ ނުފޫޒު ޖުޑީޝަރީގައި އޮތްހާ ދުވަހަކު އިންސާފު ގާއިމެއް ނުކުރެވޭ" މެންބަރު އުޝާމް ވިދާޅުވިއެވެ.

ބޭސް ފަރުވާއަށް ކަމަށް ބުނެ މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅިގެން މިދިޔަ ފެބްރުއަރީ ނުވަވަނަ ދުވަހު ދެ ފަރާތުން ހުށަހަޅާ ކަންކަން ހުށަހެޅުމަށް 10 ދުވަސް ކޯޓުން ދިނެވެ. އެ މުއްދަތުގެ ތެރޭގައި ދައުލަތުން ހުށަހެޅުންތަކެއް ހުށަހެޅި ކަމަށާއި ނަމަވެސް އިއްޔެ އޮތް އަޑުއެހުމާ ހަމައަށް އަލީ ވަހީދުގެ ފަރާތުން އެއްވެސް ކަމެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ޕީޖީ އޮފީހުން މިއަދު ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!