ޚަބަރު

ދެމި އޮންނާނީ ރައްޔިތުންނަށް ޙައްޤު ހޯދައި ދިނުމަށް: އެމްޑީޕީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަރުކާރު ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ޙައްޤު ހޯދައި ދިނުމަށް ކަމުގައި އެ ޕާޓީން ބުނެފިއެވެ.

Ads by STELCO

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ޕާޓީގެ އަޒުމާއި ހިތްވަރާއި ސާބިތުކަމަށް ގުޑުން ގެނައުމަށް ޓަކައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއަށް ފަހު ވެސް، އެމަނިކުފާނާއި އެ ޕާރޓީ އަބަދު ވެސް ދެމި އޮންނާނީ، އެމްޑީޕީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށް ކަމަށެވެ.

ސޯޅަވަނަ އަހަރީ ދުވަސް ފާހަގަކުރަން ޖެހިފައި މިވަނީ އެ ޕާރޓީގެ އެންމެހައި މެމްބަރުންނަށާއި ޕާޓީއަށް ތާޢީދުކުރާ އެންމެހައި ފަރާތްތަކަށް ނުހަނު ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ދަނޑިވަޅެއްގައި ކަމަށާއި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާގައި، އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވެ، ޒަޙަމްކޮށްލާފައިވާ ވަގުތެއްގައިކަން ވެސް އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

"މި ޓެރަރިސްޓް ޙަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޙަމަލާއެއްގެ އިތުރަށް، މި ޕާޓީގެ ފިކުރަށާއި މި ޕާޓީ ބިނާވެފައިވާ އަސްލުތަކަށާއި މި ޕާޓީގެ ނުގުޑާ އަޒުމަށާއި ހިތްވަރަށް ދިން ޙަމަލާއެއް. ނަމަވެސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ފަދައިން މި ފިކުރަކީ މި ޤައުމުން އަލުން ފޮހެލެވޭނޭ ފިކުރެއް ނޫން" އެމްޑީޕީން ބުނެފައިވެއެވެ.

އެމް.ޑީ.ޕީއަކީ ދިވެހިންނަށް ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ފަރުދީ މިނިވަންކަމާއި އިންސާނީ ޙައްޤުތަކާއި އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރެއް ކަމަށާއި އެއީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެސީގެ ޙަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލު ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!