ޚަބަރު

މިސްކިތުގައި މާރާމާރީ ހިންގި މީހުން އަދި ހައްޔަރެއް ނުކުރޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ސުވަރުގެއަކަށް ނުދާނެ" ކަމަށް ބުނެ ހުޅުމާލޭގައި ހުންނަ މިސްކިތެއްގައި ދެ މީހަކު މާރާމާރީ ހިންގައިފިއެވެ.

Ads by STELCO

މި މާރާމާރީގެ ވީޑިއޯއެއް މީސް މީޑިއާގައި މިހާރު އާންމުވެފައިވާ އިރު، އޭގެން ފެންނަނީ ވަރަށް ރުޅި އައިސްގެން ހުރި މީހަކު، "ޤުރްއާން ޖަހަން ޖެހޭނީ ތިމަންނާ ހުރަސް ކޮށްފައޭ" ބުނާ މަންޒަރެވެ. އޭގެ އިތުރުން ވެސް އެ މީހާ އެއްޗެހިތަކެއް ކިޔައެވެ.

ހަޑި ހުތުރު ބަހުން އެ ފިރިހެންމީހާ އެ މިސްކިތުގައި ތިބި ބަޔަކާ ދިމާލަށް އެއްޗެހި ގޮވަނިކޮށް، އޭނާގެ ފަހަތަށް އެހެން ފިރިހެނަކު ގޮސް އެ މީހާގެ ބޮލުގައި އަތް ދަމައިފައި ވަރަށް ބާރަށް ޖަހާ ތަން ވެސް ފެނެއެވެ. އަދި އެއަށް ފަހު ދެ މީހުން ވެސް މާރާމާރީ ހިންގައި ކުރިން ރުޅި އައިސްގެން ހުރި މީހާ އިތުރަށް ހަޑި ހުތުރު ބަހުން އެއްޗެހި ގޮވާ އަޑުވެސް އިވެއެވެ. ކުރުތާއެއް ލައިގެން ހުރި މީހެއް ގައިގައި ޖަހަމުން ދިޔަ އިރު، އެ މީހާ "ސުވަރުގެއަކަށް ނުދާނެ" ކަމަށް ވެސް ބުނެއެވެ.

މި މައްސަލައާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ 171 ފްލެޓު ކައިރީގައި ހުންނަ ވަގުތީ މިސްކިތަށް ވަދެ އަޑުގަދަކޮށް މީހުންނަށް އުނދަގޫކުރި މީހަކަށް، އެކަންތައް އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި މީހަކާ މާރާމާރީ ހިންގި މައްސަލައެއް މިރޭ 6:38 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މާރާމާރީގައި އެކަކަށް ކުދި އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!