ކޮންމެ އަހަރަކު 1 ފަހަރު ވެކްސިން ބޫސްޓަރއެއް ޖަހަން ޖެހިދާނެކަމުގެ ބިރު
ކޮވިޑް-19އިން ރައްކާތެރިވުމަށް ކޮންމެ އަހަރަކު އެއްފަހަރު ވެކްސިން ބޫސްޓަރއެއް ޖަހަން ޖެހިދާނެ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯއިން މިހާރު ވަނީ މިކަމާ ގުޅޭގޮތުން ރިޕޯޓެެއް ތައްޔާރުކޮށްފައެވެ. އެ ރިޕޯޓާ ގުޅޭ މަޝްވަރާތައް ކަމާ ބެހޭ އިދާރާތަކާ އެކު އަންނަ ބުރާސްފަތި ދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ އަހަރަކު ވެކްސިން ބޫސްޓަރއެއް ޖަހާނީ އުމުރުން ދުވަސްވީ މީހުންނަށާއި ދިގު މުއްދަތަކަށް ފަރުވާ ކުރާ ބަލި މީހުންނަށް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އަދި އާބާދީގެ އެހެނިހެން ފަރާތްތަކަށް 2 އަހަރުން މި ބޫސްޓަރ ޖަހަން ޖެހިދާނެ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުނެއެވެ.
ވެކްސިން އުފެއްދުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މޮޑާނާ އަދި ފައިޒާ ވެކްސިން އުފައްދާ ކުންފުނިތަކުން ވެސް ބުނެފައި ވަނީ ކޮންމެ އަހަރަކު ވެކްސިން ބޫސްޓަރއެއް ޖަހަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މިކަން މި ގޮތަށް ކުރަން ޑަބްލިއުއެޗްއޯއިން އަދި ހުއްދަ ދީފައެއް ނުވެއެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ 2.5 ބިލިއަން ޑޯޒް މިހާތަނަށް އެކި ގައުމުތަކަަށް ފޮނުވާފައިވާކަމަށް ވެސް ޑަބްލިއުއެޗްއޯއިން ތައްޔާރުކުރި ރިޕޯޓުގައި ވެއެވެ. އެގޮތުން ގިނަ ގައުމުތަކުގައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ އެއް ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށާއި ފަގީރު ގައުމުތަކުން ވެކްސިން ޖަހާ އަދަދު އިންތިހާއަށް މަދުކަމަށް ވެސް ރިޕޯޓުގައި ބުނެފައިވާކަމަށް ބޭރުގެ ޚަބަރުތައް ބުނެއެވެ.
ކޮންމެ ކަމެއްވެސް ވިޔަފާރިއަށް ގޮސް ހުސްވެއްޖެ..