ރިޕޯޓް

މިއަދު ދިން ލުއިތައް: އަނެއްކާވެސް "ސޭމް މިސްޓޭކް" ތަ؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް19އާ އެކު ރާއްޖެ މި ހޭދަކުރި ދޮޅު އަހަރަކީ އުނދަގޫ، ހިތްދަތި، ވޭނުން ފުރިގެންވީ ދޮޅު އަހަރެވެ. ލޯބިވާ މީހުންނާ ވަކިން ދުވަސްތަކެއް ހޭދަކުރަން ޖެހުނު ވޭނީ ދޮޅު އަހަރެވެ.

Ads by Sosun Fihaara

ކޮވިޑް19 ގައި ރައްޔިތުންނަށް އެންމެ ބޮޑު ބުރައަކަށްވީ ރަށަށް ދިޔުމަށް ފަހު ވާން ޖެހުނު ކަރަންޓީނެވެ. ލޯބިވާ އަނބިދަރިން ފެނި ދަރިން އުރައި ނުލެވި ބައްދައިނުލެވި ދުރުގައި ބަލަން ހުރުން އެއީ ކެތްކުރަން ދަތި ދުވަސްތަކެކެވެެ. ކޮންމެ ދިވެއްސަކު ވެސް ހާއްސަކޮށް މާލެއާއި ރިޒޯޓްތަކުގައި ވަޒީފާގައި އުޅޭ ދިވެހިންގެ އެންމެ ބޮޑު އިންތިޒާރަކަށްވީ "ކަރަންޓީނު ޖަލަށް"ނުގޮސް އާއިލާއާއި އަނބިދަރިން ގާތަށް ދެވޭނެ ދުވަހެކެވެ.

ކަރަންޓީން ނުވެ "ހާއްސަ ހުއްދަ"އިގެ ދަށުން ރަށްރަށަށް ދަތުރުކުރި މީހުންގެ ސަބަބުން ވެސް ބައެއް ރަށްރަށުގައި ކޮވިޑް ވަނީ ފެެތުރިފައެވެ. ކަން މިހެން ހުރި ނަމަވެސް ކޮވިޑް19 ގެ މިހާލަތުގައި ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ އުސޫލެއް މީގެ ކުރިން ވެސް ވަނީ އާއްމުކޮށްފައެވެ. އެއުސޫލަށް އަމަލު ކުރަން ފެށިތާ މާގިނަ ދުވަހެއް ނުވެ ރާއްޖޭގެ ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ އަނެއްކާ ވެސް އުސޫލުތައް ހަރުކަށިކޮށް ޒަރޫރީ ބޭނުމަށް ކުރާ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރެވޭ ގޮތަށް ހަމަޖައްސައި މާލޭގައި ކާފިއުގެ ވަގުތު ވަނީ ދިގުކޮށްފައެވެ.

އުސޫލުތައް ހަރުކަށިކުރުމާ އެކު ރާއްޖޭގެ ކޮވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އައިސްފައިވާއިރު މިއަދު މިވަނީ އަނެއްކާ ބޮޑެތި ލުއިތަކެއްދީފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވުނު ލުޔަކީ ކޮވިޑް-19 ޖެހުނުތާ ދެ މަސް ނުވާ ނަމަ ކަރަންޓީންވުމަކާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނެ ގޮތަށް ހަމަޖެއްސި ލުޔެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކޮވިޑް ޖެހިފައި ތިބި މީހުން ބަލިން ފަސޭހަވިތާ 60 ދުވަސް ނުވާ ނަމަ އެފަދަ މީހުންނަށް ކަރަންޓީނާ ނުލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ.

ކޮވިޑުން ރަނގަޅުވެފައިވާ މީހުންނަށް ލުއިތަކެއް ދިން ނަމަވެސް، ވެކްސިންގެ ދެ ޑޯޒު ޖަހައިފައިވާ މީހުންނަށް ލުއިތަކެއް އަދި ދީފައިނުވާއިރު ޖުލައި މަހުގެ ތެރޭގައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިއްޖެނަމަ، ލުއިތަކެއް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

މީގެ އިތުރުން އަންނަ މަހު އެކަކުން ފެށިގެން ދޭނެ ލުއިތަކާ މެދު ވާހަކަފުޅު ދައްކަވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިހާރު މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ގަޑި ރޭގަނޑު 8:00އިން އަނެއް ދުވަހުގެ ފަތިހު 4:00އަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

ހަމައެހެންމެ، މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މެދުކަނޑައިލައިފައި އޮތް ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓޫރިސްޓް ވިސާ ދިނުން ވެސް ވަނީ ބަދަލު ކޮށްފައެވެ. ރައީސް ވިދާޅުވީ ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ވިސާ ދޫކުރަން ނިންމި ނަމަވެސް އެކަން ފަށާނީ ކުރިއަށް މިއޮތް ދުވަސްތަކުގައި ރާއްޖޭގެ ކޮވިޑް ނަންބަރުތަކަށް ވަމުންދާ ގޮތް އަދިވެސް އިތުރަށް ބެލުމަށް ފަހު ކަމަށެވެ.

