ކުޅިވަރު

ވަރުގަދަ ނެދަރލޭންޑްސް ކަޓުވައިލާ ޗެކް ރިޕަބްލިކް ކުއާޓާއަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޔޫރޯ 2020ގެ ގަދަ ސޯޅައިގެ މެޗުތަކުގެ ތެރެެއިން ރޭ ނެދަރލޭންޑްސްއާއި ޗެކް ރިޕަބްލިކާ ބައްދަލު ކުރި މެޗު ޗެކް ރިޕަބްލިކުން ކާމިޔާބު ކޮށްފިއެވެ.

Ads by STELCO

މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް މީހުން ގަބޫލު ކުރި ނެދަރލޭންޑްސް ރޭގެ މެޗުން ބަލިވެ މުބާރާތާ އަލްވަދާއު ކީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗުގައި ނެދަރލޭންޑްސްގެ ފަރާތުން ފުރަތަމަ ހާފުގައި ވަރަށް ރަނގަޅު ކުޅުމެއް ފެނުނެވެ. ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް އެޓީމުން ތަނަވަސް ކުރި ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ. އެގޮތުން އެ ޓީމުގެ ޑިފެންޑަރު މަޓައިސް ޑީ ލިޓަންއަށް ލިބުނު ހުސް ފުރުސަތު ފާހަގަ ކޮށްލެވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނު އިރު ނެދަރލޭންޑްސްއަށް ދިމާވި މައްސަލައަކީ އެ ޓީމުގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމެވެ. އެ ޓީމުގެ ޑިފެންޑަރު ޑި ލިޓަށް ރެފްރީ ރަތްކާޑު ދެއްކީ ވީޑިއޯ އެސިސްޓް ރެފްރީ (ވީއޭއާރު) ބަލައިގެންނެވެ. ރެފްރީ ނިންމީ އޭނާ ގަސްތުގައި ބޯޅައިގައި އަތްލީ ކަމަށެވެ.

10 ކުޅުންތެރިންނާ އެކު ނެދަރލޭންޑްސްއަށް ކުޅެން ޖެހުމުން އެކަމުގެ ފައިދާ ވަރަށް ވެސް ރަނގަޅަށް ޗެކް ރިޕަބްލިކުން ނެގިއެވެ. މެޗުގެ 55 ވަނަ މިނެޓުގައި ޑި ލިޓަށް ރަތްކާޑު ދެއްކި އިރު އޭގެ 13 މިނެޓު ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ތޯމަސް ހޯލްސްއެވެ. މެޗުގައި ޗެކް ރިޕަބްލިކްގެ ދެވަނަ ގޯލު 80ވަނަ މިނެޓުގައި ޖަހައިދިނީ ޕެޓްރިކް ޝިކްއެވެ.

މި މޮޅާއެކު ޗެކް ރިޕަބްލިކް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާއިރު ކުއާޓާގައި އެ ޓީމު ވާދަ ކުރަން ޖެހޭނީ ޑެންމާކާއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!