މިއަހަރު ތެރޭ ސްމާރޓް މީޓަރު ގަންނަން ހުޅުވައިލެވޭތޯ މަސައްކަތް އެބަކުރަން: މުޣުނީ
މިއަހަރު ތެރޭ އާއްމުނަށް ސްޓެލްކޯގެ ސްމާރޓް މީޓަރ ގަންނަށް ހުޅުވައިލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެެއެވެ.
ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުޣުނީ ވިދާޅުވީ ސްމާރޓް މީޓަރ ބެހެއްޓުމަށް މާލޭގައި ވެސް އަދި ހުޅުމާލޭގައި ވެސް އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް ނިމިފައިވާ ކަމަށާއި މިއަހަރު ތެރޭ އާއްމުންނަށް މީޓަރ ގަންނަން ހުޅުވައިލާނެ ކަމަށެވެ.
މުޣުނީ ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ސްމާރޓް މީޓަރ ހަރުކޮށްގެން ޓެސްޓިން މަރުހަލާ ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ.
"ހަމައެއާ އެކު އަޅުގަނޑުމެން ސްމާރޓް މީޓަރ ގެނެސް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށް އަޅުގަނޑުމެން ބެލިން އޭގެން ބޭނުންވާ މައުލޫމާތު ބޭނުންވާ ގޮތަށް ޓްރާންސްމިޓް ކުރޭތޯ. އެހެންވީމަ ޓެސްޓިންފޭސް އަޅުގަނޑުމެން އެއަށް މިކިޔަނީ ޕްރޫފް އޮފް ކޮންސެޕްޓް އެކަންތައް އަޅުގަނޑުމެން މިހާރު ނިންމައިފިން." މުޣުނީ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ހުޅުމާލެއަށް ބޭނުންވާ 7000 ސްމާރޓް މިހާރު ވެސް ލިބިފައި އެބަހުރި ކަމަށާއި އެ މީޓަރުތައް މަސައްކަތް ކުރާ ފަރާތްތަކަށް ހަވާލުކޮށް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށް ވެސް މުޣުނީ ވަނީ ވިދާޅުވެފައެވެ. އަދި މީޓަރތައް ހަރުކުރުމަށް ފަހު އަނެއްކާ ވެސް ޓެސްޓިން މަރުހަލާ ކުރިއަށް ގެންދާނެކަމަށް މުޣްނީ ތަފްސީލް ކޮށްދެއްވިއެވެ.
"އަޅުގަނޑުމެން އަތުގަ އެބަހުރި ހުޅުމާލެއަށް ބޭނުންވާ 7000 މީޓަރ. އޭގެ ތެރެއިން އެއްބައި އެއްޗެހި އެމަސައްކަތް ކުރާ ފަރާތްތަކަށް ހަވާލުކޮށްފައި ވާނީ އެ މީޓަރުތައް ހަރުކުރަން. އެހެންވީމަ ހަރުކޮށް ނިންމުމާ އެއްކޮށް. އަޅުގަނޑުމެން އަނެއްކާވެސް އޭތި އަޅުގަނޑުމެން ބޭނުންވާ ގޮތަށް މަސައްކަތް ކުރޭތޯ ޓެސްޓިން ކުރިއަށް ގެންދާނަން."
މީގެ އިތުރުން ވެސް މީޓަރތަކާ އެކު ބޭނުންކުރުމަށް ސްމާރޓް އެޕްލިކޭޝަނެއް ތައްޔާރުކުރަމުން ދާކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ، މިއެޕްލިކޭޝަނުގެ ޒަރީއާއިން އެބޭފުޅަކަށް އެބޭފުޅެއްގެ ގޭގެ މީޓަރާ ގުޅޭ މައުލޫމާތުތައް ލިބުމާއި މީޓަރު ކޮންޓްރޯލް ކުރުން ފަދަ ހުރިހާ ކަމެއް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއެޕްލިކޭޝަންގެ މަސައްކަތް މިހާރު ވަނީ އާއްމުންނާ ހަމައަށް ދޫކޮށްލުމުގެ ކުރިން ކުރަން ޖެހޭ ޓެސްޓިންގެ މަރުހަލާގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.