މިއަދު އިއުލާނު ކުރި ލުއިތަކުގެ ތެރޭގައި ކާފިއު ނޫން ގަޑިތަކުގައި ފާސް ނެތި ބޭރަށް ނުކުމެވޭ ގޮތް ހެދުމާއި، ހުރިހާ ވިޔަފާރިތަކެއް ވެސް އެ ގަޑީގައި ހުޅުވޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. މީގެ އިތުރުން ކެފޭ ރެސްޓޯރަންޓްތަކުގައި ވެސް އެ ގަޑިތަކުގައި އާންމުކޮށް ހުޅުވައިލުން ހިމެނެއެވެ.

ވެކްސިނުގެ ދެވަނަ ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ދަތުރު ކުރެވޭ ގޮތް ހަދާ އެކަން އިއުލާނުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ރަައީސް ޞާލިޙެވެ. މިގޮތުން އޭރު ލުއި ދީފައި ވަނީ ވެކްސިނުގެ 2 ވަނަ ޑޯޒަށް ދެހަފްތާވެފައިވާ މީހުންނަށެވެ.

ވެކްސިން ފުރިހަމަ ކުރި ފަރާތްތަކަށް ކަރަންޓީން ލުއި ދިން އިރު ރާއްޖޭގައި ދުވާލެއްގެ މައްޗައް ކޮވިޑަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު ހުރީ 100އިން ދަށުގައި ކަން ފާހަގަކޮށްލެވެއެވެ.

އެހެން ނަމަވެސް ކަރަންޓީނަށް ދިން ލުޔާއި ވޯޓު ލުމަށް ޓަކައި ދިން މާސިންގާ ލުއީގެ ސަބަބުން ޖެހިގެން އައި މެއި މަހަކީ ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާތަނަށް އެންމެ ގޯސްވި މަހެވެ. މިގޮތުން ދުވާލެއްގެ މައްޗައް ބައްޔައް ފައްސިވީ މީހުންގެ އަދަދު ހާހުން މަތިވެ ގޮސް ދެހާހަށް ވެސް އަރައިގެން ދިޔައީ ހީނުކުރާހާ ހަލުވިކޮށެވެ.

މުޅި ރާއްޖެއަށް ކޮވިޑްގެ މޫތައް ފެތުރި މެއި މަހުގެ 23 ވަނަ ދުވަހާ ހަމައަށް އައިއިރު މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގެ ޖުމްލަ އަދަދު 70އަށް ވަނީ އަރައިފައެވެ. ބައެއް ރަށްރަށުގެ ހާލަތު ގޯސްވެ މީހުން ވެސް މަރުވެފައިވެއެވެ.

މިދިޔަ މެއި ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހުގެ ތެރޭގައި ހާލަތު އެންމެ ގޯސްވީ ދުވަސްތަކެވެ. ބަލީގައި މަރުވާ މީހުން ރެކޯޑް އަދަދަކަށް އިތުރެވެ. މެއި މަހުގެ ތެރޭގައި 50 މީހަކު ވަނީ މަރުވެފައެވެ. މި މުއްދަތުގައި 24،530 މީހަކަށް ބަލިޖެހިފައިވެއެވެ. މިއީ ދުވާލަކު 1،000އަށް ވުރެ މަތީ އަދަދެކެވެ.

ކަން މިހެން ހުރި އިރު ކޮވިޑް19 ގައި ދިވެހިންގެ ހާލަތު ހުރި ގޮތުން މިވަގުތު މި ލިބުުނު ލުއިތަކަކީ ހިތްހަމަޖެހުމެއް ނަަމަވެސް މި ލުއިތަކުގެ ސަބަބުން ދެން ނުކުމެދާނެ ނަތީޖާއަކާ މެދު ވެސް ވިސްނައިލުމަކީ މުހިންމުކަމެކެވެ. ސަބަބަކީ ކޮވިޑް19އަކީ އެކަކަށް ދެ ފަހަރު ވެސް ޖެހޭ ބައްޔެއްކަން ސާބިތުވެފައިވުމެވެ. އަދި ހަމައެހެންމެ ކޮވިޑް19ގެ ކަރަންޓީނަށް ދިން ލުއިތަކުގެ ހިތި ރަހަ ދިވެހިންގެ އަރު ތެރޭގައި އަދިވެސް ނުފިލާ ހުރިކަމެވެ.

Ads by HDC
  1. ބޮލި

    މަހެއް ދެމަހެއް ފަހުން އަނެއް ލޮކްޑައުންނަށް ރެޑީވާށެވެ. އަދި ޓޫރިސްޓް ސީޒަނާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެނީ ހިތްދަތި ކަމާއެކި

  2. ގަމު މީހާ

    ލުއި ދޭވަރެއް އަދިނުވޭ.. އެކަމް ލުއި ނުދީގެންވެސް އަދި ލުއި ދީގެންވެސް ސަރުކާރު ކުއްވެރިވާތަން ފެންނަނީ.. ރަނގަޅު ގޮތެއް އެއްގޮތެއްވެސް ނެތް ރައްޔިތުންނައް

  3. ޓަކި މޫނާ

    ލުއި ދިނީމަ އެކަމާ ދެކޮޅަށް އެންމެ ބާރަށް ހަޅޭލަވާ އުޅޭނީ ސަރުކާރު އޮފީސްތަކުގެ މަސައްކަތް ކުރާ މީހުންތަކޭ. އޮފީހަށް ނުގޮސް މުސާރަ ނަގާގެން ގޭގަ އޮވެވޭނީ އޭރުން ވިއްޔަ. ވަޓްއިޒްދިޒް؟