ޑައިވިންގަށް ގޮސް އުޅެނިކޮށް ފުޅިއެއްގެ ތެރެއިން ފެނުނީ 1926 ވަނަ އަހަރު މީހަކު ލިޔެފައިވާ ނޯޓެއް

މީހެއްގެ އެހާ ދުވަސްވީ މެސެޖެއް، ކަނޑުއަޑިން ފުޅިއެއްގެ ތެރެއިން ފެނިއްޖޭ ބުނުމުން އެ ވާހަކަ ޤަބޫލު ކުރާނެ މީހުން ވަރަށް މަދު ވާނެއެވެ. މިއީ ހަމައެކަނި ފިލްމުތަކުން ފެންނަ މަންޒަރުތަކެއް ކަމަށް ކުރިން ސިފަ ވެފައިވީ ނަމަވެސް ދާދި ފަހުން މިފަދަ ހާދިސާއެއް ހަމަ ހަގީގަތުގައި ވެސް މި ވަނީ ހިނގައިފައެވެ.
މިޝިގަން ކޯރު އަޑީގައި ޑައިވިންގަށް ގޮސް އުޅުނު ޖެނިފާ ޑައުކަރއަށް އެ ކޯރު އަޑިން މީގެ ދެ ހަފްތާ ކުރިން ފެނުނީ ފެހި ކުލައިގެ ކުޑަ ފުޅިއެކެވެ. އެ ފުޅީގެ ރީތިކަމުން ޖެނިފާ އޭތި ނެގި ކަމަށާއި އެތެރޭގައި އެއްޗެއް އޮތްހެން ހީވެގެން ބަލާލިއިރު ފެނުނީ ކުޑަ ނޯޓުކޮޅެއް ކަމަށް ޖެނިފާ ބުންޏެވެ.
"އެ ނޯޓުގައި ލިޔެފައި އޮތީ، އެ ނޯޓު ލިބޭ މީހަކު މިޝިގަންގައި އުޅޭ ޖޯޖް މެރޯ ޗެބޯއިގަން އަށް އެ ފުޅި ރައްދު ކޮށްދިނުމަށް. އަދި ބުނެފައި ވަނީ ފުޅި ފެނުނީ ކޮންތަނަކުންކަން ވެސް އޭނަ ގާތުގައި ބުނުމަށް" ޖެނިފާ ބުނެފައިވެއެވެ.
ޖެނިފާ ބުނީ އެ ނޯޓު ލިޔެފައި ވަނީ 1926 ނޮވެމްބަރު މަހުގައި ކަމަށް ވެސް ލިޔެފައިވާ ކަމަށެވެ.

"ނޯޓިކަލް ނޯތު ފެމިލީ އެޑްވެންޗާސް" ނަމަކަށް ކިޔާ ޓުއާ ކޮމްޕެނީއެއްގެ ވެރި ފަރާތް ކަމުގައިވާ ޖެނިފާ ވަނީ އޭނާއަށް ފެނުނު އެ ތަކެތީގެ ފޮޓޯ މީސްމީޑީއާގައި ވެސް ހިއްސާ ކޮށްފައެވެ. އަދި ޖޯޖްގެ އާއިލާއަށް ނިސްބަތްވާ އެއްވެސް މީހަކު ހުރިނަމަ އަންގައި ދިނުމަށް ވެސް ޖެނިފާ އެދިފައިވެއެވެ.
ޖޯޖް ހޯދުމަށް އޭނާ ކުރި މަސައްކަތް، އެ ޕޯސްޓުގެ ސަބަބުން ކާމިޔާބު ވެސް ވިއެވެ. މިހާރު ދުނިޔޭގައި ނެތުމުން ޖޯޖްއާއި ޖެނިފާ ބައްދަލު ނުވި ކަމުގައި ވިޔަސް، އޭނާއަށް ވަނީ ޖޯޖްގެ ދަރިފުޅު މިޝޭލްއާ ބައްދަލު ވެފައެވެ.
އުމުރުން 74 އަހަރުގެ މިޝޭލް ބުނީ އެ ނޯޓު ލިޔެފައި ވެސް ވަނީ އޭނާގެ ބައްޕަ ކަމަށާއި ނޯޓު ފެނުމުން އެއީ ބައްޕަގެ ލިޔުންކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި އެ ފުޅިއާއި ނޯޓާ ބެހޭ ގޮތުން އޭނާ ގާތު ޖޯޖް މަރުވުމުގެ ކުރިން ބުނި ކަމަށް ވެސް މިޝޭލް ބުނެފައިވެއެވެ.
ވޯވް
ވވ